ޚަބަރު
އެލްޖީއޭގެ ރައީސްގެ މަޤާމަށް މާލީ ވަޒީރު މޫސާ ޒަމީރު އައްޔަނުކޮށްފި
މާލީ ވަޒީރު މޫސާ ޒަމީރު
ލޯކަލް ގަވަރމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ރައީސްގެ މަޤާމަށް، މިނިސްޓަރ އޮފް ފައިނޭންސް މޫސާ ޒަމީރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.
މޫސާ ޒަމީރަކީ މިހާރު މާލީ ކަންކަމާއި ސަރުކާރުގެ ކުންފުނިތަކާބެހޭ ވުޒާރާގެ ވަޒީރުގެ މަޤާމުވެސް ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން، އެލްޖީއޭގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ޖަވާބުދާރީ ވާނީ ޖުމުހޫރިއްޔާގެ ޤާނޫނު އަސާސީގެ 140 ވަނަ މާއްދާ އަދި ލާމަރުކަޒީ ޤާނޫނުގެ 59 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމުހޫރިއްޔާ ޢައްޔަންކުރައްވާ ވަޒީރެކެވެ. މިއަދު ގެނެވުނު މި ބަދަލާއެކު އެ ޒިންމާ ދެން އުފުއްލަވާނީ ވަޒީރު މޫސާ ޒަމީރެވެ.
މީގެކުރިން އެލްޖީއޭގެ ރައީސްގެ މަގާމުގައި ހުންނެވީ ކުރީގެ ވަޒީރު އާދަމް ޝަރީފް އުމަރެވެ. ނަމަވެސް، ސަރުކާރުގެ ކެބިނެޓަށް ގެނައި ބަދަލުތަކާ ގުޅިގެން އާދަމް ޝަރީފް އުމަރު ވަޒީރުކަމުގެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެން އެ މަގާމު އޮތީ ހުސްވެފައެވެ.
ސަރުކާރުގެ އޮނިގަނޑަށް ގެނައި ބަދަލުތަކާއެކު، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާބެހޭ ވުޒާރާ ވަނީ އުވާލާފައެވެ. އެހެންނަމަވެސް، އެ ވުޒާރާ އުވާލި ނަމަވެސް ކައުންސިލްތަކުގެ ބެލެނިވެރި ފަރާތް ކަމަށްވާ އެލްޖީއޭގެ ހިންގުމަށް އެއްވެސް ޤާނޫނީ ހުސްކަމެއް ނާންނާނެ ކަމަށް އެ އޮތޯރިޓީން މީގެކުރިން ވަނީ ހާމަކޮށްފައެވެ.
މާލީ ވަޒީރު މޫސާ ޒަމީރު އެލްޖީއޭގެ ރައީސްކަމަށް އައްޔަނުކުރެއްވުމަކީ، ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމަށާއި ކައުންސިލްތަކުގެ މާލީ ތަނަވަސްކަން އިތުރުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބޭނެއެވެ.