ޚަބަރު
ހަނގުރާމައާ ގުޅިގެން މަސްވެރިންނަށް ހެޔޮ އަގުގައި 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ ދޫކޮށްފި
ދިވެހި މަސްދޯންޏެއް
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކުގެ ނޭދެވޭ އަސަރު މަސްވެރިންނަށް ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ތެޔޮ މަސްވެރިންނަށް ދޫކޮށްފައިވާ ކަމަށް މަސްވެރިކަމާއި، ދަނޑުވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ވަޒީރު ޝިޔާމް ވިދާޅުވީ، ދުނިޔޭގެ މަސްރަޙަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ އުނދަގޫ ހާލަތްތަކުގައިވެސް މަސްވެރިން މަސްކަނޑުތަކަށް ނެރުމަށްޓަކައި ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވާ ކަމަށެވެ. އެގޮތުން ހެޔޮ އަގުގައި މަސްވެރިންނަށް ތެޔޮ ފޯރުކޮށްދިނުމަކީ މި މަސައްކަތުގެ މުހިންމު ބައެއް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ.
ތެޔޮ ދޫކުރާ އުސޫލާއި ތަފާސްހިސާބު
ސަރުކާރުގެ މި ސިޔާސަތުގެ ދަށުން މިފްކޯ މެދުވެރިކޮށް ތެޔޮ ދޫކުރަމުންދަނީ އުޅަނދުފަހަރުގެ ބޮޑުމިނަށް ބަލައި ވަކި އުސޫލަކުންނެވެ. އެގޮތުން 85 ފޫޓުން މަތީގެ އުޅަނދުތަކަށް 5,000 ލީޓަރު، 50 ފޫޓާއި 85 ފޫޓާއި ދެމެދުގެ އުޅަނދުތަކަށް 3,000 ލީޓަރު، އަދި 50 ފޫޓުން ދަށުގެ އުޅަނދުތަކަށް 1,500 ލީޓަރު ތެޔޮ ދޫކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، "މިހާތަނަށް 958 ދޯންޏަކަށް އެއްފަހަރަށްވުރެ ގިނަ ފަހަރު މި ދޯނިތަކަށް ތެޔޮ ދޫކުރާ ތަންތަނުން ތެޔޮ ލިބިގަންނާނެ. 1.1 މިލިޔަން ލީޓަރަށްވުރެ ގިނަ ލީޓަރަށްވުރެ ގިނަ ތެޔޮ މި ހާލަތުގައި ސަރުކާރުން މިދޭ އެހީތެރިކަމާއިއެކު ޔަޤީނުންވެސް ދޯނިތަކަށް އަޅައިފި" ކަމަށެވެ.
މިފްކޯގެ ސެންޓަރުތަކުން ތެޔޮ ދޫކުރި މިންވަރު
މިފްކޯގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންމެ ގިނަ އަދަދަކަށް ތެޔޮ ދޫކޮށްފައިވަނީ ކޫއްޑޫއިންނެވެ. އެއީ 583,220 ލީޓަރެވެ. މީގެ އިތުރުން އައްޑޫ ސެންޓަރުން 255,445 ލީޓަރު، ހުޅުމާލެ ސެންޓަރުން 133,004 ލީޓަރު، ފެލިވަރުން 72,710 ލީޓަރު އަދި ހިންމަފުށިން 62,251 ލީޓަރުގެ ތެޔޮ ވަނީ ދޫކޮށްފައެވެ.
މަސްވެރިންނަށް ތެޔޮ ވިއްކާ އަގުތަކަށް ބަލާއިރު، މިފްކޯއަށް މަސްކިރާ އުޅަނދުފަހަރަށް ޑީސަލް ލީޓަރެއް 16.54 ރުފިޔާއަށް ލިބޭއިރު، ތިން ޓަނަށްވުރެ އިތުރަށް މަސްކިރާނަމަ ލީޓަރެއް 16.04 ރުފިޔާއަށް ލިބޭނެއެވެ. ނަމަވެސް އާންމު ފަރާތްތަކަށް ޑީސަލް ލީޓަރެއް ވިއްކަމުންދަނީ 17.54 ރުފިޔާގެ މަގުންނެވެ.