Ads by Farudhun

ޚަބަރު

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ: ވަޒީރު އަމީން

ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެއްޖެ: ވަޒީރު އަމީން

ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޭޕްރީލު 2026، 08:54

19 އޭޕްރީލު 2026، 08:54

ހުލާސާ


ރާއްޖެއަށް އަންނަ ޕްރައިވެޓް ޖެޓްތަކުގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާ ކަމަށް ފަތުރުވެރިކަމާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.

 ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، ހައި-އެންޑް ޓޫރިޒަމް ނުވަތަ މުއްސަނދި ފަތުރުވެރިންގެ މާކެޓަށް ބަލާއިރު، ޕްރައިވެޓް ޖެޓްތައް ރާއްޖެއަށް އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ.

ޕްރައިވެޓް ޖެޓްތަކުގެ ތަފާސްހިސާބު
ވަޒީރު ހާމަކުރެއްވި ގޮތުގައި 2025 ވަނަ އަހަރުގެ މާރިޗު މަހު ރާއްޖެއަށް 84 ޖެޓް އައިސްފައިވާއިރު، 2026 ވަނަ އަހަރުގެ މާރިޗު މަހު މި އަދަދު ވަނީ 189 އަށް އަރާފައެވެ. މިއީ 125 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ. މީގެ އިތުރުން އޭޕްރީލް މަހުގެ ތަފާސްހިސާބަށް ބަލާއިރު، 2025 ވަނަ އަހަރު 64 ޖެޓުގެ ބަދަލުގައި މިއަހަރު 93 ޖެޓް ވަނީ އައިސްފައެވެ. މިއީ، 45.3 އިންސައްތައިގެ ކުރިއެރުމެކެވެ.

މެދުއިރުމަތީގެ ހާލަތާއި ފަތުރުވެރިކަން
މެދުއިރުމަތީގެ މަސްރަހު ކޮންމެދުވަހަކުވެސް ވަަރަށް ބޮޑަށް ބަދަލުވަމުންދިޔަ ނަމަވެސް ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ބޮޑެތި ކުރިއެރުންތަކެއް ހާސިލްކުރަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ އަހަރު ރާއްޖެއަށް ދުވާލަކު އެވްރެޖްކޮށް 7,085 ފަތުރުވެރިން އައި ނަމަވެސް، މި އަހަރުގެ މިހާތަނަށް އެ އަދަދު ހުރީ 6,855 ގައެވެ. މިއީ 3.2 އިންސައްތައިގެ ދަށްވުމެއް ނަމަވެސް، މިދިޔަ ހަފުތާގެ ތަފާސްހިސާބުތަކަށް ބަލާއިރު ފަތުރުވެރިން އައި އަދަދު ވަނީ 2.2 އިންސައްތަ އިތުރުވެފައެވެ.

ވަޒީރު އަމީން ފާހަގަކުރެއްވި ގޮތުގައި މިދިޔަ ހަފުތާގައި ޖުމްލަ 35,653 ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވެއެވެ. މިއީ މެދުއިރުމަތީގެ ހާލަތާ ގުޅިގެން އެއާލައިންތަކަށް ދިމާވި ދަތިތަކަށްފަހު ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ވަޒީރު ސިފަކުރެއްވިއެވެ.

އެއާލައިންތަކުގެ ދަތުރުތައް އަލުން ފެށުން
މެދުއިރުމަތީގެ ހާލަތާ ގުޅިގެން ކުރިން 18 ނުވަތަ 19 ފްލައިޓެއް ކެންސަލްވި ނަމަވެސް، ސަރުކާރުން ކުރި މަސައްކަތުން އެމިރޭޓްސް، ގަތަރު އެއަރވޭސް އަދި އިއްތިހާދު އެއަރވޭސްގެ ދަތުރުތައް މިހާރު ވަނީ އަލުން ފަށާފައެވެ. އަދި ފްލައި ދުބާއީއާއި އެއަރ އަރަބިއާގެ ދަތުރުތައްވެސް ވަނީ ފަށާފައެވެ. މީގެ އިތުރުން އެއިރޯފްލޮޓް އަދި ޓާކިޝް އެއަރލައިންގެ ފްރީކުއެންސީ އިތުރު ކޮށްފައިވާއިރު، ބެލާވިއާ އަދި ފްލައިނާސް ފަދަ އެއަރލައިންތަކުންވެސް ދަތުރުތައް ކުރަން ނިންމާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

އޮސްޓްރޭލިއާ މާކެޓުގެ ކުރިއެރުން
ފަތުރުވެރިކަމުގެ މާކެޓަށް އައި އަނެއް ބޮޑު ބަދަލަކީ، އޮސްޓްރޭލިއާ މާކެޓު ރާއްޖޭގެ ގަދަ 10 މާކެޓުގެ ތެރޭގައި ހިމެނުމެވެ. ވަޒީރު ވިދާޅުވީ، "މޯލްޑިވިއަން އެއަރލައިނުން އޮސްޓްރޭލިއާއަށް ކުރަން ފެށި ދަތުރުތަކަކީ، މި ކުރިއެރުމަށް ލިބުނު ބޮޑު ބާރެއް" ކަމަށެވެ. އަދި މިއީ މުޅި ދުނިޔެއަށް ދިމާވެފައިވާ މި ދަތި ހާލަތުގައިވެސް ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކުރި މަސައްކަތްތަކުގެ ނަތީޖާ ކަމަށްވެސް ވަޒީރު އަމީން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450