ޚަބަރު
ވީއައިއޭގެ ޓްރެފިކަށް ވަގުތީ ބަދަލުތަކެއް ގެނެސްފި
ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު. ފޮޓޯ: އެމްއޭސީއެލް
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ ޓާމިނަލް ސަރަހައްދުގައި ކުރިއަށްދާ މަރާމާތުގެ މަސައްކަތްތަކަކާ ގުޅިގެން، އެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ވަގުތީ ބަދަލުތަކެއް ގެނައުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ނިންމައިފިއެވެ.
އެމްއޭސީއެލް އިން ވިދާޅުވީ ވީއައިއޭގެ ޓާމިނަލް ދޭއްގެ ކަފިހިހުރަހުގެ ފުރާޅު މަރާމާތު ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި، މާދަމާއިން ފެށިގެން މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކޮންމެ ދުވަހެއްގެ ދަންވަރު 00:00 އިން ފަތިހު 5:00 އަށް އެ ސަރަހައްދު ބަންދުކުރާނެ ކަމަށެވެ. މި ވަގުތުތަކުގައި ޓްރެފިކް ފްލޯއަށް ގެނެވޭ ބަދަލުތަކަށް ސަމާލުވުމަށް އެ ކުންފުނިން ވަނީ އިލްތިމާސްކޮށްފައެވެ.
މި ބަދަލުތަކުގެ ދަށުން، ޑޮމެސްޓިކް ޓާމިނަލަށް ފަސިންޖަރުން ގޮވައިގެން އަންނަ ޓެކްސީތައް މަޑުކުރާނީ ޓާމިނަލް އެކެއްގެ ޑިޕާޗާ ގޭޓް އެކެއް އަދި ދޭކަށެވެ. މަސައްކަތް ކުރިއަށްދާ ވަގުތުތަކުގައި ޓާމިނަލް ދޭއްގެ ޓެކްސީ ސްޓޮޕް ބަންދުވާނެ ކަމަށް އެމްއޭސީއެލް އިން މަޢުލޫމާތު ދެއެވެ.
އާންމު ދަތުރުފަތުރުގެ ޚިދުމަތްތަކަށް ބަލާއިރު، އެމްޓީސީސީ ބަސްތައް ފަސިންޖަރުން ބޭލުމާއި ނެގުމަށް މަޑުކުރާނީ ހަމައެކަނި އެއާޕޯޓްގެ ހުޅަނގު ފަރާތުގައި އޮންނަ ސައިކަލް ޕާކިން ބަސް ހުއްޓިއަށެވެ. އަދި އެމްއޭސީއެލްގެ އިންޓާނަލް ބަސް ރޫޓް އެކެއްގެ ދަތުރުތައް ނިންމާލާނީ ޓާމިނަލް އެކެއްގެ ޑިޕާޗާ ގޭޓަށެވެ. ވޯޓާ ސަޕްލައި ސަރަހައްދަށް ދަތުރުކުރާ ބަސްތައް ފަށާނީ ޓާމިނަލް ދޭއްގެ ކުރިމަތީގައި އޮންނަ ބުރު ކައިރިންނެވެ.
އެމްއޭސީއެލް އިން އިތުރަށް ވިދާޅުވީ، ޓްރެފިކް ރޫޓަށް ބަދަލުތަކެއް އައި ނަމަވެސް އެއާޕޯޓްގެ އެއްވެސް ބަސް ޝެޑިއުލްއަކަށް ބަދަލެއް ނާންނާނެ ކަމަށެވެ. ބަސް ރޫޓްތަކަށް ގެނެވުނު މި ބަދަލުތައް ހިނގާނީ ހަމައެކަނި ކަނޑައެޅިފައިވާ ދަންވަރުގެ ވަގުތުތަކުގައެވެ.