Ads by Farudhun

ޚަބަރު

ކާޑުން ކުރާ މުއާމަލާތްތަކުން 30 އިންސައްތަ ފީ ނަގާކަމަށްބުނެ ފަތުރަނީ ދޮގެއް: ޤައުމީ ބޭންކް

ކާޑުން ކުރާ މުއާމަލާތްތަކުން 30 އިންސައްތަ ފީ ނަގާކަމަށްބުނެ ފަތުރަނީ ދޮގެއް: ޤައުމީ ބޭންކް

ބޭންކް އޮފް މޯލްޑިވްސް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޭޕްރީލު 2026، 04:51

21 އޭޕްރީލު 2026، 04:51

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އާންމުކޮށްފައިވާ އުސޫލުތަކާ ހިލާފަށް ކާޑުތަކުން ކުރާ މުއާމަލާތްތަކުން 30 އިންސައްތައިގެ ފީއެއް ނަގަމުންދާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފަތުރަމުންދަނީ އެއްވެސް އަސާސެއް ނެތް ދޮގު މައުލޫމާތުތަކެއް ކަމަށް އެ ބޭންކުން ބުނެފިއެވެ.

ބީއެމްއެލްގެ ތަރުޖަމާނު މުހައްމަދު ސައީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1 ޖުލައި 2025 އިން ފެށިގެން ވަކި އީ-ކޮމާސް ސައިޓްތަކަކުން (ޓީމޫ، ޝީއިން، އަލީބާބާ، އަލީއެކްސްޕްރެސް، ލަޒާޑާ އަދި އީބޭ) ފިޔަވައި އެއްވެސް އިތުރު ސައިޓަކުން ދިވެހި ރުފިޔާ ޑެބިޓް ކާޑުން ކުރާ މުޢާމަލާތްތަކުން 30 އިންސައްތައާ ހަމައަށް ފީއެއް ނުނަގާނެ ކަމަށެވެ. މީގެ އިތުރުން ސިއްހީ ހިދުމަތާއި، ތައުލީމާއި އަދި ދަތުރުފަތުރުގެ ދާއިރާގެ މާޗަންޓުންނަށް މިފަދަ ފީއެއް ސިއްރިއްޔާތުގައި އިތުރުކޮށްފައިވާ ކަމަށް ދެކެވޭ ވާހަކަތައް ވެސް އޭނާ ވަނީ ދޮގުކުރައްވާފައެވެ.

ތަރުޖަމާނު ފާހަގަކުރެއްވި ގޮތުގައި ބޭންކުގެ "ޝެޑިއުލް އޮފް ޗާޖަސް" ގައިވާ ގޮތުން، ރާއްޖޭން ބޭރުގެ މުޢާމަލާތްތަކަށް ދިވެހި ރުފިޔާ އެކައުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑު ބޭނުންކުރުމުން 30 އިންސައްތައާ ހަމައަށް ބޭންކަށް ފީއެއް ނެގިދާނެއެވެ. މިއީ ދުނިޔޭގެ ބޭންކުތަކުން ވެސް އަމަލުކުރަމުންދާ "ކްރޮސްބޯޑަރ ފީ" ނެގުމުގެ އުސޫލު ކަމަށާއި، މިއީ ވަކި ބަޔަކަށް އަމާޒުކޮށްގެން ނިންމާފައިވާ ނިންމުމެއް ނޫން ކަމަށް ބީއެމްއެލްއިން ބުނެއެވެ.

މިކަމާ ގުޅޭގޮތުން ތަރުޖަމާނު އިތުރަށް ވިދާޅުވީ، "މިގޮތަށް ފަތުރާ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކަކީ މި ބޭންކުގެ އިތުބާރު ގެއްލޭ ގޮތަށް، ހިޔާލުފާޅުކުރުމުގެ މިނިވަންކަން ނަހަމަ ގޮތުގައި ބޭނުންކޮށް، ގައުމުގެ އިގްތިސާދީ ހަމަޖެހުން ނަގާލައި، މާލީ ރައްކާތެރިކަމަށް ސީދާ ނުރައްކަލާ ކުރިމަތިކުރުވަން ފަތުރާ ވާހަކަތަކެއް" ކަމަށެވެ.

ބީއެމްއެލްއިން ވަނީ މިފަދަ ދޮގު މައުލޫމާތުތަކަށް ސަމާލުކަން ނުދިނުމަށާއި، ބޭންކުގެ ރަސްމީ ވަސީލަތްތަކުން ހާމަކުރާ މައުލޫމާތަށް އެކަނި ރިއާޔަތްކުރުމަށް ކަސްޓަމަރުންގެ ކިބައިން އިލްތިމާސްކޮށްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450