Ads by Farudhun

ޚަބަރު

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ޕެޓްރޯލް ކުރުމަށް ޚާއްޞަ ބޯޓެއް އޮސްޓްރޭލިއާއިން ހަދިޔާކޮށްފި

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ޕެޓްރޯލް ކުރުމަށް ޚާއްޞަ ބޯޓެއް އޮސްޓްރޭލިއާއިން ހަދިޔާކޮށްފި

ބޯޓު ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން---

farudhun logo

ފަރުދުން

20 އޭޕްރީލު 2026، 07:57

20 އޭޕްރީލު 2026، 07:57

ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ޕެޓްރޯލް ކުރުމަށް ޚާއްޞަ ބޯޓެއް އޮސްޓްރޭލިއާއިން ހަދިޔާކޮށްފިއެވެ.

"ގާޑިއަން ކްލާސް" ނަމަކަށްކިޔާ މި ބޯޓު ރަސްމީކޮށް އެމްއެންޑީއެފްއާ ހަވާލުކޮށްފައިވަނީ، މިކަމަށް ޚާއްޞަކޮށް އާދީއްތަ ދުވަހު އޮސްޓްރޭލިއާގެ ޕާތުގައި ހުންނަ އެޗްއެމްއޭއެސް ސްޓާލިންގ ނޭވަލް ބޭސްގައި ބޭއްވި ރަސްމިއްޔާތެއްގައެވެ.

މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ، ރޯޔަލް އޮސްޓްރޭލިއަން ނޭވީގެ ރިއަރ އެޑްމިރަލް ބްރެޓް ސޮންޓާ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމަޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމެވެ.

މި އުޅަނދަކީ، އޮސްޓްރޭލިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު އަދި ޑިފެންސް މިނިސްޓަރު ރިޗަޑް މާލްސް، 2025ވަނަ އަހަރުގެ ޖޫން މަހު ދިވެހިރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ހަދިޔާކުރައްވާނެކަން އިޢުލާންކުރެއްވި އުޅަނދެކެވެ.

މި އުޅަނދަކީ، ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ދިވެހި އަސްކަރިއްޔާގެ ދިފާޢީ ވަސީލަތްތައް ވަރުގަދަކޮށް، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އޮސްޓްރޭލިއާ ސަރުކާރާއެކު ކުރެއްވި މަސައްކަތްޕުޅުން ހޯއްދަވައިދެއްވި އުޅަނދެއް ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއްވައެވެ.

އެގޮތުން މިއީ، ރާއްޖޭގެ ކަނޑުގެ ސަރަޙައްދު ބަލަހައްޓައި ރައްކާތެރި ކުރުމަށާއި، ކަނޑުމަތީގެ ނުރައްކާތަކާއި ގޮންޖެހުންތަކާ ކުރިމަތިލުމުގައި ދިވެހި އަސްކަރިއްޔާގެ ޤާބިލުކަން އިތުރުކުރުމަށް ލިބުނު ވަރަށް މުހިންމު އެހީއެއް ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ބޯޓު ޙަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، އެމްއެންޑީއެފް ކޯސްޓްގާޑުގެ ކޮމާޑާންޓް، ބްރިގޭޑިއަރ ޖެނެރަލް މުޙައްމަދު ސަލީމް ވިދާޅުވީ، މިއީ ރާއްޖޭގެ ކަނޑުގެ ސަލާމަތްތެރިކަން ކަށަވަރު ކުރުމަށް ލިބުނު އަގުނުކުރެވޭ ފަދަ އެހީއެއް ކަމަށެވެ. އަދި މިކަމަށް އޮސްޓްރޭލިއާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450