ޚަބަރު
ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީގެ އެތެރޭގެ އިންތިޚާބު މާދަމާ ބާއްވަނީ
ޕީއެންސީގެ ޖަލްސާއެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ ބައި-އިލެކްޝަންގައި ޕީއެންސީގެ ޓިކެޓުގައި ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް ބާއްވާ އެތެރޭގެ އިންތިޚާބު (ޕްރައިމަރީ) މާދަމާ ބޭއްވުމަށް އެ ޕާޓީން ތައްޔާރުވެއްޖެއެވެ.
ޕީއެންސީން ހާމަކޮށްފައިވާ ގޮތުގައި މި ޕްރައިމަރީގެ ވޯޓުލުން ކުރިއަށްދާނީ މާދަމާ ހެނދުނު 9:00 އިން ހަވީރު 4:00 އަށެވެ. މި އިންތިޚާބުގައި ވޯޓުލުމުގެ ފުރުސަތު ހިތަދޫ އުތުރު ދާއިރާގެ އިތުރުން ވެރިރަށް މާލޭގައި ގާއިމުކުރާ ވޯޓު ފޮށިތަކުގައި ވެސް އޮންނާނެ ކަމަށް އެ ޕާޓީން ބުނެފައިވެއެވެ.
މި ޕްރައިމަރީގައި ވާދަކުރައްވަނީ އެ ދާއިރާގެ މެންބަރުކަން ކުރިން ކުރެއްވި މުހައްމަދު ސިނާން އާއި ހިތަދޫ މޫލެކެޑެ ދާއިރާގެ ކައުންސިލަރުގެ މަގާމުގައި ހުންނެވި އަހުމަދު ސައީދު (ސޮޑާ) އެވެ. ސައީދަކީ މި މަހުގެ ކުރީކޮޅު ބޭއްވި ލޯކަލް ކައުންސިލް އިންތިޚާބުގައި ވެސް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވައި، ވަރަށް ކުޑަ ތަފާތަކުން ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ބޭފުޅެކެވެ.
ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، އެ ދާއިރާގެ މެންބަރުކަމުގައި ހުންނެވި ސިނާންގެ ގޮނޑި ގެއްލިފައިވާ ކަމަށް މި މަހުގެ 12 ވަނަ ދުވަހު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ. މި ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން އަންނަ ޖޫން މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ނިންމާފައެވެ.
ޕީއެންސީން ބުނި ގޮތުގައި ޕްރައިމަރީގެ އެންމެހާ އިންތިޒާމުތައް ބަލަހައްޓާނީ އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީންނެވެ. އަދި އިންތިޚާބުގައި އަމަލުކުރަންޖެހޭ އުސޫލުތައް އެ ކޮމިޓީގެ ފަރާތުން އާންމުކުރާނެ ކަމަށް ވެސް އެ ޕާޓީން ވަނީ ބުނެފައެވެ.