ރިޕޯޓް

އެމްޕީއެއިލްގެ ހުންގާނަށް މިފަހަރު އެރީ ފިސާރި މާލިމީއެއް

އެމްޕީއެއިލްގެ ހުންގާނަށް މިފަހަރު އެރީ ފިސާރި މާލިމީއެއް

ހުސެއިން ޝަފީގު -- ފޮޓޯ : ފަރުދުން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

23 އޭޕްރީލު 2026، 11:11

23 އޭޕްރީލު 2026، 11:11

ދިވެހިރާއްޖޭގެ ކަނޑުދަތުރުފަތުރާއި, ބަނދަރުތަކުގެ ހިންގުމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައިބަދައެވެ. މި މުހިންމު ދާއިރާގެ އެންމެ ބޮޑު އެއް ތަނބަކީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އެވެ. މި ކުންފުނީގެ ހިންގުމުގެ އައު ހަރުފަތަކަށް ގެންދިއުމަށްޓަކައި، މިފަހަރު އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަކަށް މި ވަޑައިގަތީ ކަނޑުމަތީގެ ތަޖުރިބާގެ ކަނޑެއް ފަތާފައިވާ، ހަގީގީ "މާސްޓަރ މެރިނަރ" އެކެވެ. އެއީ ކެޕްޓަން ޙުސައިން ޝަފީޤެވެ. 

1967 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 6 ވަނަ ދުވަހު އުފަންވި ޙުސައިން ޝަފީޤަކީ ކަނޑުމަތީގައި 35 އަހަރަށްވުރެ ދިގު މުއްދަތެއްގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. މީގެ ތެރެއިން 10 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ވަނީ ބައިނަލްއަޤްވާމީ ދަތުރުތަކުގައި ކެޕްޓަނެއްގެ ގޮތުގައި އުޅަނދުފަހަރު ދުއްވައި، ދުނިޔޭގެ ކަނޑުތަކުގެ ގޮންޖެހުންތަކާ ކުރިމަތިލައްވާފައެވެ. 

ސްރީލަންކާގެ ސިނެކް މެރިޓައިމް ކެމްޕަހުން މާސްޓަރ މެރިނަރ ސެޓްފިކެޓް އޮފް ކޮމްޕިޓެންސީ (އަންލިމިޓެޑް) އާއި އެޑްވާންސްޑް ޑިޕްލޮމާ އިން މެރިޓައިމް ސައިންސް ފުރިހަމަކޮށް، ކަނޑުދަތުރުފަތުރުގެ ދާއިރާއިން މަތީ ތަޢުލީމާއި ތަމްރީނު ވަނީ ހާސިލްކޮށްފައެވެ. މިގޮތުން މެނޭޖްމަންޓް އެންޑް އޮޕަރޭޝަންސް، ނެވިގޭޝަން، ޝިޕް ސްޓެބިލިޓީ، ބިޒްނަސް އެންޑް ލޯ، އަދި މެރިން އިންޖިނިއަރިންގ ފަދަ މުހިންމު ދާއިރާތަކުން ފަންނީ ޢިލްމާއި ތަޖުރިބާ ލިބިފައިވެއެވެ.

މަސައްކަތުގެ އަމަލީ ދާއިރާގައި، އުޅަނދުފަހަރުގެ ފީސިބިލިޓީ ސްޓަޑީޒް ހެދުމާއި، ފަޅުވެރިން މެނޭޖްކުރުމުގެ އިތުރުން، ދިމާވާ ޓެކްނިކަލް އަދި މެކޭނިކަލް މައްސަލަތައް ދެނެގަނެ ހައްލުކުރުމުގެ ފުރިހަމަ ޤާބިލުކަން ވަނީ ލިބިފައެވެ. މީގެ އިތުރުން، ބައިނަލްއަޤްވާމީ މިންގަނޑުތަކާ އެއްގޮތަށް އުޅަނދުފަހަރު އިންސްޕެކްޓްކޮށް ސާވޭކުރުމާއި، ކާގޯ ސާވޭގެ ކަންކަން ސަލާމަތީ ގޮތުން އެންމެ މަތީ ފަންތީގައި ބެލެހެއްޓުމުގެ ހުނަރު އޭނާއަށް ލިބިފައިވެއެވެ. އަދި އޭނާއަކީ އައިއެސްޕީއެސް، އެސްޓީސީޑަބުލިއު އަދި އައިއެސްއެމް ފަދަ ބައިނަލްއަޤްވާމީ މެރިޓައިމް ސަލާމަތީ ޤަވާޢިދުތަކަށް ފުރިހަމައަށް އަހުލުވެރިވެފައިވާ ބޭފުޅެކެވެ.

ކެޕްޓަން ޝަފީޤަކީ ތަޢުލީމީ ގޮތުންވެސް އެންމެ މަތީ ފަންތީގެ މާލިމީއެކެވެ.

މަސައްކަތުގެ ތަޖުރިބާކާރެއް

ކެޕްޓަން ޝަފީޤުގެ ކެރިއަރަށް ބަލާއިރު، އޭނާގެ ތަޖުރިބާ ބިނާވެފައިވަނީ ދުނިޔޭގެ މަޝްހޫރު "އޯލްޑެންޑޯފް ކެރިއަރސް" ފަދަ ކުންފުނިތަކުގައެވެ. ބަލްކް ކެރިއަރ، ހެވީ ލިފްޓް، އަދި ޖެނެރަލް ކާގޯ ފަދަ އެކި ބާވަތުގެ ބޮޑެތި އުޅަނދުފަހަރު ހިންގުމުގައި އޭނާ ވަނީ އަމަލީގޮތުން ލީޑަރޝިޕް ދައްކަވާފައެވެ. ވަކިން ޚާއްޞަކޮށް، ކޮވިޑް-19 ގެ ދަތި އުނދަގޫ ދުވަސްވަރު "މަހާޖައްރާފު" ގެ ފުރަތަމަ ދިވެހި ކެޕްޓަނެއްގެ ގޮތުގައި މަސައްކަތް ކުރެއްވުމަކީ ފާހަގަކޮށްލަންޖެހޭ ކާމިޔާބީއެކެވެ. އެ އުޅަނދުގައި ހޭދަކުރެއްވި 7 މަސްދުވަހުގެ މުއްދަތުގައި ޗީފް އޮފިސަރަށް ބޭނުންވާ ތަމްރީނުތައްދީ، އޭނާ އެހެން މީހުން ކެޕްޓަންކަމަށް ޕްރޮމޯޓްކުރުމަށް އެހީތެރިވެދީފައިވާކަން ފާހަގަ ކުރެވެއެވެ. އަދި އުޅަނދުގައި ފަޅުވެރިން ނިދާނެ އެނދު މަދުވުމުގެ މައްސަލަ ދިމާވެފައި އޮތުމުން، ކަމާބެހޭ އިދާރާތަކާ ވާހަކަދައްކައިގެން އުޅަނދުގައި އިތުރު އެނދު ތައްޔާރުކޮށް، ފަޅުވެރިން ކޮންމެ ދުވަހަކު އެއްގަމަށް އުފުލަންޖެހޭ ޖެހުން ހުއްޓުވައި ކުންފުނީގެ ޚަރަދު ކުޑަކޮށްދީފައިވެއެވެ. އޮޕަރޭޝަނަލް ޚަރަދުތައް ކުޑަކުރުމަށާއި، ފަޅުވެރިންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އޭނާ އެޅުއްވި ފިޔަވަޅުތަކަކީ އޭނާގެ ހިންގުންތެރިކަމުގެ އަލިގަދަ ހެއްކެކެވެ.


ބައިނަލްއަޤްވާމީ ދަތުރުތައް ކުރާ އުޅަނދުފަހަރުގައި، ޚާއްސަކޮށް އޯލްޑެންޑޯފް ކެރިއަރސްގައި 10 އަހަރަށްވުރެ ގިނަ ދުވަހު ކެޕްޓަންކަން ކުރުމުގެ ތަޖުރިބާ ލިބިފައިވެއެވެ. ބަލްކް ކެރިއަރ، ހެވީ ލިފްޓް، ލޮގްސް އަދި ޖެނެރަލް ކާގޯ ފަދަ ތަފާތު ބާވަތްތަކުގެ އުޅަނދުފަހަރު ބައިނަލްއަޤްވާމީ ޤަވާޢިދުތަކާ އެއްގޮތަށް ދުއްވުމާއި އޮޕަރޭޓްކުރުމުގެ ފުރިހަމަ ހުނަރު ލިބިފައިވެއެވެ. ކަނޑުމަތީގެ ނުރައްކާތެރި ހާލަތްތަކުގައި އުޅަނދު ދުއްވުމާއި، ދަތުރުތައް ރޭވުމާއި، މުދާ އަރުވާ ބާލާ ތަންތަން ސާފުކުރުމާއި، ކުއްލި ނުރައްކަލުގެ ހާލަތްތައް މެނޭޖްކުރުމަށް އަހުލުވެރިވެފައިވެއެވެ. މީގެ އިތުރުން ކަނޑުމަތީގެ ސަލާމަތީ މަސައްކަތްތަކާއި، ޑްރައި ޑޮކިންގ އަދި މުދާ އިންސްޕެކްޓްކުރުމުގެ ތަޖުރިބާ ހުސައިން ޝަފީގަށް ލިބިފައިވެއެވެ.

ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު، އެމް.ވީ މަހާޖައްރާފު (ސަކްޝަން ހޮޕަރ ޑްރެޖަރ) ގެ ފުރަތަމަ ދިވެހި ކެޕްޓަނެއްގެ ގޮތުގައި 7 މަސްދުވަހު މަސައްކަތް ކުރެއްވިއެވެ.

އެމްޕީއެލް ފަދަ ލޮޖިސްޓިކްސް އަދި މެރިޓައިމް ކުންފުންޏަކަށް ކެޕްޓަން ޝަފީޤު ވަޑައިގަތުމަކީ އެ ކުންފުންޏަށް ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެކެވެ. އޭނާގެ ކިބައިގައި ހުރި "އެކްސްޕާޓް ސްކިލްސް" ތަކަށް ބަލާއިރު، ބަނދަރުތަކުގެ އޮޕަރޭޝަން، މުދާ ހޭންޑްލްކުރުން، އަދި އުޅަނދުފަހަރުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމުގައި އޭނާއަކީ ދެވަނައެއް ނެތް ފަދަ ބޭފުޅެކެވެ. ފީސިބިލިޓީ ސްޓަޑީޒް ހެދުމާއި، ޓްރަބަލް ޝޫޓިންގ އަދި މެރިޓައިމް ސޭފްޓީގެ ރެގިއުލޭޝަންތަކަށް އޭނާ ހުންނެވީ ފިސާރި އަހުލުވެރިވެފައެވެ.

ކެޕްޓަން ޝަފީޤުގެ އަމާޒަކީ ކަނޑުމަތީގައި ހޯއްދެވި 35 އަހަރުގެ ތަޖުރިބާ ބޭނުންކޮށްގެން، އެއްގަމުގައި ހުރެ މެރިޓައިމް މެނޭޖްމަންޓްގެ ދާއިރާއިން ޤައުމަށް ޚިދުމަތްކުރުމެވެ. ސްޓްރެޓީޖިކް ޕްލޭނިންގ އާއި ރިސްކް މެނޭޖްމަންޓްގެ ތެރެއިން ރާއްޖޭގެ މެރިޓައިމް ދާއިރާ ހަރުދަނާކުރުމަކީ އޭނާގެ އެންމެ ބޮޑު އެދުމެވެ. އަދި އެއް އުންމީދެވެ.

މި ފިސާރި މާލިމީ، އެމްޕީއެލްގެ ހުންގާނުގައި ހުންނަވައިގެން، ރާއްޖޭގެ ބަނދަރުތަކުގެ ހިންގުން އައު މިސްރާބަކަށް ގެންދާނެ ކަމާމެދު އެއްވެސް ޝައްކެއް ނެތެވެ. މިއީ ތަޖުރިބާކާރު، ތަޢުލީމީ، އަދި ހިންގުންތެރި ދިވެހި ދަރިއަކު ޤައުމީ ޚިދުމަތަށް ނުކުތް އުފާވެރި ވަގުތެކެވެ. ކެޕްޓަން ޙުސައިން ޝަފީޤާއެކު އެމްޕީއެލްގެ ދަތުރު އަމާން ބަނދަރަކަށް ވާސިލްވާނެކަން ކަށަވަރެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450