ޚަބަރު
އިންޑިއާއާއެކު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ދައްކާ ޚަލާސްކޮށްފި
ރައީސް މުޢިއްޒު އަދި އިންޑިއާގެ ބޮޑު ވަޒީރު މޯދީ
ސާކް ގައުމުތަކަށް ކަނޑައަޅާފައިވާ ކަރަންސީ ސްވޮޕް ފްރޭމްވޯކްގެ ދަށުން، ރިޒާވް ބޭންކް އޮފް އިންޑިއާ (އާރްބީއައި) އާއި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ނަގާފައިވާ 400 މިލިއަން އެމެރިކާ ޑޮލަރުގެ ސްވޮޕް ފެސިލިޓީ އެމްއެމްއޭ އިން ދައްކާ ޚަލާސްކޮށްފިއެވެ.
މިއީ އޮކްޓޫބަރު 2024 ގައި ޔޫއެސް ޑޮލަރު/ޔޫރޯ ސްވޮޕް ވިންޑޯގެ ދަށުން ހޯދާފައިވާ ފެސިލިޓީއެކެވެ.
މީގެ އިތުރުން، އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ދެމުންގެންދާ އެއްބާރުލުމުގެ ދަށުން، އައިއެންއާރް ސްވޮޕް ވިންޑޯގެ ދަށުން 30 ބިލިއަން އިންޑިއަން ރޫޕީސްގެ ފުރަތަމަ ވިތުޑްރޯވަލް އިންޑިއާ ސަރުކާރުން ވަނީ ހަމަޖައްސަވައިދެއްވާފައެވެ. މި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިދިޔަ އޮކްޓޫބަރު މަހު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އާރްބީއައި އާއި އެމްއެމްއޭއާ ދެމެދު ސޮއިކުރެވުނު އެއްބަސްވުމެކެވެ.
ދިވެހި ސަރުކާރުން ހާމަކުރި ގޮތުގައި، މި 30 ބިލިއަން ރޫޕީސްގެ ސްވޮޕް ފެސިލިޓީގެ ސަބަބުން މެދުއިރުމަތީގެ މަސްރަހަށް އަންނަމުންދާ ބަދަލުތަކާއެކު ރާއްޖޭގެ އިގްތިސާދީ ހަމަޖެހުން ދެމެހެއްޓުމަށް ކުރާ މަސައްކަތްތަކަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ. 2017-2024 ގެ ފްރޭމްވޯކްގެ ދަށުން ހަމަޖެހިފައިވާ މި ފެސިލިޓީއަކީ ލުއި ގޮތްތަކެއް ހިމެނޭ، ބޭނުންކުރަން ފަސޭހަ އިންތިޒާމެކެވެ.
ދައުލަތުގެ ބަޖެޓަށް އެހީވުމުގެ ގޮތުން 2019 ވަނަ އަހަރު ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) މެދުވެރިކޮށް ހޯދާފައިވާ 150 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލްގެ ތެރެއިން މިހާތަނަށް 50 މިލިއަން ޑޮލަރު ސަރުކާރުން ވަނީ އަނބުރާ ދައްކާފައެވެ.
މި 30 ބިލިއަން ރޫޕީސްގެ ސްވޮޕް ފެސިލިޓީ ހަމަޖެހިގެން ދިއުމަކީ ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގާތް ގުޅުން ރަންގަޅުވަމުންދާ ކަމުގެ ހެއްކެކެވެ. އަދި މިއީ އިންޑިއާގެ 'ނެއިބަހުޑް ފަސްޓް' ސިޔާސަތުގެ ދަށުން ރާއްޖެއަށް ދޭ އަހައްމިއްޔަތު ހާމަވެގެންދާ ކަމެއް ކަމަށް ސަރުކާރުން ފާހަގަކުރެއެވެ.