ޚަބަރު
މިދިޔަ ހަފުތާގައި މާލެ ސަރަޙައްދުގައި 50 އެކްސިޑެންޓް ހިނގިކަމަށް ރިޕޯޓުކޮށްފި
ފުލުހުންގެ ހެޑް ކުއަރޓާސް.
މިދިޔަ ހަފުތާގައި މާލެ ސަރަހައްދުގައި ޖުމްލަ 50 އެކްސިޑެންޓް ހިނގައިގެން ރިޕޯޓް ކޮށްފައިވާ ކަމަށް މޯލްޑިވްސް ޕޮލިސް ސާރވިސްގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ފުލުހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މި މަހުގެ 12 އިން 18 އަށް މާލޭގައި ހިނގި އެކްސިޑެންޓުތަކުގެ އަދަދު މަދުވި ނަމަވެސް، ބްރިޖު އަދި ހައިވޭގައި ހިނގި އެކްސިޑެންޓުތައް ވަނީ އިތުރުވެފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ ހަފުތާގައި ބްރިޖުގައި 14 އެކްސިޑެންޓް ހިނގާފައިވާއިރު، މިއީ އޭގެ ކުރީ ހަފުތާއާ އަޅާބަލާއިރު 7 އެކްސިޑެންޓުގެ އިތުރުވުމެކެވެ. މާލޭގައި މިދިޔަ ހަފުތާގައި ހިނގާފައިވަނީ 36 އެކްސިޑެންޓެވެ. މިއީ އޭގެ ކުރީ ހަފުތާގައި މާލޭގައި ހިނގި 49 އެކްސިޑެންޓާ އަޅާބަލާއިރު 13 އެކްސިޑެންޓުގެ ދަށްވުމެކެވެ. މިދިޔަ ހަފުތާގައި އެންމެ ގިނަ އެކްސިޑެންޓް ރިޕޯޓްކޮށްފައިވަނީ މި މަހުގެ 14 ވަނަ ދުވަހުއެވެ. އެ ދުވަހު އެކަނިވެސް 12 އެކްސިޑެންޓް ހިނގާފައިވެއެވެ.
މި އެކްސިޑެންޓުތަކުގައި ޖުމްލަ 49 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. ހިނގާފައިވާ ހާދިސާތަކުގެ ތެރޭގައި ސައިކަލާއި ސައިކަލު ޖެހިގެން ހިނގި 19 އެކްސިޑެންޓަކާއި، ސައިކަލާއި ކާރު ޖެހިގެން ހިނގި 13 އެކްސިޑެންޓް ހިމެނެއެވެ.
ފުލުހުން ވިދާޅުވީ މާލޭގެ މަގުތަކުގެ ތެރެއިން އެންމެ ގިނައިން އެކްސިޑެންޓްވާ ކަމަށް ފާހަގަކުރެވެނީ ބޮޑުތަކުރުފާނު މަގުގައި ކަމަށެވެ. މިކަން ހައްލުކުރުމަށްޓަކައި ޕެޓްރޯލް ބީޓްތަކުން އެ ސަރަހައްދު އިތުރަށް ބަލަހައްޓައި މައުލޫމާތު ހިއްސާކުރުމަށް މިހާރު ވަނީ އިރުޝާދު ދީފައެވެ.
މަގުމަތީގައި ހިނގާ އެކްސިޑެންޓުތަކަށްފަހު މަޑުނުކޮށް ފިލާ މައްސަލަތައް އިތުރުވަމުންދާކަން ފުލުހުން ފާހަގަކުރެއްވިއެވެ. މިފަދަ މައްސަލަތައް މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން، ދާދިފަހުން ފިލި މީހަކު ހޯދައި ތަހުގީގު ފަށާފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ސަމާލުވުމަށް ފުލުހުން ވަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވާފައެވެ. މަގުތަކަކީ އަމާން ތަނަކަށް ހެދުމަށްޓަކައި އެކަކު އަނެކަކަށް އަޅާލައި، ޒިންމާދާރުކަމާއެކު ދަތުރުފަތުރު ކުރުމަށް ފުލުހުން ނަސޭހަތްތެރިވެއެވެ.