ރިޕޯޓް

ބުލީކުރުމާއި ސިޔާސީ މަންފާ: މުޖުތަމައު ހަލާކުގެ ތެރެއަށް

ބުލީކުރުމާއި ސިޔާސީ މަންފާ: މުޖުތަމައު ހަލާކުގެ ތެރެއަށް

ބުލީ ކުރުން

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

25 އޭޕްރީލު 2026، 02:52

25 އޭޕްރީލު 2026، 02:52

މި ފަހަކަށް އައިސް ދިވެހި މުޖުތަމައުގައި އެންމެ ބޮޑަށް ދެކެވޭ އެއް ވާހަކައަކީ ބުލީކުރުމުގެ ވާހަކައެވެ. ޚާއްޞަކޮށް، ދާދިފަހުން ދަނާލެއްގައި ހިނގި ހިތާމަވެރި ހާދިސާއެއްގައި ކުއްޖަކު މަރުވުމާ ގުޅިގެން މި މައުޟޫޢު ވަނީ މުޅި ގައުމުގެ ސަމާލުކަމަށް އައިސްފައެވެ. ނަމަވެސް، މިފަދަ ނާޒުކު އަދި އިންސާނީ ކަރާމާތާ ގުޅުންހުރި ކަމެއް، ސިޔާސީ މަންފާ ހޯދުމުގެ ހަތިޔާރަކަށް ހެދުމަކީ މިއަދު ފެންނަމުންދާ އެންމެ ހިތާމަވެރި މަންޒަރެވެ. ރާއްޖޭގެ ސިޔާސީ ދާއިރާ ހައްދު ފަހަނައަޅައިގޮސް، ސިޔާސީ މަންފާ ހޯދުމަށް ކޮންމެ ފަދަ ކަމެއްވެސް ކުރަމުންދާ ހިތާމަވެރި މަންޒަރު އެބަފެނެއެވެ. އެގޮތުން ދާދި ފަހުން "ޖިންސީ ގޯނާ"ގެ ޝިކާރައަކަށްވެފައިވާ އަންހެނަކަށް އިންސާފު ހޯދުމަށޭ ކިޔާފަ ސަރުކާރާ އިދިކޮޅު ފަރާތްތަކުން ސިލްސިލާކޮށް މާލޭގެ މަގުމަތީގައި ހަރަކާތްތައް ހިންގަމުންދަނިކޮށް، އެ ހަރަކާތްތަކަށް އިތުރު ބޮޅެއް "ބުލީ ކުރުން" އިތުރުވެގެންދިޔައެވެ. އެކަމުގައިވެސް ކުށްވެރި މިވަނީ ހަމަ ސަރުކާރެވެ. މިއީ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟ ހަގީގަތް ހޯދުމުގެ ބަދަލުގައި ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރައި މުޖުތަމައު ފަސާދަކުރުމުގައި އަވަދިނެތި އުޅޭފަރާތްތައްވެސް މަދެއް ނޫނެވެ.

ބުލީކުރުމަކީ މީހެއްގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެދުކަން ނައްތާލާ، ފުރާނައަށް ނުރައްކާވާ ފަދަ ސީރިއަސް ކަމެކެވެ. އަމިއްލައަށް މަރުވުމުގެ ހާދިސާތައް މީޑިއާގައި ރިޕޯޓުކުރާ ގޮތުގެ ސަބަބުން އެފަދަ ކަންކަން އިތުރުވުމަށް މަގުފަހިވާ ކަމަށް ޑރ. މުޙައްމަދު ޢަލީވެސް ވަނީ ވިދާޅުވެފައެވެ. ޑިޕްރެޝަނަކީ ބައްޔެއްކަން ފާހަގަކުރައްވައި ޑޮކްޓަރު ވިދާޅުވީ، އެކަކު ކުރާ ކަމަކުން އަނެކަކަށް އަސަރުކޮށް، އެކަން ތަކުރާރުވުމަކީ ހަގީގަތެއް ކަމަށްވާތީ ނޫސްވެރިންނާއި އާންމުން މިފަދަ ޚަބަރުތައް ފެތުރުމުގައި ވަރަށް ބޮޑަށް ސަމާލުވާންޖެހޭ ކަމަށެވެ. 


މީސްމީޑިއާގެ ޕްލެޓްފޯމްތަކުގައި ސިޔާސީ ބޭނުންތަކަށް މި ވާހަކަ ދެއްކުމަކީ ބުލީކުރުން ހުއްޓުވުމުގެ ބަދަލުގައި، އެކަން އިތުރަށް ޕްރޮމޯޓްވެގެންދާ ކަމެކެވެ. އަމިއްލައަށް މަރުވުމުގެ ވާހަކަތައް މީސްމީޑިއާގައި ފާޅުކަން ބޮޑު ގޮތެއްގައި ދެއްކުމަކީ ނަފްސާނީ ބަލި ނުވަތަ ޑިޕްރެޝަން ތަހައްމަލު ކުރާ މީހުންނަށް ދެވޭ ނުބައި މެސެޖެކެވެ. މީގެ ސަބަބުން އެފަދަ ހާލަތްތަކުގައި ތިބޭ ކުދިންނަށް އެކަން ކުރުމަށް ހިތްވަރު ލިބި، "ޓްރިގަރ" ވާކަމަށް ގިނަ ކުދިން މިއަދު ދަނީ ބުނަމުންނެވެ.

ރާއްޖޭގައި ބުލީކުރުމުގެ މައްސަލަ ބޮޑުވެގެން އައި ގޮތަށް ބަލާއިރު، މިކަން ބޮޑަށް ފާހަގަވާން ފެށީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް ސަރުކާރުގެ އޮފީސްތަކުން ވަޒީފާގެ ފުރުސަތުތައް ފަހިކޮށްދިން ހިސާބުންނެވެ. ނަމަވެސް، މިކަން ހައްދުފަހަނައަޅައި ދިޔައީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞޯލިޙްގެ ސަރުކާރުގައެވެ. އެމްޑީޕީގެ ސަރުކާރުގެ އެކި މުއައްސަސާތަކުގައި ތިބި ހާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް، އޮފީސްތަކުގެ ތެރެއިންނާއި ބޭރުން ބުލީކޮށް މަލާމާތް ރައްދު ކުރަމުންދިޔައިރު، މިއަދު ބުލީ ހުއްޓުވުމަށް ގޮވާލާ "ފަހުލަވާނުން" އޭރު ތިބީ ކޮންތާކު ހެއްޔެވެ؟ އޭރު އެމީހުން ތިބީ ބީރުވެ، ލޯ ކަނުވެފައި ހެއްޔެވެ؟ އޭރު އެ ކުދިންގެ ހައްގުގައި އަޑުއުފުލާނެ މީހަކު ނެތެވެ.

ނިމިދިޔަ އެމްޑީޕީ ވެރިކަމުގައި ބުލީގެ ޝިކާރައަކަށް ވެގެންދިޔަ ފަރާތެއް، އޭނާއާ ދޭތެރޭ ކަންތައް ހިނގައިދިޔަގޮތް "ފަރުދުން" އާ ހިއްސާކުރަމުން ބުނީ އޮފީސްތެރޭގައި ގުރޫޕް ހަދާލައިގެން އޭނާއާ ޖައްސާލައި، އޭނާ ހިނގާ ގޮތާ، އޭނާ ހުންނަ ގޮތާ އަދި އޮފީސްތެރޭ އުޅޭއިރު ވެއްޓުނަސް އެކަމާ ހީ މަލާމާތްކޮށް ހެދި ކަމަށެވެ. އެތައް ފަހަރެއްގެ މަތިން ބުލީގެ ޝިކާރައަކަށް ވުމުން ފުރުސަތެއް ލިބުމާއެކު އެ ވަޒީފާ ދޫކޮށްލީ ކަމަށް ވަނީ ބުނެފައެވެ.

އޭރު އޮފީސްތެރެއިން މަލާމާތްކުރި މީހުން މިހާރު ފޭސްބުކުގައި ސްޓޭޓަސް އެ ޖަހަނީ އޯލްވޭސް ވިލް ރިމެމްބާއޭ، ޔުއާ އިން މައި ހާޓްއޭ ކިޔާފަ. އެމީހުންނަކީ އަހަރެން އެ އޮފީހުގައި އުޅުނުއިރު އެންމެ ބޮޑަށް ބުލީކޮށް މަލާމާތްކުރި މީހުން.

ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް ބުންޏެވެ.

މިއަދު އިދިކޮޅު ފަރާތްތަކުން ބުލީކުރުމުގެ ވާހަކަ ސިޔާސީ ޕޯޑިއަމްތަކުގައާއި މީސްމީޑިއާގައި މިހާ ބޮޑަށް ދައްކަނީ ސިޔާސީ މަންފާއެއް ހާސިލު ކުރުމަށެވެ. މިއީ މިހާރު އޮތް ސަރުކާރު ބަލިކަށިކޮށް، ސަރުކާރު ވައްޓާލުމަށް ހިންގާ ސިޔާސީ ޖަރީމާއެކެވެ. ނަމަވެސް ގަބޫލުކުރަންޖެހޭ ހަގީގަތަކީ، ކޮންމެ ސަރުކާރެއް އޮތަސް ބުލީކުރުން ހުއްޓުވެން ޖެހޭނެ ކަމެވެ. މިކަމަށް ވަރުގަދަ ފިޔަވަޅު އަޅައި، ބުލީކުރާ މީހުންނަށް ހައްގު އަދަބު ދޭންޖެހެއެވެ. ތަހުގީގުތައް ހިންގާ، މިފަދަ ކަންކަން ބަލަންޖެހެނީ ހަމައެކަނި މީހަކު މަރުވުމަކުން ނޫނެވެ.

މީގެ ކުރިންވެސް ބުލީގެ ޝިކާރައަކަށްވެ އެތައް ބަޔަކު ވަނީ ފުރާނަ ދޫކޮށްފައެވެ. ނަމަވެސް މިއަދު މީސްމީޑިއާގައި "އިންސާފޭ"، "ފަޅޮލޭ" ކިޔައިގެން ހިންގާ ކެމްޕޭންތަކުގެ ސަބަބުން މުޖުތަމައަށް ކުރަނީ ވަރަށް ނޭދެވޭ އަސަރެކެވެ. އެއް މަރާ ގުޅިގެން އުފެދުނު ސިޔާސީ އޮއިވަރެއްގެ ތެރެއިން، ފާއިތުވި ތިން ދުވަހު އިތުރު ތިން ޒުވާނަކު ވަނީ އަމިއްލައަށް ފުރާނަ ދުއްވާލާފައެވެ. އެގޮތުން މިމަހު 21 ވަނަ ދުވަހު ދަނާލުގައި ދަންޖެހިފައި ހުއްޓާ ފެނުނު ޒުވާން އަންހެންކުއްޖާ މަރުވިތާ 48 ގަޑިއިރު ނުވަނީސް ފެނަކައިގައި އުޅޭ ހާއްސަ އެހީއަށް ބޭނުންވާ ފަރާތެއް މިވަނީ ދަންޖެހި މަރުވެފައެވެ. އެ ދެ ޒުވާނުންނަކީވެސް ބުލީގެ ޝިކާރައަށްވި ދެ ޒުވާނުންނެވެ. އަދި ހަމައެއާއެކު މިމަހު 23 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގެ އިމާރާތަކުން ވެއްޓި އަނެއްކާވެސް ޒުވާނަކު މިވަނީ މަރުވެފައެވެ. މިއީ ކިހާ ދެރަ އަދި ނުރައްކާތެރި ކަމެއްތޯއެވެ؟

ދައުރުކުރަމުންދާ އިންސާފު ހޯދުމާއި ބުލީއާ ދެކޮޅު އެތައް ޕޯސްޓުތަކުގެ ސަބަބުން ނަފްސާނީ ބަލި ތަހައްމަލް ކުރަމުންދާ އެތައް ބަޔަކު އަމިއްލައަށް މަރުވުމަށް ޓްރިގާވެގެންދެއެވެ.

އަސްލު އެކަހަލަ ޕޯސްޓުތައް ފެނުމުން ހިތަށް އަރާ ރަނގަޅޭ، ބުލީގެ ޝިކާރައަކަށް ވުމަށްވުރެ އަމިއްލައަށް މަރުވެގެން ދިޔުންވެސް ރަނގަޅޭ، މި މުޖުތަމައުގައި ބުލީކޮށްގެން އެވާހަކަ ދެއްކިޔަސް އެކަން ހުއްޓުވަން ތިބޭ މީހުން ދެނީ ބީރު ކަންފަތެއް. އަޅާލާ އޯގާތެރިވުމުގެ ބަދަލުގައި އަޅާނުލާށޭ، އެވާހަކަތަކަށް އިސްކަން ނުދޭށޭ ބުނެ ނިންމާލާ. ޓްރިގާވޭ ހަމަ. ހިތަށް އަރާ އަހަރެންވެސް މަރުވާންވީއޭ މިހެން ސްޓްރަގަލް ކުރުމަށްވުރެ.

ޒުވާނަކު ބުންޏެވެ.

ސިޔާސީ މަންފާއަށްޓަކައި އިންސާނީ ފުރާނައާ ކުޅުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މީސްމީޑިއާގައި މިފަދަ ވާހަކަތައް "ގްލޯރިފައި" ކުރުމުގެ ނަތީޖާއަކީ އިތުރު ފުރާނަތަކެއް ގެއްލިގެން ދިއުމެވެ. އަދި ކިތައް ފުރާނަ ދިއުމުންތޯ ސިޔާސީ ބޭނުމަށް މިފަދަ ހިތާމަވެރި ހާދިސާތައް ބޭނުންކުރުން ހުއްޓާލާނީ؟ ބުލީކުރުމަކީ ސިޔާސީ ކުޅިވަރަކަށް ނުހަދާ، އެކަން ހުއްޓުވުމަށް ހަގީގީ އިހުލާސްތެރި މަސައްކަތްތަކެއް ކުރަން މިއަދު ވަނީ މަޖުބޫރުވެފައެވެ.

ނަފްސާނީ ގޮތުން ދަތިތަކާ ކުރިމަތިލާންޖެހޭ ފަރާތްތަކުން ލަސްނުކޮށް އެހީތެރިކަން ހޯދުމަށް ހެލްތު މިނިސްޓްރީން މިހާރު މިވަނީ އިލްތިމާސްކޮށްފައެވެ. އެގޮތުން 1677 ހެލްޕްލައިން މެދުވެރިކޮށް 24 ގަޑިއިރު ހިދުމަތް ލިބޭނެ އިންތިޒާމު ހަމަޖެހިފައިވާއިރު، ނަފްސާނީ ދުޅަހެޔޮކަމުގެ ހިދުމަތްތައް އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތް ވެސް ދަނީ ކުރަމުންނެވެ. މީގެއިތުރުން، މީސްމީޑިއާ މެދުވެރިކޮށް މީހުންނަށް ނޭދެވޭ އަސަރުކުރާ ފަދަ ވާހަކަތައް ނުފެތުރުމަށާއި، އެންމެން ގުޅިގެން އޯގާތެރި މުޖުތަމައެއް ބިނާކުރުމަށް އެ މިނިސްޓްރީން ބާރުއަޅައެވެ.

ބުލީކުރުމަކީ މުޅި މުޖުތަމައު ގުޅިގެން ނައްތާލަންޖެހޭ ވަބާއެކެވެ. މިކަމުގައި ސިޔާސީ ކުލަ ޖެއްސުމަކީ މައްސަލަ ހައްލުވުމުގެ ބަދަލުގައި، އިތުރު ފުރާނަތަކެއް ނުރައްކަލުގެ ތެރެއަށް ހުށަހެޅިގެންދާނެ ކަމެކެވެ. ދިވެހި ކޮންމެ ފުރާނައަކީ އަގުހުރި އެއްޗަކަށްވާއިރު، އެފުރާނަތައް ސިޔާސީ މަންފާއަށް ގުރުބާން ނުކުރުމަށް އެންމެހާ ފަރާތްތަކަށް އިލްތިމާސް ކުރަމެވެ.

ދިވެހިންނަކީ ވަރަށް އެއްބައިވަންތަ، އެކުވެރި،  ގުޅޭ ބައެކެވެ. މިއަދު މުޖުތަމައު ތެރެއިން މިފެންނަ ކަންކަމަކީ އެއްވެސް ހާލަތެއްގައި މީގެ ކުރިން ދިވެހިންގެ ގައިން ފެނުނު ކަމެއްނޫނެވެ. އެހެން ކަމުން އެންމެންވެސް މިކަމަށް ވިސްނައިގެން މިކަމަށް މަސައްކަތް ކުރަން ޖެހެއެވެ. އަޅުގަނޑުމެންނަކީ އެއްބަނޑު އެއްބަފާ ބައެއްގެ ގޮތުގައި ރުޖޫއަ ވަމާ ހިންގަވާށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450