ޚަބަރު
އާދަމް ޝަރީފާއި ތޯރިގް އަދި ދިޔާނާ ސަފީރުކަމަށް އައްޔަންކުރީ، އާމަގާމު ތަކެއް ނުއުފައްދާ: މުންދު
ދިޔާނާ، އާދަމް ޝަރީފު، ތޯރިގް -- ފޮޓޯ : ފަރުދުން
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފޮރިން މިނިސްޓްރީގެ އެމްބެސެޑާ އެޓް ލާޖުގެ މަގާމަށް އައްޔަންކުރެއްވި ބޭފުޅުންނަކީ، ބޭރު ގައުމުތަކުގައި ތިއްބަވާ ސަފީރުންގެ ގޮތުގައި އައްޔަންކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅުން ކަމަށާއި، އެއީ އާ މަގާމުތަކެއް އުފައްދައިގެން ކުރި ކަމެއް ނޫން ކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
ސަރުކާރުގެ އިސް ތަރުޖަމާން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވީ، ކުރީގެ ވަޒީރުން ކަމަށްވާ އާދަމް ޝަރީފް އުމަރާއި ތޯރިގް އިބްރާހީމް، އަދި ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު މިހާރު ތިއްބެވި މަގާމުތަކާ ގުޅޭގޮތުން ފެތުރެމުންދާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ. އެބޭފުޅުން މިވަގުތު އެމްބެސެޑާ އެޓް ލާޖުގެ މަގާމުގައި ތިއްބެވީ، ސަފީރުކަމަށް އައްޔަންކުރުމުގެ ކުރިން ދެ ގައުމުގެ ދެމެދުގައި ފުރިހަމަކުރަންޖެހޭ އިދާރީ ކަންކަން ނިމެންދެން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އާ މަގާމުތަކެއް އުފައްދައިގެން ނޫޅޭ، އެބޭފުޅުން ކުރިއަށް އޮތް ތަނުގައި ސަފީރު ކަމަށް ވަޑައިގަންނަވާނީ. ދެ ގައުމުގެ ދޭތެރޭގައި ހަމަޖެހެން ޖެހޭ ކަންތައްތަކެއް ހުރީމަ، އެކަންކަން ހަމަޖެހެންދެން އެ ބޭފުޅުން މަގާމުތަކުގައި ތިއްބަވާނީ، މުންދު
އަދި މި އުސޫލަކީ މީގެކުރީގެ ސަރުކާރުތަކުގައި ވެސް އަމަލުކުރަމުން އައިސްފައިވާ އުސޫލެއްކަން އޭނާ ފާހަގަކުރެއްވިއެވެ.
މި ބޭފުޅުން ސަފީރުކަމަށް އައްޔަންކުރެއްވުމަށް ނިންމާފައި މިވަނީ، ރާއްޖެއިން ބޭރު ގައުމުތަކަށް ކަނޑައަޅާފައިވާ މުހިންމު ބައެއް ސަފީރުންގެ މަގާމުތައް ހުސްވެފައިވާ ދަނޑިވަޅެއްގައެވެ. އޭގެ ތެރޭގައި ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)، އިނގިރޭސިވިލާތް، އަދި ބެލްޖިއަމްގެ ސަފީރުކަމުގެ މަގާމު ހިމެނެއެވެ.
މި ސަރުކާރުގެ ފުރަތަމަ މަރުހަލާގައި އާދަމް ޝަރީފް އުމަރު ވަނީ މިނިސްޓަރ އޮފް ސިޓީސް، ލޯކަލް ގަވަރމަންޓް އެންޑް ޕަބްލިކް ވޯކްސްގެ މަގާމު އަދާކުރައްވާފައެވެ. އަދި ތޯރިގް އިބްރާހީމް ވަނީ އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީ މިނިސްޓަރުކަން ކުރައްވާފައެވެ. މި ދެ ބޭފުޅުންނަކީ މި މަހުގެ މެދުތެރޭގައި ކެބިނެޓުން އިސްތިއުފާ ދެއްވި 10 ވަޒީރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދެ ބޭފުޅުންނެވެ.
މީގެ އިތުރުން، އާދަމް ޝަރީފަކީ ރައީސް ޔާމީންގެ ސަރުކާރުގެ ޑިފެންސް މިނިސްޓަރުކަން ކުރެއްވި ބޭފުޅެކެވެ. އަދި ތޯރިގް އިބްރާހީމަކީ އެ ސަރުކާރުގައި އެންވަޔަރަމަންޓް މިނިސްޓަރުގެ މަގާމު ފުރުއްވި ތަޖުރިބާކާރު ބޭފުޅެކެވެ.
ސަރުކާރުގެ އަމާޒަކީ ބޭރުގެ ގައުމުތަކާއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، ގައުމަށް ހިދުމަތްކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅުން ސަފީރުކަމުގެ މަގާމުތަކަށް އައްޔަންކުރެމަކީ ހާރިޖީ ސިޔާސަތުގެ ތެރޭގައި ކުރެވޭ ވަރަށް ރަނގަޅު ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދެކެއެވެ.