ޚަބަރު
ކާރިސީ ޙާލަތްތަކުގައި ބޭނުންކުރާ ސާމާނު ޖަޕާނުން އެންޑީއެމްއޭއަށް ހަދިޔާކޮށްފި
ކާރިސީ ޙާލަތްތަކުގައި ބޭނުންކުރާ ސާމާނު ޖަޕާނުން އެންޑީއެމްއޭއަށް ހަދިޔާކުރުން
ކާރިސީ ޙާލަތްތަކުގައި ބޭނުންކުރާނެ މުހިންމު ސާމާނުތަކެއް ޖަޕާން ސަރުކާރުގެ ފަރާތުން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް ހަދިޔާކޮށްފިއެވެ. މިއީ ޖަޕާނުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ދަށުން ފޯރުކޮށްދިން އެހީއެކެވެ.
ޖަޕާން ސަރުކާރުން ހަދިޔާކުރި މި ތަކެތީގެ އަގު ގާތްގަނޑަކަށް 4.3 މިލިއަން އެމެރިކާ ޑޮލަރަށް އަރައެވެ. މި ތަކެތި އެންޑީއެމްއޭއާ ރަސްމީކޮށް ހަވާލުކޮށްދެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އިޝިގާމީ ރޫމީކޯއެވެ. އެންޑީއެމްއޭގެ ފަރާތުން މި ތަކެއްޗާ ހަވާލުވެލެއްވީ އެ އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް ހިސާން ޙަސަނެވެ.

މި އެހީގެ ދަށުން ލިބުނު ސާމާނުގެ ސަބަބުން، ރާއްޖޭގެ ރަށްތަކުގައި ފެންބޮޑުވުމުގެ ހާދިސާތައް މެނޭޖްކުރުމަށާއި އަލިފާން ނިއްވުމުގެ މަސައްކަތްތަކަށް ބޭނުންވާ ޤައުމީ ޤާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެއެވެ. ޚާއްޞަކޮށް އަތޮޅުތެރޭގެ ރަށްތަކުގައި ދިމާވާ މިފަދަ ހާދިސާތަކަށް އިޖާބަދިނުމުގެ ފުރުޞަތު މިކަމުގެ ސަބަބުން ފުޅާވެގެންދާނެއެވެ.
އެންޑީއެމްއޭއިން ވަނީ ޖަޕާނުން ރާއްޖެއަށް ދެމުންގެންދާ މެދުނުކެނޑޭ އެހީތެރިކަމަށާއި، ރާއްޖޭގެ ކާރިސީވިލުންތެރިކަން އިތުރުކުރުމަށް ޖަޕާން ސަރުކާރުން ބަހައްޓަވާ ގާތްކަމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކޮށްފައެވެ. ޖަޕާނަކީ ރާއްޖެއަށް ދިމާވާ އެކި ކާރިސާތަކުން އަރައިގަތުމަށް އަބަދުވެސް ބޮޑެތި އެހީތަކެއް ފޯރުކޮށްދެމުންދާ ޤައުމެކެވެ.