Ads by Farudhun

ޚަބަރު

އިޤުތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެނީ

އިޤުތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމުގައި ފަރުދުންނާއި ވިޔަފާރިތަކަށް ބޭންކު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެނީ

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

19 އޭޕްރީލު 2026، 09:01

19 އޭޕްރީލު 2026، 09:01

މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ރާއްޖޭގެ އިޤުތިޞާދަށް ކުރަމުންދާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށްޓަކައި، ފަރުދުންނާއި ވިޔަފާރިތަކަށް ފޯރުކޮށްދޭންޖެހޭ އެހީތެރިކަމާއި މަދަދު ގައުމީ ބޭންކު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) މެދުވެރިކޮށް ސަރުކާރުން ފޯރުކޮށްދެމުންދާކަމަށް ހާމަކޮށްފިއެވެ.

ހަނގުރާމައާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެކުލަވައިލެއްވި ވަޒީރުންގެ މަޖިލީހުގެ ޚާއްޞަ ކޮމިޓީގެ ފަރާތުން ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ، މުދަލުގެ އަގުތައް ބޮޑުވިޔަނުދިނުމަށްޓަކައި ބޭންކު މެދުވެރިކޮށް ވިޔަފާރިތަކަށް ދޫކުރާ އެހީތެރިކަން މިހާރު އިތުރުކޮށްފައިވާ ކަމަށެވެ.

މާލީ ވަޒީރު ވަނީ މިކަމުގެ ތަފާސްހިސާބުތައް ހިއްސާކުރައްވަމުން، 2025 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެވްރެޖުކޮށް 5.6 މިލިއަން ޑޮލަރު ވިއްކާފައިވާއިރު، މި އަހަރުގެ ފުރަތަމަ ކުއާޓާގައި 106 މިލިއަން ޑޮލަރު ދޫކޮށްފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ކާޑު ސެޓްލްމެންޓު ފަދަ ކަންކަމަށް 2025 ގެ ފުރަތަމަ ކުއާޓާގައި 24 މިލިއަން ޑޮލަރު ދޫކުރިއިރު، މި އަހަރުގެ އެ މުއްދަތުގައި 40 މިލިއަން ޑޮލަރު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވި ގޮތުގައި، ސަރުކާރުގެ އަމާޒަކީ ބައިނަލްއަގުވާމީ ބާޒާރަށް އަންނަ ބަދަލުތަކާއެކުވެސް ރާއްޖޭގެ ބާޒާރަށް "ޕްރައިސް ޝޮކެއް" ނުވަތަ އަގުތަކަށް ކުއްލި ބޮޑު ބަދަލެއް ނާންނާނެ ގޮތަށް މަސައްކަތް ކުރުމެވެ. "ނަތީޖާއެއްގެ ގޮތުން ޕްރައިސް ޝޮކަކަށް ނުގޮސް، އެކަމަކު އިންޓަނޭޝަނަލް މާކެޓުގައި އައި ބަދަލާއެއްކޮށް އަޅުގަނޑުމެން ހުންނާނީ އެންމެ ޝޮކް ކުޑަވާނެ ގޮތަށް މަސައްކަތްކޮށްފައި،" ވަޒީރު ވިދާޅުވިއެވެ.

މީގެއިތުރުން، އިޤުތިޞާދީ ހަރަކާތްތައް ދެމެހެއްޓުމަށްޓަކައި ބޭންކުތަކުން ލޯނު ދޫކުރުމުގެ މަސައްކަތްވެސް ބާރުސްޕީޑުގައި ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން މާޗު މަހާއި އޭޕްރީލް މަހުގެ މިހާތަނަށް ފަތުރުވެރިކަމުގެ ސިނާއަތަށް 540 މިލިއަން ރުފިޔާ އަދި އިމާރާތްކުރުމުގެ ސިނާއަތަށާއި އެހެނިހެން ދާއިރާތަކަށް 941 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް ވިދާޅުވިއެވެ.

ވަޒީރު ޒަމީރު އިތުރަށް ވިދާޅުވީ، މިހާރު މިއޮތް ހާލަތަކީ ރާއްޖޭގެ އިޤުތިޞާދު މުޅިން ހުއްޓިފައިވާ ހާލަތެއް ނޫން ކަމަށެވެ. އެހެންކަމުން ވިޔަފާރިތަކަށް އެހެނިހެން ލުއިތަކެއް މިވަގުތު ހަމަޖައްސައިނުދިން ނަމަވެސް، އިޤުތިޞާދު ހުއްޓުނަނުދީ ކުރިއަށް ގެންދިއުމަށް ބޭނުންވާ މާލީ އެހީތެރިކަން ގައުމީ ބޭންކު މެދުވެރިކޮށް ސަރުކާރުން މެދުނުކެނޑި ފޯރުކޮށްދެމުންދާނެ ކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450