ޚަބަރު
ލުބްނާނަށް ހަމަލާދިނުން މެދުކަނޑާލުމުން ދިވެހި ސަރުކާރުން އެކަމަށް މަރުޙަބާ ކިޔައިފި
ލުބްނާނަަށް ދިން ހަމަލާއެއްގައި ހަލާކުވެފައިވާ ސަރަހައްދެއް
ލުބުނާނާއި ޔަހޫދީންނާ ދެމެދު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމަށް ދިވެހި ސަރުކާރުން މަރުހަބާ ކިޔައިފިއެވެ.
މި އެއްބަސްވުމަކީ ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތައް ކުޑަކުރުމަށް އެޅުނު ހެޔޮ ފިޔަވަޅެއްގެ ގޮތުގައި ރާއްޖެއިން ދެކޭ ކަމަށް ދިވެހި ޚާރިޖިއްޔާއިން ވަނީ ހާމަކުރައްވާފައެވެ.
ދިވެހި ޚާރިޖިއްޔާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ލުބުނާނަށް ދެމުންދާ ހަމަލާތައް ހުއްޓާލައި، ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އިންތިޒާމެއް ގާއިމުކުރެވުނުކަން އެމެރިކާއިން އިއުލާންކޮށްފައިވާ ކަމަށެވެ. އަދި އާންމު ރައްޔިތުން ރައްކާތެރިކުރުމާއި، ދުނިޔޭގެ ވިޔަފާރި މެދުނުކެނޑި ކުރިއަށް ގެންދިއުމަށްޓަކައި ކަނޑުދަތުރުފަތުރުގެ މިނިވަންކަން ކަށަވަރުކުރުމުގެ މުހިންމުކަން ވެސް ޚާރިޖިއްޔާގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.
ހަމަލާ ބަދަލުކުރުން ހުއްޓާލުމުގެ ކަންކަން މަގުފަހިކޮށްދިނުމުގައި ލުބުނާނު ސަރުކާރާއި އެމެރިކާއިން އަދާކުރި މުހިންމު ދައުރު ފާހަގަކޮށް ރާއްޖެއިން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ. މި ނިންމުމަކީ މެދުއިރުމަތީގެ ހަމަޖެހުމަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސަރުކާރުން ސިފަކުރައްވައެވެ.
ޚާރިޖީ ވުޒާރާގެ ބަޔާނުގައި އިތުރަށް ވިދާޅުވީ، މެދުއިރުމަތީގައި ސުލްހަ މަސަލަސްކަމާއި ހަމަޖެހުން ގާއިމުކުރުމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމަޢުން ކުރާ އެންމެހައި މަސައްކަތްތަކަށް ރާއްޖެއިން ފުރިހަމައަށް ތާއީދުކުރާނެ ކަމަށެވެ. އަދި މިކުރިއެރުމުގެ ސަބަބުން، ސަރަހައްދުގައި އުފެދިފައިވާ ހަމަނުޖެހުންތަކަށް ދާއިމީ އަދި ސުލްހަވެރި ހައްލެއް ހޯދުމަށްޓަކައި މަޝްވަރާއާއި ޑިޕްލޮމަސީ އިސްކުރުމަށް ފުރުސަތު ލިބޭނެ ކަމަށް ރާއްޖެއިން ގަބޫލުކުރެއެވެ.
ޔަހޫދީން ލުބުނާނަށް ދެމުންދާ ޙަމަލާތައް ދިހަ ދުވަހުގެ މުއްދަތަށް މެދުކަނޑައިލުމަށް އެއްބަސްވެފައިވާ ކަމަށް ހާމަކޮށްފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއެވެ. މި އެއްބަސްވުމާއެކު ސަރަހައްދީ މަސްލަހަތު ރަނގަޅުވެގެންދާނެ ކަމަށް ބައިނަލްއަގުވާމީ މުޖުތަމައުން އުންމީދު ކުރެއެވެ.