Ads by Farudhun

ޚަބަރު

ބޮޑުތަކުރުފާނު މަގު ހެދުން: މަގު ފުޅާކުރަން ބޭނުންވާ ބިންހިއްކާ ނިންމާލައިފި

ބޮޑުތަކުރުފާނު މަގު ހެދުން: މަގު ފުޅާކުރަން ބޭނުންވާ ބިންހިއްކާ ނިންމާލައިފި

ބޮޑުތަކުރުފާނު މަގު ހެދުމުގެ މަސައްކަތް ކުރިއަށްދަނީ. ފޮޓޯ: އެމްޓީސީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

18 އޭޕްރީލު 2026، 01:50

18 އޭޕްރީލު 2026، 01:50

ބޮޑުތަކުރުފާނު މަގު ހެދުމުގެ ބޮޑު މަޝްރޫޢުގެ ދަށުން، މިހާރު މަސައްކަތް ކުރިއަށްދާ ސަރަހައްދުގެ މަގު ފުޅާކުރުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތް އެއްކޮށް ނިންމާލައިފިއެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ވިދާޅުވީ، ބިން ހިއްކުމުގެ މަސައްކަތަށްފަހު މިހާރު ކުރިއަށްދަނީ ނަރުދަމާ އާއި ފެން ހޮޅި އެޅުމުގެ މަސައްކަތްތަކެވެ. މީގެ އިތުރުން މަގުގެ ދުވާރު ހެދުމަށް ބޭނުންވާ ގައު ޖެހުމާއި، މަގު ބައްތި ޖެހުމުގެ މަސައްކަތްތައް ވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

މަގު ހެދުމުގެ އަމަލީ މަސައްކަތުގެ ތަފްސީލު ހިއްސާކުރަމުން އެމްޓީސީސީން ބުނީ، ދުވާރު ހެދުމާއި، ކަރަންޓު ކޭބަލް ވަޅުލުމަށް ބޭނުންވާ ވަޅުގަނޑުތައް ކޮނުމާއި، ކޭބަލްތަކުގެ މައި ނަރުތައް ޖަމާކުރާ ޓޭންކްތައް ބެހެއްޓުމުގެ 50 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މި މަސައްކަތްތައް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި އެއްކޮށް ނިންމާލުމަށް ވަނީ ތާވަލުކުރެވިފައެވެ.

މަޝްރޫޢުގެ ސެގްމެންޓް 2، 3 އަދި 4 ގެ ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ވެސް ތާވަލާ އެއްގޮތަށް ކުރިއަށްދާއިރު، މިހާތަނަށް 145 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލްކޮށް ވަނީ ނިމިފައެވެ. އެމްޓީސީސީން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ހަފުތާގައި މި މަސައްކަތް ނިމުމުން، ފެން ހިންދާ ކާނުތަކާއި ކޭބަލް ޖަންކްޝަންތައް ހަރުކުރުމުގެ މަސައްކަތް ފެށޭނެއެވެ. އަދި 5 ވަނަ ސެގްމެންޓްގެ މަސައްކަތުގެ 45 އިންސައްތަ މިހާރު ވަނީ ނިމިފައެވެ.

ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ މި ފޭސްގެ ދަށުން މަސައްކަތް ކުރިއަށްދަނީ އިއްޒުއްދީނު ފާލަމުން ފެށިގެން ހެންވޭރު ފެރީ ޓާމިނަލާ ހަމައަށް އޮންނަ 700 މީޓަރުގެ ސަރަޙައްދުގައެވެ. މި މަޝްރޫޢުގެ ދަށުން ޖުމްލަ 610 މީޓަރުގެ އެއްގަމު ތޮށި އައުކޮށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ.

މާލޭގެ އުތުރު ފަރާތުގެ މޫނުމަތި ބަދަލުކޮށްލާނެ މި މަޝްރޫޢަކީ މާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށާއި، ދަތުރުފަތުރުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450