ޚަބަރު
ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުނުކުރުމަށް ގޮވާލައިފި
ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް---
ފަރުދުން
21 އޭޕްރީލު 2026، 07:36
21 އޭޕްރީލު 2026، 07:36
ބައެއް ސިޔާސީ ޕާޓީތަކުން މިހާރަކަށް އައިސް މާލޭގައި ރޭގަނޑު ބާއްވަމުން އަންނަ އެއްވުންތަކުގައި އާންމު އިޖުތިމާއީ މިންގަނޑާ ޚިލާފު ވާހަކަދައްކާ، މުޖުތަމަޢުގައި ނަފުރަތާއި ހަމަނުޖެހުމަށް ހިތްވަރު ލިބޭ ގޮތަށް އަމަލުކުރަމުންދާތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް، އެފަދަ އަމަލުތައް ހުއްޓާލުމަށް ހިއުމަން ރައިޓްސް ކޮމިޝަން، އެޗްއާރުސީއެމުން ގޮވާލައިފިއެވެ.
މިކަމަށް ގޮވާލަމުން އެޗްއާރުސީއެމުން ހޯމަ ދުވަހު ނެރުނު ބަޔާނެއް ބުނީ، އެއްވުންތަކުގައި، މީޑިއާ މެދުވެރިކޮށް އާންމުންގެ މެދުގައި ނަފުރަތު އުފެދޭ ގޮތަށް ވާހަކަތައްދައްކަމުންދިއުމުގެ ސަބަބުން ހަމަނުޖެހުމަށް މަގުފަހިވާކަމަށެވެ.
ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީގެ 27ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ހައްޤެއް ނަމަވެސް އެ މިނިވަންކަމަކީ ވަކި ހުދޫދެއްގެ ތެރެއިން ބޭނުންކުރަންޖެހޭ ހައްޤެއްކަމުން އެކަމަށް އިޙްތިރާމްކުރުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސްކޮށްފައެވެ. އެހެންކަމުން ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކާއި ސޯޝަލް މީޑިއާގައި ފާޅުކުރާ ޚިޔާލުތަކަކީ އަނިޔާވެރި އަމަލުތަކަށް ހިތްވަރުދޭ ކަންކަމަށް ވެގެންނުވާނެ ކަމަށް އެ ކޮމިޝަނުން ފާހަގަކޮށްފައިވެއެވެ.
ނޫސްބަޔާން:https://t.co/ycJrbOE1vD pic.twitter.com/4jaYyKgbbA
— HRC of the Maldives (@hrcmv) April 20, 2026
މީގެއިތުރުން، މީހުންގެ މެދުގައި ނަފްރަތު އުފެއްދުމަށާއި މުޖުތަމައުގެ މަސްލަހަތު ނަގާލުމަށް ގޮވާލުމުގެ އިތުރުން، އަނިޔާވެރި އަމަލުތައް ކުރުމަށް ހިތްވަރު ލިބޭގޮތަށް ޚިޔާލުފާޅުކުރުމަކީ ޤާނޫނުއަސާސީއިން ދިވެހި ރައްޔިތުންނަށް ކަށަވަރުކޮށްދީފައިވާ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ހައްޤުގެ ރޫހާ ޚިލާފު އަމަލުތަކެއް ކަމަށް ވެސް އެޗްއާރުސީއެމުން ފާހަގަކުރެއެވެ.
އެޗްއާރުސީއެމުން ވަނީ ސިޔާސީ ޕާޓީތަކުގެ އިސް ފަރާތްތަކުން މިފަދަ އަމަލުތައް ނުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ޤާނޫނީ އިމުގެ ތެރެއިން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އެޅުމަށްވެސް ވަނީ ގޮވާލާފައެވެ. މީގެ އިތުރުން، ޤަވައިދާ އެއްގޮތަށް ކުރިއަށްގެންދާ ސިޔާސީ ހަރަކާތްތަކަށް ސަލާމަތީ ބާރުތަކުން ފުރިހަމަ އެއްބާރުލުން ދިނުމަށްވެސް އެ ކޮމިޝަނުން އެދިފައިވެއެވެ.
ބަޔާން ނިންމާލަމުން އެ ކޮމިޝަނުން ވަނީ، ސިޔާސީ ހަރަކާތްތަކުގެ ތެރެއިން ޝުއޫރު ފާޅުކުރުމުގައި އަނެކާގެ އަބުރާއި ނަފްސަށް ގެއްލުންވާފަދަ ކަންކަމުން ދުރުހެލިވުމަށާއި، ހުރިހާ ހަރަކާތްތަކެއްވެސް ސުލްޙަވެރިކަމާއެކު ޤާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ހުރިހާ ސިޔާސީ ޕާޓީތަކަށް އިލްތިމާސްކޮށްފައެވެ.