ޚަބަރު
35 އަހަރުވަންދެން ފުލުހުންގެ ޚިދުމަތަުގައި މަސައްކަތް ކުރެއްވި ފުލުހުންނާއި ސީޕީ ބަދަލުކުރައްވައިފި
35 އަހަރުވަންދެން ފުލުހުންގެ ޚިދުމަތަުގައި މަސައްކަތް ކުރެއްވި ފުލުހުންނާއި ސީޕީ ބަދަލުކުރެއްވުން
ދިވެހި ފުލުހުންގެ ޚިދުމަތުގައި 35 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ އިސް އޮފިސަރުންނާ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު މުޙައްމަދު ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުމަކީ ޤައުމަށް ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ފުލުހުންގެ އަގު ވަޒަންކުރުމުގެ ގޮތުން ބޭއްވި ބައްދަލުވުމެކެވެ.
މި ބައްދަލުވުމުގައި ކޮމިޝަނަރު ވަނީ އެ އޮފިސަރުންގެ ހީވާގި މަސައްކަތާއި ޕްރޮފެޝަނަލިޒަމަށް ޝުކުރު އަދާކުރައްވައި، ވާޖިބު އަދާކުރުމުގައި އެ ބޭފުޅުން ވެވަޑައިގަންނަވަމުން ގެންދަވާ ގުރުބާނީ ފާހަގަކުރައްވާފައެވެ. އަދި ފުލުހުންގެ މުއައްސަސާ ހިންގުން ހަރުދަނާކުރުމުގައާއި، ކުރިއަށް އޮތް ޖީލުތަކުގެ ފުލުހުން ތަމްރީނުކުރުމުގައި އެ ބޭފުޅުންގެ ތަޖުރިބާގެ މުހިންމުކަން ކޮމިޝަނަރު ފާހަގަކުރެއްވިއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވީ، "މިފަދަ ދިގު މުއްދަތެއްގެ ހިދުމަތަކީ ތެދުވެރިކަމާއި، ސާބިތުކަމާއި، ރައްޔިތުންނަށް ހިދުމަތްކުރުމުގެ ވަފާތެރިކަމުގެ ނަމޫނާއެއް" ކަމަށެވެ. މީގެ އިތުރުން، ދިގު މުއްދަތަކަށް ހިދުމަތް ކުރައްވާފައިވާ އޮފިސަރުންގެ އިލްމާއި ތަޖުރިބާއަކީ މިހާރު ހިނގަމުންދާ މަސައްކަތްތައް ކުރިއެރުވުމުގައި އަގުނުކުރެވޭފަދަ މުހިންމު އެސެޓެއްކަންވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ބައްދަލުވުމުގައި މުއައްސަސާގެ އެކިއެކި ކަންކަމާ ގުޅޭގޮތުން ތަޖުރިބާ ހިއްސާކޮށް މަޝްވަރާ ކުރެވުނެވެ. އެގޮތުން ރާއްޖޭގައި ފުލުހުންގެ ހިދުމަތް ތަރައްގީވެ ބަދަލުވެގެން އައިސްފައިވާ ގޮތާއި، އެކި ދުވަސްވަރު ކުރިމަތިވި ގޮންޖެހުންތަކުގެ އިތުރުން، މުޖުތަމައުގެ އިތުބާރު ދެމެހެއްޓުމުގެ މުހިންމުކަމާ ބެހޭގޮތުން އޮފިސަރުން ވަނީ އެބޭފުޅުންގެ ތަޖުރިބާ ހިއްސާކުރައްވާފައެވެ.