Ads by Farudhun

ޚަބަރު

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަޙުޤީޤު އަވަސް ކުރަން އަންގައިފި

ރައީސް ނަޝީދަށް ދިން ހަމަލާގެ ތަޙުޤީޤު އަވަސް ކުރަން އަންގައިފި

ކުރީގެ ރައީސް ރައީސް މުޙައްމަދު ނަޝީދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޭޕްރީލު 2026، 03:57

19 އޭޕްރީލު 2026، 03:57

ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލަން ދިން ނުރައްކާތެރި ބޮމުގެ ހަމަލާއާ ގުޅޭ މައްސަލައިގެ ތަޙުޤީޤު އަވަސްކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ފުލުހުންނަށް އަންގަވައިފިއެވެ. ޕީޖީ އޮފީހުން ވަނީ މިކަން ޕީއެސްއެމް ނިއުސްއަށް ކަށަވަރުކޮށްދެއްވާފައެވެ.

ޕީޖީ އޮފީހުން ވިދާޅުވީ ރައީސް ނަޝީދަށް ދިން ހަމަލާއާ ގުޅިގެން އެކަމުގައި ފަންޑުކުރި ފަރާތްތަކާ ގުޅުންހުރި ތަހުގީގުތައް އަވަސްކޮށް، ވީ އެންމެ އަވަހަށް އެއޮފީހަށް ހުށަހެޅުމަށް އަންގާފައިވާނެ ކަމަށެވެ. މި މައްސަލަ އަވަސްކުރުމަށް އެންގީ މި މަހުގެ 8 ވަނަ ދުވަހު ކަމަށްވެސް އެ އޮފީހުން މައުލޫމާތު ދެއްވައެވެ.

2021 ވަނަ އަހަރުގެ މެއި 6 ވަނަ ދުވަހުގެ ރޭ ރައީސް ނަޝީދަށް ހަމަލާދީފައިވަނީ، އެމަނިކުފާނުގެ ގެކޮޅުން ނިކުމެވަޑައިގެން ކާރުކޮޅަށް އަރާވަޑައިގަންނަވަން ހިންގަވާފައި ވަޑައިގަންނަވަނިކޮށް، ޕާކު ކޮށްފައި ހުރި ސައިކަލެއްގައި ހަރުކޮށްފައިވާ ބޮމެއް ގޮއްވާލައިގެންނެވެ. މި ހާދިސާގައި އެމަނިކުފާނުގެ ހަށިކޮޅަށް ރޭޒަރ ފުއްތަކެއް އަރާ، ލިބިވަޑައިގެންނެވި ސީރިއަސް އަނިޔާތަކަށް ވަނީ ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވާފައެވެ.

މި މައްސަލައިގައި އަމަލީ ގޮތުން ބައިވެރިވީކަމަށް ކުށް ސާބިތުވެ، އަހުމަދު އަދުހަމް ރަޝީދު 23 އަހަރަށް ޖަލަށްލުމަށް ކޯޓުން ވަނީ ހުކުމްކޮށްފައެވެ. މީގެ އިތުރުން އަބްދުﷲ އަލީ މަނިކުގެ މައްޗަށް ޓެރަރިސްޓު ޖަމާއަތަކަށް ތާއީދުކުރުމުގެ ދައުވާ ސާބިތުވެ ފަސް އަހަރަށް ޖަލަށް ލުމަށް ހުކުމްކޮށްފައިވާއިރު، މުހައްމަދު ތަސްލީމްގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން އިތުރު ބައެއްގެ މައްޗަށް ވެސް ދައުވާކޮށްފައިވާއިރު، އެ މީހުންގެ މައްސަލަތައް ޝަރީއަތުގައި ކުރިއަށް ގެންދަނީ ވަކިވަކިންނެވެ. ޕީޖީ އޮފީހުގެ މި އެންގުމާއެކު، ހަމަލާގެ ފަހަތުގައި ތިބި ފަރާތްތައް ހޯދުމުގެ މަސައްކަތް އިތުރަށް ހަލުވިވެގެންދާނެ ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450