ޚަބަރު
ޤައުމީ ބޭންކުން ކަޅު ބާޒާރުން ބޭރު ފައިސާ ހޯދާކަމަށް ބުނާ ބުނުން އެ ބޭންކުން ދޮގުކޮށްފި
ބޭންކް އޮފް މޯލްޑިވްސް. ފޮޓޯ: މިހާރު
ކަޅު ބާޒާރުން ބޭރު ފައިސާ ހޯދާކަމަށް ބުނެ ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތައް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރަސްމީކޮށް ދޮގުކޮށްފިއެވެ.
ރާއްޖޭގެ އެންމެ ބޮޑު މާލީ އިދާރާއިން މިކަން ހާމަކުރީ އެ ބޭންކުގެ އޮފިޝަލް ސްޕޯކްސްޕާސަން މުޙައްމަދު ސައީދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
މުޙައްމަދު ސައީދު ވިދާޅުވީ، ބީއެމްއެލުން އަބަދުވެސް އަމަލުކުރަނީ ރާއްޖޭގެ މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ކަނޑައަޅާފައިވާ ޕްރޫޑެންޝަލް ގައިޑްލައިންތަކާއި ރިޕޯޓިން ފްރޭމްވޯކްތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން، ބޭންކުން ކަޅު ބާޒާރުގެ ޑީލަރުންގެ އަތުން ފައިސާ ހޯދާ ކަމަށް ބުނެ ދައްކާ ވާހަކަތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތަފާސްހިސާބުތަކަށް އަލިއަޅުއްވާލައްވަމުން ސައީދު ވިދާޅުވީ، ބޭންކުން ވަނީ ވިޔަފާރިތަކަށާއި އަމިއްލަ ފަރުދުންނަށް ޖުމްލަ 226 މިލިޔަން ޔޫއެސް ޑޮލަރު ވިއްކާފައިވާ ކަމަށެވެ. މީގެ ތެރޭގައި ކާބޯތަކެއްޗާއި ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް ދޫކުރި 106.2 މިލިޔަން ޑޮލަރު ހިމެނެއެވެ. މިއީ މިދިޔަ އަހަރުގެ އެވްރެޖާ އަޅާބަލާއިރު 142 އިންސައްތައިގެ އިތުރުވުމެއް ކަމަށް ބޭންކުން ބުނެއެވެ.
މީގެ އިތުރުން، އޭޕްރިލް މަހުގެ ފުރަތަމަ 15 ދުވަހުގެ ތެރޭގައި އެކަނިވެސް ޒަރޫރީ މުދާ އިމްޕޯޓް ކުރުމަށް 25 މިލިޔަނަށްވުރެ ގިނަ ޑޮލަރު ވިއްކާފައިވާ ކަމަށް ސައީދު ވިދާޅުވިއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ދެގުނަ އިތުރު އަދަދެކެވެ. މި ހިސާބުތަކަކީ ބޭންކުގެ ޑޮލަރު ރިޒާވް ހުސްވެފައިވާ ކަމަށް ބުނެ ދައްކާ ވާހަކަތަކަށް އޮތް ރައްދެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ބޭންކުގެ މާލީ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ސައީދު ވިދާޅުވީ، ބޭންކުގެ ބެލެންސް ޝީޓާއި ކެޕިޓަލް އެޑިކުއަސީ ހަރުދަނާ މިންވަރެއްގައި ހިފެހެއްޓިފައިވާ ކަމަށެވެ. އަދި ދެފުށް ފެންނަ ގޮތެއްގައި ދިވެހި ރައްޔިތުންނާއި ވިޔަފާރިތަކަށް ޚިދުމަތް ކުރުމުގައި ބީއެމްއެލުން އަބަދުވެސް ދެމިހުންނާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
"ބީއެމްއެލް އަކީ ރާއްޖޭގެ އިގްތިސާދުގެ މައިބަދަ، ބޭރުގެ މުއާމަލާތްތައް ހިންގުމުގައި އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭ އިދާރާއަކީވެސް މި ބޭންކު،" މުޙައްމަދު ސައީދު ވިދާޅުވިއެވެ. ބޭންކުން ބުނީ ކުރިއަށް އޮތް ތަނުގައިވެސް ރާއްޖޭގެ މާލީ ނިޒާމުގެ ހަމަޖެހުން ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރަމުންދާނެ ކަމަށެވެ.