Ads by Farudhun

ޚަބަރު

ހަނގުރާމައިގެ ސަބަބުން މަޝްރޫޢުތައް ނިމުން ލަސްވުމަކީ އެކަށީގެންވާކަމެއް: ވަޒީރު މުއްޠަލިބް

ހަނގުރާމައިގެ ސަބަބުން މަޝްރޫޢުތައް ނިމުން ލަސްވުމަކީ އެކަށީގެންވާކަމެއް: ވަޒީރު މުއްޠަލިބް

ވަޒީރު ޑރ ޢަބްދުﷲ މުއްޠަލިބް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޭޕްރީލު 2026، 05:06

23 އޭޕްރީލު 2026، 05:06

އީރާނު ހަނގުރާމައިގެ ސަބަބުން ރާއްޖޭގައި ކުރިއަށްގެންދާ އުމްރާނީ ތަރައްގީގެ މަޝްރޫއުތައް ކުރިން ރާވާފައިވާ މިންވަރަށްވުރެ ލަސްވުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިމާރާތްކުރުމާއި، ބިނާރާއި ގެދޮރުވެރިކަމާއި އުމްރާނީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.

 މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވަޒީރު ވިދާޅުވީ، ހަނގުރާމައިގެ ސަބަބުން ތެލުގެ އަގު ބޮޑުވެ، އިމާރާތްކުރުމަށް ބޭނުންވާ ބައެއް ތަކެތި ލިބުމުގައި ދަތިތަކެއް ކުރިމަތިވަމުންދާ ކަމަށެވެ.

ވަޒީރު ފާހަގަކުރެއްވި ގޮތުގައި ތެލުގެ އަގު ދެގުނަ ބޮޑުވެފައިވާތީ، ގިނަ އަދަދަކަށް ތެޔޮ ބޭނުންކޮށްގެން ކުރަންޖެހޭ ބިން ހިއްކުމާއި ބަނދަރު ހެދުން ފަދަ މަޝްރޫއުތަކަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

 "މިވަގުތު އަޅުގަނޑުމެންގެ އަމާޒަކީ ވީހާވެސް ހަރަދު ކުޑަކޮށް މަޝްރޫއުތައް ކުރިއަށްގެންދިއުން،" ވަޒީރު ވިދާޅުވިއެވެ.

 މި ދަތިތަކާއެކުވެސް އިމާރާތްކުރުމަށް ބޭނުންވާ ތަކެތި މެދުނުކެނޑި ފޯރުކޮށްދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.

ސަރުކާރުގެ އެއްވެސް މަޝްރޫއެއް ހުއްޓާލުމުގެ ވިސްނުމެއް ނެތްކަން ހާމަކުރައްވަމުން މުއްތަލިބު ވިދާޅުވީ، މިހާރުގެ އަމާޒަކީ މަޝްރޫއުތަކުގެ ޓައިމްލައިންއަށް ބަދަލުތަކެއް ގެނެސްގެން މަސައްކަތްތައް ކުރިއަށް ގެންދިއުމެވެ. އަދި މި ހާލަތުގެ އަސަރު ހަމައެކަނި ސަރުކާރުގެ މަޝްރޫއުތަކަށް ނޫން ކަމަށާއި، ފަތުރުވެރިކަމުގެ ދާއިރާގައި އަމިއްލަ ވިޔަފާރިތަކުން ހިންގާ ތަރައްގީގެ މަޝްރޫއުތަކަށްވެސް މިކަމުގެ ނޭދެވޭ އަސަރު ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ދަނޑިވަޅުގައި ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެނީ ރައްޔިތުންގެ އަސާސީ ބޭނުންތަކަށް ބުރޫނާރާނެ ގޮތަކަށް ކަންކަން އިންތިޒާމު ކުރުމަށެވެ. އެގޮތުން ފެނާއި ކަރަންޓުގެ އިތުރުން، މަސްވެރިންނަށް ބޭނުންވާ ތެލާއި، ކައްކާ ގޭހާއި، އަދި އެސްޓީއޯ މެދުވެރިކޮށް ފޯރުކޮށްދޭ އަސާސީ ކާބޯތަކެތީގެ އަގު ބޮޑުނުކޮށް ރައްޔިތުންނަށް ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ދަނީ މަސައްކަތް ކުރަމުންނެވެ.

ދުނިޔޭގެ ބާޒާރުގައި ތެލާއި ގަސްކާނާގެ އަގު އުފުލުމުގެ ސަބަބުން ދަތުރުފަތުރާއި ދަނޑުވެރިކަމަށް ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ. ރާއްޖޭގެ ފަތުރުވެރިކަމަށް ބަލާއިރު، ގިނަ އަދަދެއްގެ ފްލައިޓުތައް ކެންސަލްވެ، ފަތުރުވެރިން ޒިޔާރަތްކުރާ ނިސްބަތް މިދިޔަ އަހަރާ އަޅާބަލާއިރު ވަނީ ވަރަށް ބޮޑަށް ދަށަށް ގޮސްފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450