Ads by Farudhun

ޚަބަރު

ސިފައިންގެ ދުވަސް ފާހަގަ ކުރުމަށް މިއަހަރުވެސް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

ސިފައިންގެ ދުވަސް ފާހަގަ ކުރުމަށް މިއަހަރުވެސް ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންދަނީ

ސިފައިންގެ ހިނގާލުމެއްގެ ތެރެއިން. ފޮޓޯ: ދަ މިރޯ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

20 އޭޕްރީލު 2026، 05:13

20 އޭޕްރީލު 2026، 05:13

މި އަހަރުގެ ސިފައިންގެ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ހާއްސަ ހަރަކާތްތަކެއް މާދަމާ ފެށުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ތައްޔާރުވެއްޖެއެވެ.

ދައުލަތުގެ މީޑިއާގައި ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ އެޑުޖަންޓް ޖެނެރަލް، ބްރިގޭޑިއާ ޖެނެރަލް ހުސައިން އަލީ ވިދާޅުވީ، ސިފައިންގެ ދުވަހުގެ ހަރަކާތްތައް މާދަމާ ހެނދުނު 6:00 ގައި ކަޅުތުއްކަލާ ކޮށީގައި ބާއްވާ ދިދަ ނެގުމުގެ ހާއްސަ ރަސްމިއްޔާތުން ފެށިގެންދާނެ ކަމަށެވެ. މި ރަސްމިއްޔާތުގައި މިއަހަރުގެ ސިފައިންގެ ދުވަހަށް ހާއްސަކޮށްފައިވާ ޝިއާރު އިއުލާން ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިލިޓަރީ ޕެރޭޑާއި ޝޯތައް
މި އަހަރުގެ ސިފައިންގެ ދުވަހުގެ އެންމެ ހާއްސަ އެއް ހަރަކާތް ކަމުގައިވާ މިލިޓަރީ ޕެރޭޑް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ ދޭއްވާ ހޮނިހިރު ދުވަހުގެ ހަވީރު 16:30 ގައެވެ. މި ހިނގާލުމުގައި އަސްކަރިއްޔާގެ ތިން ބާރު ކަމަށްވާ ކަނޑާއި، އެއްގަމާއި، ވައިގެ ބާރުގެ ފައުޖުތައް ބައިވެރިވާނެ ކަމަށް ބްރިގޭޑިއާ ޖެނެރަލް ހުސައިން އަލީ މައުލޫމާތު ދެއްވިއެވެ.

މީގެ އިތުރުން، އެމްއެންޑީއެފުން ބޭނުންކުރާ އެކި ބާވަތްތަކުގެ ހަތިޔާރާއި، އާލާތްތަކުގެ އިތުރުން އެއްގަމު އަސްކަރީ އުޅަނދުފަހަރުވެސް މި ހަރަކާތްތަކުގެ ތެރެއިން އާންމުންނަށް ދައްކާލުމަށް ވަނީ ނިންމާފައެވެ.

"ސިފައިންގެ ދުވަހުގެ ހިނގާލުން ފެށިގެންދާނީ، ޖުމްހޫރީ މައިދާނުން. އެ ހަރަކާތުގެ ތެރޭގައި ކޯސްޓްގާޑުގެ އުޅަނދުތައް އިއްޒުއްދީން ފާލަމާ ދިމާލުން ކަނޑުމަތީގައި ހަރަކާތްތެރިވާނެ. މި ހިނގާލުން ނިމޭނީ ކަޅުތުއްކަލާ ކޮށްޓާއި ހަމައިން. މިއީ ވަރަށް ޝައުޤުވެރި ހަރަކާތްތަކަކަށް ވެގެންދާނެ،" ބްރިގޭޑިއާ ޖެނެރަލް ހުސައިން އަލީ ވިދާޅުވިއެވެ.

ސިފައިންގެ ދުވަހާ ގުޅިގެން އިތުރު ހަރަކާތްތަކެއްވެސް ރޭވިފައިވާ ކަމަށާއި، އެ ކަންކަމާ ގުޅޭ ތަފްސީލީ މައުލޫމާތުތައް ކުރިއަށް އޮތް ތަނުގައި އެމްއެންޑީއެފުން ހާމަކުރަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450