ޚަބަރު
އޭއައި ބައްޓަން ކުރުމުގައި އަންހެން ކުދިންގެ މަޝްވަރާ އާއި ހިޔާލު ހޯދުން މުހިއްމު: މެޑަމް ސާޖިދާ
"ގާލްސް އިން އައިސީޓީ" ދުވަސް
ބަދަލުވަމުންދާ ޓެކްނޮލޮޖީގެ ދުނިޔޭގައި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ މުސްތަގުބަލު ބައްޓަން ކުރުމަށްޓަކައި އަންހެން ކުދިންގެ ހިޔާލާއި މަޝްވަރާ އޮތުމަކީ ނުހަނު މުހިންމު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުހައްމަދު ވިދާޅުވެއްޖެއެވެ.
ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ "ގާލްސް އިން އައިސީޓީ" ދުވަހާ ގުޅިގެން މީސްމީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައި އެކަމަނާ ވަނީ، ފަންނިއްޔާތުގެ ދާއިރާގައި ކުރިއަށް ދިއުމަށްޓަކައި ކޮންމެ ޒުވާން އަންހެން ކުއްޖަކަށްވެސް ހިތްވަރު ދިނުމަށް ގޮވާލައްވާފައެވެ. އަދި ހަލުވިކަމާއެކު ކުރިއަރަމުން އަންނަ ޓެކްނޮލޮޖީގެ ދުނިޔޭގައި، ތަރައްގީއަށްޓަކައި އޭއައި ބައްޓަން ކުރުމުގައި ކޮންމެ އަންހެން ކުއްޖެއްގެ ބައިވެރިވުން އޮންނަން ޖެހޭނެ ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.
މެޑަމް ސާޖިދާ އިތުރަށް ވިދާޅުވީ، އެކަކު އަނެކަކަށް އެހީތެރިވުމާއި ހުރިހާ އެންމެން ޝާމިލްވުމުގެ ފުރުސަތު އޮންނަ މާހައުލެއް ގާއިމްކޮށް، ފުރުސަތުތައް ފަހިކޮށްދިނުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. ވަކިން ހާއްސަކޮށް، ނިސްބަތުން އަންހެނުން މަދުން ހަރަކާތްތެރިވާ ދާއިރާތަކަށް ކުރިމަތިލުމަށް ހިތްވަރުދީ، މިހާރު ހުރި ހުރަސްތައް ގިރާކުރުމަށް އެންމެން އެކުގައި މަސައްކަތް ކުރުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.
ޑިޖިޓަލް މުސްތަގުބަލަކަށް އައު ޖީލެއް ބިނާކުރުމުގައި ގުޅިގެން ކުރާ މަސައްކަތުން އެންމެން ބާރުވެރި ކުރެވޭނެ ކަމަށް އެކަމަނާ ވިދާޅުވިއެވެ. އަންހެން ކުދިންނަށް އުނގެނުމުގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ބާރުއަޅުއްވަމުން މެޑަމް ސާޖިދާ ވިދާޅުވީ، "ފަންނިއްޔާތުގެ ދާއިރާގެ މުސްތަގުބަލު ބިނާކުރެވޭނީ އެންމެން ގުޅިގެން ކުރާ މަސައްކަތުން" ކަމަށެވެ.