ޚަބަރު
މެދުއިރުމަތީގެ ހަނގުރާމައާއި ގުޅިގެން ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތް: ވަޒީރު ސަޢީދު
އިޤްތިޞާދީ ތަރައްޤީއާބެހޭ ވަޒީރު ސަޢީދު
ހުލާސާ
މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލާއި ކާބޯތަކެތީގެ އަގުތަކަށް ބަދަލު އައި ނަމަވެސް، ރާއްޖެއަށް ބޭނުންވާ ކާބޯތަކެތި ލިބުމުގައި އެއްވެސް ދައްޗެއް ނެތް ކަމަށް ިޤުތިޞާދީ ތަރައްޤީ އާއި ދަތުރުފަތުރާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ޕީއެންސީއަށް ހއ. ފިއްލަދޫން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ޕީއެންސީ މައި ޖަގަހާގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ސަޢީދު ވިދާޅުވީ، އީރާނާ ދެކޮޅަށް އިސްރާއީލާއި އެމެރިކާއިން ދެމުންދާ ހަމަލާތަކުގެ ސަބަބުން މެދުއިރުމަތީގެ މަސްރަހު ގޯސްވެ، ދުނިޔޭގެ ގިނަ ޤައުމުތަކަކަށް ތެލާއި ގޭހުގެ އިތުރުން ކާޑުގެ ބާވަތްތައް ހޯދުމުގައި ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިވެފައިވާ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ހާލަތު އެފަދަ ދަތިކަމަކަށް ނުދާނެ ކަމުގެ ޔަގީންކަން ވަޒީރު ވަނީ ދެއްވާފައެވެ.
ބާޒާރުގައި ކާބޯތަކެއްޗަށާއި ތެލަށާއި ގޭހުގެ އަގުތަކަށް އަންނަ ބަދަލުތަކަކީ އެއްވެސް ޤައުމަކަށް ކޮންޓްރޯލް ކުރެވޭނެ ކަންކަން ނޫންކަން ފާހަގަކުރައްވަމުން ސަޢީދު ވިދާޅުވީ، އެ ބަދަލުތަކުގެ ސަބަބުން ރައްޔިތުންނަށް އުފުލަންޖެހޭ ބުރަ ވީހާވެސް ކުޑަކުރެވޭނެ ގޮތަށް ސަރުކާރުން ކަންކަން ރާވާފައިވާ ކަމަށެވެ. އަދި ގޭހުގެ އަގު ބޮޑުވިޔަ ނުދިނުމަށާއި، ކާބޯތަކެތީގެ އަގުތައް އަތްނުފޯރާ ފަށަށް އުފުލުނު ނުދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށްވެސް ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، "މިއަދު އަޅުގަނޑުމެންނަށް ދުނިޔޭގެ ގައުމުތަކުން އެ ދަނީ ބުނަމުން، އެ މީހުން ތިއްބަކަ އިރާދަކުރެއްވިއްޔާ އިންޝާالله، ދިވެހިރާއްޖެ ތެލަކަށްވެސް ނުޖެހޭނެޔޭ، ގޭހަކަށްވެސް ނުޖެހޭނެޔޭ، ކާޑަކަށްވެސް ނުޖެހޭނެޔޭ،" މިފަދައިންނެވެ.
މީގެ އިތުރުން، ބޭރުގެ ޤައުމުތަކާއެކު އޮތް ގުޅުމުގެ ސަބަބުން ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ ހޯދުމުގައި ދަތިތަކެއް ކުރިމަތިނުވާނެ ކަމުގެ އިތުބާރު އެބައޮތް ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މެދުއިރުމަތީގެ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ އިޤްތިޞާދަށް އަންނަ ލޮޅުންތަކުން ރާއްޖެ ރައްކާތެރިކުރުމަށް ސަރުކާރުން ދުރާލާ ފިޔަވަޅުތައް އަޅަމުންދާކަމުގެ ޔަގީންކަންވެސް ވަޒީރު ވަނީ ދެއްވާފައެވެ.