Ads by Farudhun

ޚަބަރު

ފެން ބިލުގެ ޖޫރިމަނާތައް މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

ފެން ބިލުގެ ޖޫރިމަނާތައް މައާފުކޮށްދޭން އެމްޑަބްލިއުއެސްސީން ނިންމައިފި

އެމްޑަބްލިޔުއެސްސީގެ ވެރިން ހުޅުމާލެ އޮޕަރޭޝަން ސައިޓަށް ޒިޔާރަތްކުރައްވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޭޕްރީލު 2026، 05:04

22 އޭޕްރީލު 2026، 05:04

މިދިޔަ އަހަރުގެ ނިޔަލަށް ޖޫރިމަނާ އަރައިފައިވާ ފެން ބިލުތަކަށް ފައިސާ ދެއްކުމުން، އެ ބިލުތަކަށް އަރައިފައިވާ ޖޫރިމަނާ މާފުކޮށްދޭން ނިންމައިފައިވާ ކަމަށް މާލޭ ވޯޓާ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން މިއަދު ބުނެފިއެވެ.

އެމްޑަބްލިއުއެސްސީން ނެރުނު ބަޔާނެއްގައި ބުނީ، ކަސްޓަމަރުންނަށް ފެން ބިލްތަކަށް ފައިސާ ދެއްކުމުގައި ލުއިފަސޭހަ މަގެއް ފަހިކޮށްދިނުމުގެ ގޮތުން، ގޭބިސީތަކާއި ވިޔަފާރިތަކުގެ ފެން ބިލް ނުދެއްކި ގިނަ ދުވަސް ވެގެން އަރާފައިވާ ޖޫރިމަނާ މާފުކޮށްދިނުމަށް އަނެއްކާވެސް ނިންމާފައިވާ ކަމަށެވެ. މި ފުރުސަތު ޑޮމެސްޓިކް ކަސްޓަމަރުންނާއި ކޮމާޝަލް ޓެރިފް ކަސްޓަމަރުންނަށް ވެސް ލިބޭނެކަމަށް އެމްޑަބުލިއުއެސްސީން ބުނެއެވެ.

އެ ކުންފުނިން ބުނި ގޮތުގައި، ޖޫރިމަނާ މާފުކޮށްދެވޭނީ ޖޫރިމަނާ ނިސްބަތްވާ ބިލްތަކަށް ދައްކަން ޖެހޭ ޖުމްލަ ފައިސާ މި އަހަރުގެ ނިޔަލަށް ދައްކައި ޚަލާސްކުރުމުންނެވެ. އަދި ޖޫރިމަނާ އަރައިފައިވާ ބިލްތަކަށް މަހުން މަހަށް ބަހާލައިގެން ފައިސާ ދައްކައި ޚަލާސްކުރުމަށް އެދޭ ކަސްޓަމަރުންނަށް ވެސް އެ އިންތިޒާމް ހަމަޖައްސައިދޭނެ ކަމަށް އެމްޑަބްލިއުއެސްސީން ބުނެއެވެ. ނަމަވެސް އެފަދަ ކަސްޓަމަރުންނަށް ޖޫރިމަނާ މާފުވާނީ އެއްބަސްވުމާ އެއްގޮތަށް ފައިސާ ދައްކާ ޚަލާސްކުރުމުންނެވެ.

"ވީމާ، ނުދެއްކި ގިނަދުވަސް ވެގެން ޖޫރިމަނާ އަރާފައިވާ ބިލްތަކަށް ފައިސާ ދައްކަވައި ޚަލާސް ކުރެއްވުމަށް މި ފުރުސަތުގެ ބޭނުން ހިއްޕެވުމަށާއި ޤަވާޢިދުން ބިލްތަކަށް ފައިސާ ދައްކަވަމުން ގެންދެވުމަށް ހުރިހާ ކަސްޓަމަރުންނަށް އިލްތިމާސްކުރަމެވެ." އެމްޑަބްލިއުއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

މިކަމާ ގުޅޭ އިތުރު އެހީތެރިކަން ބޭނުންވާ ފަރާތްތަކުން އެ ކުންފުނީގެ ކަސްޓަމާ ކެއާ ސެންޓަރުގެ ހޮޓްލައިން 105 އަށް ގުޅުމުން ނުވަތަ 1050 އަށް އެސްއެމްއެސްއެއް ފޮނުވުމުން ނުވަތަ އީމެއިލް މެދުވެރިކޮށް މައުލޫމާތު ސާފުކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ސަރުކާރުގެ އެކި މުއައްސަސާތަކުން ޖޫރިމަނާ މާފުކޮށްދެމުންދާއިރު، މި ސަރުކާރުން ވަނީ ހުޅުމާލޭ ފުރަތަމަ ފިޔަވަހީގެ ފުލެޓުތަކާއި ހިޔާ ފްލެޓުތަކުގެ އިތުރުން މާލެހިޔާއާއި ސިނަމާލެ ފްލެޓުތަކުގެ ކުލި ނުދައްކައިގެން އަރާފައިވާ ޖޫރިމަނާތައް ވެސް މާފުކޮށްދިނުމަށް ނިންމައިފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450