ޚަބަރު
ބ.ޅ އަދި މ.އަތޮޅުގެ ޔޫޓިލިޓީ ޚިދުމަތްތައް ސްޓެލްކޯއާއި ހަވާލުކޮށްފި
3 އަތޮޅެއްގެ ޔޫޓިލިޓީގެ ޚިދުމަތްތައް ސްޓެލްކޯއާއި ހަވާލުކުރުން.
ފެނަކަ ކޯޕަރޭޝަނުން ބ، ޅ އަދި މ އަތޮޅުގައި ދެމުންދިޔަ ޔޫޓިލިޓީ ޚިދުމަތްތައް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އާ މިއަދު ރަސްމީކޮށް ހަވާލުކޮށްފިއެވެ.
މި ބަދަލަކީ ރައްޔިތުންނަށް ދެމުންގެންދާ ޚިދުމަތްތައް އިތުރަށް ތަރައްޤީކޮށް، ދެމެހެއްޓެނިވި އަދި ފެންވަރު ރަނގަޅު ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ނިންމެވި ނިންމެވުމަކާ ގުޅިގެން ގެނެވުނު ބަދަލެކެވެ.
މި ނިންމެވުމާއެކު، ބ އަތޮޅުން ފެށިގެން މ އަތޮޅުގެ ރަށްތަކުގެ ހުރިހާ ޔޫޓިލިޓީ ޚިދުމަތެއް ސްޓެލްކޯއަށް ބަދަލުކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމާ ގުޅޭ އެއްބަސްވުމުގައި ފެނަކަ ކޯޕަރޭޝަނާއި ސްޓެލްކޯއާ ދެމެދު މިއަދު ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުމުގެ ދަށުން ބ، ޅ އަދި މ އަތޮޅުގެ 25 ރަށެއްގެ ކަރަންޓާއި ފެން އަދި ނަރުދަމާގެ ޚިދުމަތް ދިނުމާ ސްޓެލްކޯއިން ހަވާލުވާނެއެވެ.
މި ބަދަލާ ގުޅިގެން ދައުލަތުގެ މީޑިއާއަށް ފެނަކައިގެ ޑީއެމްޑީ އާދަމް ތައުފީޤް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ރައްޔިތުންނަށް ފޯރުކޮށްދޭ އަސާސީ ޚިދުމަތްތައް މެދުކެނޑުމެއްނެތި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.
"ސެޓެލްކޯއާ މި އެއްބަސްވެވުނީ ބ.އަތޮޅުން މ.އަތޮޅަށް ފެނަކައިން މިހާރު ފޯރުކޮށްދެމުންދާ އަސާސީ ޔޫޓިލިޓީ ޚިދުމަތްތައް 30 ދުވަސްތެރޭގަ ސްޓެލްކޯއިން ދޭގޮތަށް،" އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން މި ބަދަލުގެ ސަބަބުން ފެނަކަ އާއި ސްޓެލްކޯގެ ހިންގުންވެސް އިތުރަށް ހަރުދަނާވެގެންދާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ސްޓެލްކޯގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ ޑރ. އަލީ އަޒުވަރު ދައުލަތުގެ މީޑިއަށް ވިދާޅުވީ، މި ތިން އަތޮޅުގެ ރަށްތަކުގެ ޚިދުމަތްތައް ސްޓެލްކޯއާ ހަވާލުވުމާއެކު އެ ރަށްރަށުގެ ޚިދުމަތްތައް އިތުރަށް ތަރައްޤީވެ ފުޅާވެގެންދާނެ ކަމަށެވެ. މި އައު ބަދަލާއެކު، ގްރޭޓަރ މާލެ ސަރަޙައްދާއި، ބ، ޅ، ކ، އއ، އދ، ވ އަދި މ އަތޮޅު ހިމެނޭގޮތަށް ސްޓެލްކޯއިން ޚިދުމަތްދޭ ރަށްތަކުގެ އަދަދު 61 ރަށަށް އިތުރުވެގެންދާނެއެވެ.