ޚަބަރު
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް އަފީފު އައްޔަނުކުރައްވައިފި
މުހައްމަދު އަފީފު ހަސަން -- ފޮޓޯ : ފަރުދުން
ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށާއި، އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރުގެ މަޤާމަށް މުހައްމަދު އަފީފު އައްޔަނުކުރައްވައިފިއެވެ.
މި މަޤާމުތަކަށް އައްޔަނުކުރައްވާފައިވަނީ މއ. ވޭވްސައިޑް 304 ފްލެޓް، އަލްފާޟިލް މުޙައްމަދު އަފީފު ހުސެއިންނެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން (ޕީސީބީ) މަޢުލޫމާތު ދީފައިވާ ގޮތުގައި، މުޙައްމަދު އަފީފު މި މަޤާމަށް އައްޔަނުކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.
ސަރުކާރުގެ ކުންފުނިތަކުގެ ހިންގުން ހަރުދަނާކޮށް، ރައްޔިތުންނަށް ދެވޭ ޚިދުމަތްތައް އެންމެ ފުރިހަމަ ގޮތުގައި ފޯރުކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ނުހަނު އިސްކަމެއް ދެއްވާ ކަމެކެވެ. މިގޮތުން، ދައުލަތުގެ ކުންފުނިތަކުގެ އިސް މަޤާމުތަކަށް ޤާބިލު ބޭފުޅުން އައްޔަނުކުރައްވަމުން ގެންދަވަނީ ކުންފުނިތަކުގެ މަޤްޞަދުތައް ޙާޞިލުކުރުމަށާއި ހިންގުން ހަރުދަނާކުރުމުގެ ބޭނުމުގައެވެ.
ފެނަކަ ކޯޕަރޭޝަންގެ އައު މެނޭޖިންގ ޑިރެކްޓަރުގެ މަސްއޫލިއްޔަތުތަކުގެ ތެރޭގައި ކުންފުނީގެ ދުރުރާސްތާ ރޭވުންތައް ތަންފީޛުކުރުމާއި، ކުންފުނީގެ ހިންގުން ހަރުދަނާ އުޞޫލުތަކެއްގެ މަތިން ކުރިއަށް ގެންދިއުން ހިމެނެއެވެ.
މީގެ ކުރިން އަފީފު ވަނީ ހައުސިންގ މިނިސްޓރީގެ ޑިރެކްޓާ ޖެނެރަލްގެ މަގާމާއި، ފެނަކަ އާއި އެސްޓީއޯގެ ޗެއާމަންކަން ވެސް ކުރައްވައިފައެވެ.
އަފީފުއަކީ ގާނޫނި ދާއިރާއިން މަތީ ތައުލީމު ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.