ޚަބަރު
އެމްޑީޕީގެ ޗެއާޕާސަން ހޮވުމުގެ އިންތިޚާބު ޖޫން 12 ގައި ބާއްވަނީ، ކުރިމަތިލުމަށް ހުޅުވާލައިފި
އެމްޑީޕީގެ ޖަލްސާއެއް ކުރިއަށްދަނީ. ފޮޓޯ: އެމްޑީޕީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ޗެއާޕާސަން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހު ބޭއްވުމަށް ނިންމައި، އެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެ ޕާޓީން މިއަދު ހުޅުވާލައިފިއެވެ.
އެމްޑީޕީން ކުރި އިއުލާނެއްގައި ބުނީ ޗެއާޕާސަންގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު މިއަދުން ފެށިގެން އަންނަ މޭ މަހުގެ ދެވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ.
މި އިންތިހާބުގައި ވޯޓުލެވޭނީ މިއަދުގެ ނިޔަލަށް އެ ޕާޓީގެ މެންބަރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ. އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން ފޯމު ހުށަހަޅަންޖެހެނީ ގޫގުލް ފޯމް މެދުވެރިކޮށެވެ. ފޯމާއެކު ޑިޕާޓްމަންޓް އޮފް ޖުޑިޝަރީގެ ކުށާއި ދަރަނީގެ ރެކޯޑުގެ އިތުރުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ފުރިހަމަކޮށްފައިވާ ކުށުގެ ރެކޯޑް ހުށަހަޅަންޖެހޭނެއެވެ.
މި މަގާމަށް ކުރިމަތިލާ ފަރާތްތަކުގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި، ޕާޓީގެ މެންބަރަކަށް ވުމުގެ އިތުރުން، ގާނޫނުއަސާސީގެ 73 ވަނަ މާއްދާ އާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ގާނޫނުގެ އަށް ވަނަ މާއްދާގައި ބަޔާންކުރާ، މަޖިލިސް އިންތިހާބަށް ކުރިމަތިލާ މީހެއްގެ ހުންނަންޖެހޭ ހުރިހާ ޝަރުތުތަކެއް ފުރިހަމަވާން ޖެހެއެވެ.
މިހާތަނަށް މި މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި، ގަލޮޅު ދެކުނު ދާއިރާގެ މަޖިލިސް މެންބަރު މީކާއިލް އަހުމަދު ނަސީމްގެ އިތުރުން ކުރީގެ މަޖިލިސް މެންބަރު އަލްހާން ފަހުމީއެވެ. މި ބޭފުޅުން މިހާރު އަންނަނީ އިންތިހާބަށް ކެމްޕެއިން ވެސް ކުރައްވަމުންނެވެ.
އެމްޑީޕީގެ ޗެއާޕާސަންގެ މަގާމު ހުސްވީ އެ މަގާމުގައި ހުންނެވި ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ. އެހެންކަމުން، ވަގުތީ ގޮތުން އެ މަގާމުގެ މަސްއޫލިއްޔަތުތައް މިހާރު އަދާކުރައްވަމުން ގެންދަވަނީ ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލް ޣަފޫރު މޫސާއެވެ.
އެމްޑީޕީން އިއުލާންކޮށްފައިވާ ގޮތުގައި، ޖޫން 12 ވާ ބުދަ ދުވަހު ބާއްވާ މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދާނީ އެ ދުވަހުގެ މެންދުރުފަހު 2:30 އިން ރޭގަނޑު 8:00 އާ ހަމައަށެވެ.