ޚަބަރު
އޮފިސަރުންގެ ޤާބިލުކަން އިތުރުކުރުމަށް 115 ބައިވެރިންނާއެކު ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯސް ފަށައިފި
ކޯސް ފެށުން/ފޮޓޯ: ކަރެކްޝަންސް
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް) ގެ އިންސްޓިޓިއުޓް ފޯރ ކަރެކްޝަނަލް ސްޓަޑީޒް އިން ހިންގާ "ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް" ކޯހުގެ 3 ބެޗް އިއްޔެ ފަށައިފިއެވެ.
ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯހުގެ 6، 7، އަދި 8 ވަނަ ބެޗްގައި ޖުމްލަކޮށް 115 އޮފިސަރުންނާއި މުވައްޒަފުން ބައިވެރިވެފައިވާކަމަށް ކަރެކްޝަންސް އިން މަޢުލޫމާތުދެއެވެ.
އެއް އަހަރު ދުވަހުގެ މުއްދަތަށް ކުރިއަށްދާ ޑިޕްލޮމާ އިން ކަރެކްޝަނަލް މެނޭޖްމަންޓް ކޯސް ފަރުމާކޮށްފައިވަނީ އެމްސީއެސްގެ މަސައްކަތްތަކަށް ޚާއްޞަކޮށެވެ. މި ކޯހުގެ މައިގަނޑު މަޤްޞަދަކީ ޕްރިޒަން އޮފިސަރުންނަކީ ތަޢުލީމީ ގޮތުންނާއި ހުނަރުގެ ގޮތުން ޤާބިލް ބަޔަކަށް ހެދުމާއި، މެނޭޖްމަންޓް ލެވަލްގައި ދިމާވާ މައްސަލަތައް ހައްލުކުރާނެ ގޮތްތައް ދަސްކޮށްދިނުންކަމަށް ކަރެކްޝަންސް އިން ވަނީ ވިދާޅުވެފައެވެ
މިއީ ރާއްޖޭގައި މިދާއިރާ އިން ހިންގާ ފުރަތަމަ ކޯހަށްވީއިރު، މިކޯސް ފުރިހަމަކުރާ ފަރާތްތަކަށް މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން ލެވެލް 5 ގެ ފެންވަރަށް ބަލައިގަންނަ ސެޓްފިކެޓެއް ލިބިގެންދާނެއެވެ.
މި ކޯހުގެ މޮޑިއުލްތައް ކިޔަވާދެއްވާނީ އައިކޯސްޓްގެ މުދައްރިބުންނާއި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ފަންނީ ބައެއް އޮފިސަރުންނާއި ސިވިލް މުވައްޒަފުންނެވެ.