ޚަބަރު
ނިމިދިޔަ ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ޕީއެންސީ އިން: މަޙްލޫފް
މަޙްލޫފް، ރައީސްއާއެކު/ފޮޓޯ: ޕީއެންސީ
ނިމިދިޔަ ލޯކަލް ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކުގެ އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ޕީއެންސީ އިން ކަމަށް ދިވެހިރާއްޖެއިން ޖަޕާނަށް ކަނޑައަޅުއްވާފައިވާ ސަފީރު އަޙްމަދު މަޙްލޫފު ވިދާޅުވެއްޖެއެވެ.
މަޙްލޫފް މިފަދައިން ވިދާޅުވީ، އިލެކްޝަންސް ކޮމިޝަނުން ނިމިދިޔަ އިންތިޚާބުގެ ދާއިމީ ނަތީޖާ އިޢުލާނުކޮށް، ހުރިހާ ދާއިރާތަކެއްގެ ނަތީޖާތައް ގެޒެޓުކުރުމާ ގުޅިގެން "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައެވެ.
މި ޕޯސްޓުގައި މަޙްލޫފް ވަނީ، ލޯކަލް ކައުންސިލް އިންތިޚާބު 581 ގޮނޑިއާއި އެކު ކާމިޔާބުކުރި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ކެންޑިޑޭޓުންނަށް މަރުޙަބާ ދަންނަވާފައެވެ. ހަމަ އެހެންމެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށާއި ޕީއެންސީއަށް ވޯޓު ދިން ރައްޔިތުންނަށް ވެސް މަރުޙަބާ ދަންނަވަމުން މަޙްލޫފް ވިދާޅުވީ، އީސީގެ ނަތީޖާތަކަށް ބަލާއިރު މި އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ވެރިކަންކުރާ ޕީއެންސީން ކަމަށެވެ.
ލޯކަލް ކައުންސިލް އިންތިހާބު 581 ގޮނޑި އާއިއެކު ކާމިޔާބުކުރި PNC ގެ ކެންޑިޑޭޓުނަށް މަރުހަބާ.
— Ahmed Mahloof (@AhmedMahloof) April 16, 2026
މަރުހަބާ ރައީސް މުޢިއްޒު އަދި PNC ގެ މެންބަރުންނާއި ވޯޓު ދެއްވި ރައްޔިތުން.
581 PNC
562 MDP
MDA 24
JP 4
AP 6
އާދެ، ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރީ PNC އިންނެވެ. pic.twitter.com/yMpMHDx2ie
އިންތިޚާބުގެ ދާއިމީ ނަތީޖާއަށް ބަލާއިރު، މި އިންތިޚާބުގައި ކޮންގްރެސް ޕާޓީން 581 ގޮނޑި ކާމިޔާބުކޮށްފައިވާއިރު، އިދިކޮޅު އެމްޑީޕީއަށް ލިބިފައިވަނީ 562 ގޮނޑި އެވެ.