ޚަބަރު
ތެޔޮ ނުލިބިގެން މަސްދޯނިތައް ނުފުރި ތިބި ވާހަކަ ވަޒީރު ޝިޔާމް ދޮގުކުރައްވައިފި
މަސްވެރިކަމާ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް
ތެޔޮ ނުލިބިގެން ދިވެހި މަސްދޯނިތައް މަހަށް ނުފުރި ތިބި ކަމަށް ބުނެ ފެތުރެމުންދާ ޚަބަރުތައް މަސްވެރިކަމާ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަހްމަދު ޝިޔާމް ދޮގުކުރައްވައިފިއެވެ.
ވަޒީރު މިކަން ދޮގުކުރެއްވީ ދިވެހި ނޫހެއްގައި އެފަދަ މޭރުމަކުން ހެޑްލައިންއެއް ޖަހައި ޚަބަރު ފެތުރުމާ ގުޅިގެންނެވެ.
މިކަމާ ގުޅިގެން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަޒީރު ޝިޔާމް ވިދާޅުވީ، އެއީ ރަނގަޅު ޚަބަރެއް ނޫން ކަމަށާއި، މި ދަތި އުނދަގޫ ހާލަތުގައިވެސް ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭ އެއް ކަމަކީ ދިވެހި މަސްވެރިންނަށް މަސްކަނޑުތަކަށް ނުކުމެވޭނެކަން ކަށަވަރުކުރުން ކަމަށެވެ. އަދި ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އިންތިހާއަށް އުފުލިފައިވީ ނަމަވެސް، މަސްވެރިންނަށް އެ ބުރަ ނުޖައްސައި ސަރުކާރުން ތެލުގެ ކަންކަން މެނޭޖުކުރަމުންދާ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
"ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އެހާމައްޗަށް އަރައިގެންދިޔަނަމަވެސް ދިވެހި މަސްވެެރިންނަށް އެބުރަ ނުޖައްސާ ސަރުކާރުން މިއަދާ ހަމައަށްވެސް މިގެންދަނީ ތެލުގެ ކަންކަން ވީއެންމެ ރަނގަޅަށް މަނޭޖުކުރަމުން،" ވަޒީރު ވިދާޅުވިއެވެ. އަދި މިކަން މަސްވެރިންވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މަސްވެރިކަމުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވިދާޅުވީ، ގިނަ ދުވަސްތަކެއް ވަންދެން އެންވެރިކަން ދަށްވެފައި އޮތުމަށްފަހު މިހާރު މުޅި ރާއްޖެއަށް އެންވެރިކަން ރަނގަޅުވާން ފަށާފައިވާ ކަމަށެވެ. މީގެ ސަބަބުން މަސްވެރިކަންވެސް ރަނގަޅުވަމުން އަންނާތީ، މަސްވެރިކަން ރަނގަޅު ސަރަހައްދުތަކަށް މަސްކިރާ ބޯޓުތައް ފޮނުވުމުގެ މަސައްކަތްވެސް ކުރަމުންދާނެ ކަމުގެ ޔަގީންކަން ވަޒީރު ދެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މަސްވެރި އިންޑަސްޓްރީގައި ހަރަކާތްތެރިވާ ކުންފުނިތަކަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމަށް އިންޑަސްޓްރީގެ މަޝްވަރާއާއެކު ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އަދި ނޫސްތަކުން ޚަބަރުތައް ލިޔުއްވާއިރު ކަން އޮތްގޮތް ރަނގަޅަށް ބައްލަވާލެއްވުމަށްވެސް ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.