ޚަބަރު
ރަށްރަށުގައި ބާރު ސްޕީޑުގައި މަސައްކަތް ނުފެށި އޮތީ ކުރީ ސަރުކާރުގެ ލޯނުތައް ދައްކަން ޖެހުމުން: ޝުޖާއު
ބާރަށު ދާއިރާގެ މެމްބަރު އިބްރަހިމް ޝުޖާޢު
ރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް އެކަށީގެންވާ ބާރުމިނެއްގައި ކުރިއަށް ނުގެންދެވި ލަސްވަމުންދަނީ ކުރީގެ އެމްޑީޕީ ސަރުކާރުން ނަގާފައިވާ ބޮޑެތި ލޯނުތައް އަނބުރާ ދައްކަން ޖެހުމުގެ ސަބަބުން ކަމަށްރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެމްބަރު އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެއެވެ.
އެގޮތުން މި މަހު އެކަނިވެސް ދަރަނީގެ ގޮތުގައި 925 މިލިއަން ޑޮލަރު ދައްކާފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ހއ. ފިއްލަދޫގެ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ހުރިހާ ގޮނޑިއެއް ޕީއެންސީއަށް ލިބުމާ ގުޅިގެން ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، 2021 ވަނަ އަހަރު ދޫކުރި ސުކޫކަށް ދައްކަންޖެހޭ 524.68 މިލިއަން ޑޮލަރާއި، އިންޑިއާއިން ނެގި 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް މި މަހު ސަރުކާރުން އަނބުރާ ދައްކާފައިވާ ކަމަށެވެ. މިއީ ގާތްގަނޑަކަށް 14.1 ބިލިއަން ރުފިޔާއެވެ.
"އަޅުގަނޑުމެން މިއަދު ޖަޒުބާތު މިވަނީ އަޅުގަނޑުމެންގެ ރަށްރަށުގައި ބާރު ސްޕީޑުގައި މަސައްކަތް ނުފެށި މި އޮތީ މި މީހުން ނެގިހާ ލޯނޭ ރައީސް މުއިއްޒު ދެ އަހަރު ވަންދެން ދައްކަން ޖެހިފައި މި އޮތީ. އަސަރުކުރޭ. އަޅުގަނޑުމެންގެ ރައްޔިތުން ހާދަ ހާލުގައޭ ރަށްރަށުގައި އުޅެނީ،" ޕީއެންސީ ޕީޖީ ގުރޫޕުގެ ސީނިއާ ޑެޕިއުޓީ ލީޑަރު ޝުޖާއު ވިދާޅުވިއެވެ.
ޝުޖާއު އިތުރަށް ވިދާޅުވީ، ރަށްރަށުގައި މިސްކިތްތައް ފަދަ މުހިންމު ތަންތަން ނުހެދި ލަސްވަނީ ކުރީ ސަރުކާރުން ނެގި ލޯނުތަކަށް ޒިންމާވާނެ ގޮތެއް ނުހޯދައި ދަރަނި ބޮޑުކޮށްފައި އޮތުމުން ކަމަށެވެ. އަދި ކުރީ ސަރުކާރުން ނެގި ލޯނުތަކުން ރައްޔިތުންނަށް ފައިދާހުރި ކަމެއް ކޮށްފައި ނުވާ ކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
އޭނާ ވިދާޅުވި ގޮތުގައި، މި ދަރަނިތައް ދައްކައި ނިމުމުން ދެން ފެށިގެންދާނީ ޕީއެންސީގެ "ހަގީގީ ވެރިކަން" ކަމަށެވެ. އަދި އެ ވެރިކަމުގައި އަތޮޅުތެރޭގެ ރަށްރަށަށް ބޮޑެތި ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށާއި، ޕާޓީގެ ލީޑަޝިޕުން ރައްޔިތުންނާއެކު އިހުލާސްތެރި މަސައްކަތްތަކެއް ކުރާނެ ކަމުގެ ޔަގީންކަން ޝުޖާއު ދެއްވިއެވެ.