ޚަބަރު
ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި ހުންނެވި އަމްޖަދު އިސްތިއުފާދެއްވައިފި
ޑީޖޭއޭގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ / ފޮޓޯ: ޕީއެސްއެމް ނިއުސް
ފަރުދުން
20 އޭޕްރީލު 2026، 07:34
20 އޭޕްރީލު 2026، 07:34
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ)ގެ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރުގެ މަޤާމުގައި ހުންނެވި އަލްއުސްތާޛު އަމްޖަދު މުޞްޠަފާ އެ މަޤާމުން އިސްތިއުފާދެއްވައިފިއެވެ.
އަމްޖަދު މަޤާމުން އިސްތިއުފާ ދެއްވާފައިވާކަން ޔަޤީންކުރެވިފައިވީނަމަވެސް މަޤާމުން އިސްތިއުފާ ދެއްވި ސަބަބު ހާމަކޮށްފައެއް ނުވެއެވެ.
އަމްޖަދު އެ މަޤާމާއި ހަވާލުވެވަޑައިގެންނެވީ އެ މަޤާމުގައި ކުރިން ހުންނެވި އަލްއުސްތާޛާ ޢާއިޝަތު ރިޒުނާ 2024 ވަނަ އަހަރުގެ ސެޕްޓެންބަރު މަހު އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.
އަލްއުސްތާޛު އަމްޖަދު މުޞްޠަފާ މީގެ ކުރިން ވަނީ ވަޒީފާއާ ބެހޭ ޓްރައިބިއުނަލްގެ ރައީސްކަމާއި އިލެކްޝަންސް ކޮމިޝަންގެ މެންބަރުކަމާއި ނައިބުރައީސްކަން ކުރައްވާފައެވެ. އަދި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ބޯޑު ޑިރެކްޓަރުކަމުގެ މަޤާމުވެސް އަމްޖަދު ވަނީ ފުރުއްވާފައެވެ.
އެ ބޭފުޅާ ޗީފް އެޑްމިނިސްޓްރޭޓަރގެ މަޤާމުން އިސްތިއުފާ ދެއްވިއިރު، ނޫސްވެރިންނާ ބައްދަލުކުރެއްވުމަށް ރައީސުލްޖުމްހުރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ބޭއްވެވި ބައްދަލުވުމުގައި ވަނީ ޖުޑިޝަރީއަށް ގެންނަވަން ބޭނުންފުޅުވާ އިސްލާޙުތަކާ ގުޅިގެން މަޢުލޫމާތު ދެއްވާފައެވެ. ރައީސް ވިދާޅުވީ، ޖުޑިޝަރީގެ ދަށަށް ޑީޖޭއޭ ގެންދިއުމަކީ ގޯހެއް ކަމަށާއި، އެ މަނިކުފާނު އެކަން ބަދަލުކުރެއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.