ޚަބަރު
ދުނިޔޭގެ ބާޒާރުގައި އޮތް ދަތިތަކާއެކުވެސް ރާއްޖެއަށް ހުއްޓުމެއްނެތި ތެޔޮ ލިބޭނެ: ވަޒީރު ޒަމީރު
ވަޒީރު މޫސާ ޒަމީރު
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް އަންނަމުންދާ ލޮޅުންތަކާއެކުވެސް ރާއްޖެއަށް ބޭނުންވާ ތެޔޮ ހުއްޓުމެއްނެތި ލިބޭނެކަން ސަރުކާރުން ކަށަވަރުކުރާނެ ކަމަށް މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
ހަނގުރާމައިގެ ހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވައިލެއްވި ވަޒީރުންގެ ޚާއްސަ ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ތެޔޮ ލިބުމުގައި ދަތިކަމެއް ނާންނާނެ ކަމަށާއި މި މަހުވެސް ތިން ޝިޕްމެންޓެއް ރާއްޖެއަށް ލިބޭނެ ކަމަށެވެ.
ވަޒީރު ޒަމީރު ފާހަގަކުރެއްވި ގޮތުގައި ތެޔޮ ލިބޭނެކަމުގެ ޔަގީންކަން އޮތް ނަމަވެސް، ތެލުގެ އަގަކީ ރާއްޖެއަށް ނުވަތަ ދިވެހި ސަރުކާރަށް ނުފޫޒު ފޯރުވޭނެ ކަމެއް ނޫނެވެ. "އަގަކީ ރާއްޖެއަށް އަދި ދިވެހި ސަރުކާރަށް އެކަމުގެ މައްޗަށް ނުފޫޒެއް ފޯރުވޭނެ ކަމެއް ނޫން،" ވަޒީރު ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ދަތިނުވާނެހެން ތެޔޮ ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުން ކަމަށް ވިދާޅުވިއެވެ.
ތެލުގެ ޝިޕްމެންޓުތަކުގެ ތަފްސީލު
ތެޔޮ ލިބޭނެކަން ކަށަވަރުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، މި މަހުގެ 18 ވަނަ ދުވަހު 18,000 މެޓްރިކް ޓަނުގެ ޑީސަލާއި 5,400 މެޓްރިކް ޓަނުގެ ޕެޓްރޯލް ޝިޕްމެންޓެއް ވަނީ ގެނެސްފައެވެ. މީގެ އިތުރުން، އޭޕްރީލް 24 ވަނަ ދުވަހު 25,400 މެޓްރިކް ޓަނުގެ ޑީސަލް ޝިޕްމެންޓެއް ލިބޭނެ ކަމަށާއި، 28 ވަނަ ދުވަހު 28,000 މެޓްރިކް ޓަނުގެ ޖެޓް ފިއުލް ޝިޕްމެންޓެއް ރާއްޖެއަށް އަންނާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، އާންމުކޮށް އޮމާނުން ތެޔޮ ގަންނަމުން އައި ނަމަވެސް، މިހާރު ސިންގަޕޫރުންވެސް ޝިޕްމެންޓުތައް ގެނެސްފައިވާ ކަމަށެވެ. އެހެންކަމުން ތެޔޮ ސްޓޮކް ކުރުމުގައާއި ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމުގެ ޔަގީންކަން ރައްޔިތުންނަށް ވަނީ ދެއްވާފައެވެ.
މަސްވެރިކަމުގެ ސިނާއަތް ފަދަ މުހިންމު ދާއިރާތަކަށް ހެޔޮ އަގުގައި ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ރޯދަމަސް ނިމުނުއިރު މަސްވެރިންނަށް ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސިކަން މިސާލެއްގެ ގޮތުގައި ދެއްކެވިއެވެ.
މާލީ ސިޔާސަތުތަކަށް ގެނައި އިސްލާހުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޒަމީރު ވިދާޅުވީ، ނިމުނު އަހަރުގެ ފުރަތަމަ ކުއާޓާގައި ވިޔަފާރިތަކަށް މާލީ އެހީގެ ގޮތުގައި ދޫކުރެވުނީ އެވްރެޖްކޮށް 5.6 މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި އަހަރުގެ ފުރަތަމަ ކުއާޓާގައި އެ އަދަދު 106 މިލިއަން ޑޮލަރަށް އިތުރުވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.