Ads by Farudhun

ޚަބަރު

އަތޮޅު ކައުންސިލްތައް އިއާދަކުރަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި

އަތޮޅު ކައުންސިލްތައް އިއާދަކުރަން ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ)

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޭޕްރީލު 2026، 03:18

21 އޭޕްރީލު 2026، 03:18

އަތޮޅު ކައުންސިލްތައް އުވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނެސްފައިވާ ބަދަލުތައް އުވާލައި، އަލުން އަތޮޅު ކައުންސިލްތައް އިއާދަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ގެނައުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

 މި ބިލު މަޖިލީހަށް ހުށަހެޅުއްވީ އިދިކޮޅު އެމްޑީޕީގެ ފަރާތުން ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ފޮނުއްވި ސިޓީއެއްގައި މެމްބަރު މުހައްމަދު އިބްރާހިމް ވިދާޅުވީ، ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ނިޒާމު ތަރައްގީވަމުން އަންނަނިކޮށް، އެ ނިޒާމުގެ މުހިންމު ބައެއް ކަމަށްވާ އަތޮޅު ކައުންސިލްތައް އުވާލުމަކީ ގާނޫނުއަސާސީން ތަސައްވުރުކޮށްފައިވާ ފުރިހަމަ ލާމަރުކަޒީ ނިޒާމަށް އުނިކަން އަންނާނެ ކަމެއް ކަމަށެވެ.

ކުޑޫގެ ސިޓީގައި ފާހަގަކުރައްވާފައިވާ ގޮތުގައި އަތޮޅު ކައުންސިލްތައް އުވާލަން ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަމިއްލަ ވިސްނުންފުޅަކަށް ފެށި މަސައްކަތެއްގެ ދަށުންނެވެ. އަދި އެކަމާ ގުޅޭ ގޮތުން އެކަށީގެންވާ ދިރާސާއެއް ނުވަތަ މަޝްވަރާއެއް ވެސް ކޮށްފައި ނުވާ ކަމަށް އޭނާ ތުހުމަތު ކުރެއްވިއެވެ.

މި އިސްލާހު ހުށަހެޅުއްވުމުގައި މެމްބަރު ވަނީ ދާދިފަހުން ނެގި ހިޔާލު ހޯދުމުގެ ވޯޓުގެ ނަތީޖާއަށް ވެސް ރިއާޔަތް ކުރައްވާފައެވެ. ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބާއްވަން ފެނޭތޯ ބެލުމަށް ނެގި ވޯޓުގައި 68.74 އިންސައްތަ މީހުން އެކަމާ ދެކޮޅަށް ވޯޓު ދީފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.

"މި ނަތީޖާއިން އަންގައިދެނީ ދިވެހި ދައުލަތުގެ ހިންގުމުގެ ނިޒާމަށް ބަދަލުތަކެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ވިސްނުންފުޅަށް ހުށަހަޅއްވި ކަންކަމަށް ރައްޔިތުންގެ ރުހުން ނެތްކަމެވެ،" ކުޑޫގެ ސިޓީގައި ބުނެފައިވެއެވެ.

އަތޮޅު ކައުންސިލްތައް އުވާލުމަށް ސަރުކާރުގެ ފަރާތުން ގާނޫނުއަސާސީއަށް އިސްލާހު ހުށަހެޅުއްވީ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއުއެވެ. އެ ބިލް މިދިޔަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު މަޖިލީހުން ފާސްކުރުމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވަނީ އެ ބިލް ތަސްދީގު ކުރައްވާފައެވެ.

މީގެ އިތުރުން، ލާމަރުކަޒީ ގާނޫނަށް ގެނައި ބަދަލުތަކުގެ ދަށުން އާބާދީގައި 2،000 އަށް ވުރެ މަދު މީހުން ތިބި ރަށްރަށުގެ ކައުންސިލް މެމްބަރުންގެ އަދަދު ތިނަކަށް ވަނީ މަދުކޮށްފައެވެ. އަދި އާބާދީގައި 2،000 އަށް ވުރެ ގިނަ މީހުން ތިބޭ ރަށްރަށުގައި އިންތިހާބު ކުރާނީ ފަސް ކައުންސިލަރުން ކަމަށް ވަނީ ކަނޑައަޅާފައެވެ.
 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450