Ads by Farudhun

ޚަބަރު

ޔޫއެންއޯޑީސީން ރާއްޖެއަށް ހަދިޔާކުރި ޑްރަގް ޓެސްޓް ކިޓްތައް ކަސްޓަމްސްއާއި ފުލުހުންނަށް ހަވާލުކޮށްފި

ޔޫއެންއޯޑީސީން ރާއްޖެއަށް ހަދިޔާކުރި ޑްރަގް ޓެސްޓް ކިޓްތައް ކަސްޓަމްސްއާއި ފުލުހުންނަށް ހަވާލުކޮށްފި

ކިޓްތައް ހަދިޔާކުރުން/ފޮޓޯ: ދާޚިލީ ވުޒާރާ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

17 އޭޕްރީލު 2026، 03:08

17 އޭޕްރީލު 2026، 03:08

ޔޫއެންއޯޑީސީން ރާއްޖެއަށް ހަދިޔާކުރި ޑްރަގް ޓެސްޓް ކިޓްތައް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއާއި ދިވެހި ފުލުހުންގެ ޚިދުމަތާ ހަވާލުކޮށްފިއެވެ.

މިއީ މިދިޔަ ޖެނުއަރީ މަހު ޔޫއެންއޯޑީސީން ނޭޝަނަލް ޑްރަގް އޭޖެންސީއަށް ހަދިޔާކޮށްފައިވާ ކިޓުތަކެކެވެ. މި ތަކެތި ފުލުހުންނާއި ކަސްޓަމްސްއަށް ހަވާލުކުރުމަށްޓަކައި ވަނީ ރަސްމިއްޔާތެއް ބާއްވާފައެވެ.

ޔޫއެންއޯޑީސީއިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ޓެސްޓް ކިޓުތަކުގެ ތެރޭގައި ހިމެނެނީ، 30 ޑްރަގް ޓެސްޓް ކިޓާއި، 30 ޕްރިކާސާރ ކެމިކަލް ކިޓުގެ އިތުރުން 180 ޕޮކެޓް ކެމިކަލް ޓެސްޓް ކިޓެވެ. މީގެ އިތުރުން، ޓެސްޓް ކިޓުތައް ބޭނުންކުރާނެ ގޮތުގެ ތަމްރީން ވީޑިއޯތައް ހިމެނޭ 5 ޔޫއެސްބީ ޑްރައިވްވެސް ވަނީ ހަދިޔާ ކޮށްފައެވެ. މީގެ ތެރެއިން ކަސްޓަމްސްއަށް ވަނީ، 20 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 60 ޕޮކެޓް ކިޓްސް ހަވާލުކޮށްފައެވެ. ހަމަ އެއާއެކު، 40 ޑްރަގް އަދި ޕްރިކާސާރ ކިޓާއި، 120 ޕޮކެޓް ކިޓް ފުލުހުންނާ ހަވާލުކޮށްފައިވެއެވެ.

މި ޓެސްޓް ކިޓުތަކަކީ އެއް ކިޓުން 500 ޓެސްޓް ކުރެވޭނެ ގޮތަށް ފަރުމާ ކޮށްފައިވާ ކިޓުތަކެކެވެ. އަދި މި ކިޓުތައް ތައްޔާރުކޮށްފައިވަނީ، ވަގުތު ސަލާމަތްކޮށް، ޞައްޙަ ނަތީޖާ ފޯރުކޮށްދިނުމުގެ އިތުރުން ހެއްކެއްގެ ގޮތުގައި ބޭނުން ކުރެވޭގޮތަށެވެ. މި ޓެސްޓް ކިޓުތަކަކީ، އާއްމުކޮށް ރާއްޖެއަށް އެތެރެކުރާ މަސްތުވާތަކެތީގެ 10 ބާވަތް ޓެސްޓް ކުރެވޭނެހެން ތައްޔާރު ކޮށްފައިވާ ކިޓުތަކެކެވެ.

ކަސްޓަމްސް އާއި ފުލުހުންނަށް މިތަކެތި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެންޑީއޭގެ އެކްޓިން ސީއީއޯ މުޙައްމަދު ރާޝިދު ވިދާޅުވީ، ފެކްޓްރީތަކުގައި ތައްޔާރު ކޮށްގެން އުފައްދާ މަސްތުވާތަކެތި އާންމުވަމުންދާ ކަމަށެވެ. މިއާއެކު މަސްތުވާތަކެތީގެ ވަބާގައި ޖެހިފައި ތިބި މީހުން އެކަމުން ސަލާމަތް ކުރުމަށް މީގެ ކުރިން ބޭނުން ކުރަމުންދާ އުކުޅުތައް ބަދަލުކުރަންޖެހޭ ކަމެށެވެ.

ނަމަވެސް ދުނިޔޭގައިވެސް މިފަދަ މަސްތުވާތަކެއްޗަށް ފަރުވާދިނުމަށް ޚާއްޞަ ޕްރޮގްރާމްތަކެއް ނެތުމުން ރާއްޖޭގައި އެފަދަ މީހުންނަށް ފަރުވާދިނުމަށް އެހެން ގޮތްތަކެއް ހޯދަން ޖެހިފައިވާކަން އެކްޓިން ސީއީއޯ ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450