Ads by Farudhun

ޚަބަރު

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

ކައުންސިލް އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ފަށައިފި

އިންތިޚާބެއްގެ ވޯޓުލުން ކުރިއަށްދަނީ. ފޮޓޯ: އީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޭޕްރީލު 2026، 11:23

18 އޭޕްރީލު 2026، 11:23

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ބައެއް ދާއިރާތަކުގެ ނަތީޖާ އެއްވަރުވުމާ ގުޅިގެން ބާއްވާ އިތުރު ބުރުގެ ވޯޓުލުން މިއަދު ފަށައިފިއެވެ.

 އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި ވޯޓުލުން ކުރިއަށްދާނީ މިއަދު ހެނދުނު 8:00 އިން ފެށިގެން ހަވީރު 4:00 އާ ހަމައަށެވެ.

މި އިންތިޚާބުގެ އިތުރު ބުރު ޖުމްލަ 5 ދާއިރާއެއްގައި ކުރިއަށްދާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ބ. ދޮންފަނު ކައުންސިލްގެ އަންހެނުންނަށް ޚާއްސަކޮށްފައިވާ ގޮނޑިއާއި، ފުވައްމުލައް ސިޓީ ދަޑިމަގު ދާއިރާގެ އަންހެނުންނަށް ޚާއްސަ ކައުންސިލް ގޮނޑިއެވެ. މީގެ އިތުރުން އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ އިންތިޚާބުގެ ތެރެއިން ހއ. ކެލާ ކޮމިޓީގެ ރައީސް ހޮވުމަށާއި، ހދ. ނޭކުރެންދޫ އަދި ލ. މާވަށު ކޮމިޓީގެ މެންބަރުން ހޮވުމަށް ވޯޓުލުން ކުރިއަށްދާނެއެވެ.

މި އިންތިޚާބަށްޓަކައި ޖުމްލަ 14 ވޯޓު ފޮއްޓެއް ވަނީ ބަހައްޓާފައެވެ. އެއީ ދެވަނަ ބުރަށް ދިޔަ ރަށްރަށުގެ އިތުރުން މާލޭގައެވެ. އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ ކެލާ، މާވަށް އަދި ފުވައްމުލައް ދަޑިމަގު އަވަށުގެ ތެރެއިން ކޮންމެ ރަށެއްގައި 2 ފޮށި، އަދި ނޭކުރެންދޫ އާއި ދޮންފަނުގެ ތެރެއިން ކޮންމެ ރަށެއްގައި އެއް ފޮށި ބެހެއްޓުމަށެވެ.

މާލޭގައި ދިރިއުޅޭ އެ ދާއިރާތަކުގެ ރައްޔިތުންނަށް ވޯޓުލުމަށްޓަކައި 6 ފޮއްޓެއް ވަނީ ޚާއްސަކޮށްފައެވެ. އެގޮތުން ކެލާ އަދި ދޮންފަނުގެ ފޮށިތައް ތާޖުދިއްދީން ސްކޫލުގައި، ނޭކުރެންދޫ އާއި މާވަށުގެ ފޮށިތައް ހިރިޔާ ސްކޫލުގައި، އަދި ދަޑިމަގު އަވަށުގެ ފޮށި ދަރުމަވަންތަ ސްކޫލުގައި ވަނީ ބަހައްޓާފައެވެ.

މި ފަހަރުގެ ވޯޓުލުމުގައި ޖުމްލަ 6,093 މީހަކަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވެއެވެ. ތަފްސީލަށް ބަލާއިރު، ކެލާ އިން 1,729 މީހުން، ނޭކުރެންދޫ އިން 1,056 މީހުން، ދޮންފަނުން 441 މީހުން، މާވަށުން 1,556 މީހުން އަދި ފުވައްމުލަކު ދަޑިމަގު އަވަށުން 1,311 މީހުންނަށް ވޯޓުލެވޭނެއެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450