ޚަބަރު
ގޮނޑި ނުގެއްލޭގޮތަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސްޕްރީމް ކޯޓުން ބުނެފި
ސްޕްރީމް ކޯޓް
ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ސިޔާސީ ޕާޓީ ބަދަލުކޮށްފިނަމަ ނުވަތަ އެ މެންބަރަކު ޕާޓީން ވަކިކޮށްފިނަމަ ނުވަތަ އަމިއްލަ މެމްބަރަކު ޕާޓީއަކާއި ގުޅިއްޖެ ހާލަތެއްގައި ގޮނޑި ގެއްލޭފަދަ ފިޔަވަޅެއް ނޭޅޭ ގޮތަށް ދައުލަތުގެ މައްޗަށް ވަގުތީ އަމުރެއް ނެރެދެވެން ނެތް ކަމަށް ސުޕްރީމް ކޯޓުން ނިންމައިފިއެވެ.
މި މައްސަލައަކީ ޕާޓީން ވަކިކުރާ ނުވަތަ ވަކިވާ މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ އިސްލާހު ބާތިލްކުރުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ ކުރީގެ މެމްބަރު ޢަލީ ޙުސައިން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައެކެވެ. އެ މައްސަލާގެ އަޑުއެހުންތައް މިހާރު ވަނީ ނިންމާލާފައެވެ.
ޢަލީ ޙުސައިންގެ ފަރާތުން އެދިފައިވަނީ މި މައްސަލާގައި ސުޕްރީމް ކޯޓުން ހުކުމް ކުރަންދެން، މެމްބަރެއްގެ ގޮނޑި ގެއްލޭ ފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެފަދަ ފިޔަވަޅެއް ނޭޅުމުގެ ވަގުތީ އަމުރެއް ނެރެދިނުމަށެވެ. މީގެ އިތުރުން މައްސަލަ ބައްލަވާ ފަނޑިޔާރުންނާއި މެދު ފިޔަވަޅު ނޭޅުމުގެ އަމުރަކަށްވެސް އޭނާ ވަނީ އެދިފައެވެ.
ވަގުތީ އަމުރު ނެރުމާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ނިންމި ނިންމުމުގައި ބުނެފައިވަނީ، ގޮނޑި ގެއްލޭ ފަދަ ފިޔަވަޅެއް ނާޅަން އަމުރު ނެރެފިނަމަ އެއީ މައްސަލާގެ މައުޟޫއަށް އަސަރު ކުރާނެ ކަމެއް ކަމަށްވާތީ އެފަދަ އަމުރެއް ނެރެދެވެން ނެތް ކަމަށެވެ. އަދި ފަނޑިޔާރުންނާ މެދު ފިޔަވަޅު ނާޅަން އެދުނު އަމުރާ ގުޅިގެން ކޯޓުން ބުނީ، އެފަދަ އަމުރެއް ނެރުމަކީ ފަނޑިޔާރުންގެ އަމިއްލަ މަސްލަހަތު ހިމެނޭ ކަމެއްގައި ފަނޑިޔާރުން އަމިއްލައަށް ގޮތެއް ނިންމުން މަނާކުރާ އުސޫލާ ޚިލާފު ކަމެއް ކަމަށެވެ.
މި މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުންނެވެ. މި ބެންޗުގައި އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދު ހިމެނިވަޑައިގަންނަވައެވެ.