ޚަބަރު
ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ދިފާއީ ގޮތުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފި
ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ރާއްޖޭގެ ދިފާއީ ވަޒީރު ބައްދަލުކުރެއްވުން / ފޮޓޯ: ދިފާއީ ވުޒާރާ
ފަރުދުން
27 އޭޕްރީލު 2026، 08:31
27 އޭޕްރީލު 2026، 08:31
ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއާ ދެމެދު ދިފާއީ ގޮތުން ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވައިފިއެވެ.
މިކަމާ ގުޅިގެން މަޝްވަރާކުރައްވާފައި ވަނީ، ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޔަޙްޔާ ޙަސަން އަލްޤަހްތާނީ މިއަދު ދިފާއީ ވުޒާރާއަށް ކުރެއްވެވި ޒިޔާރަތުގައި، ދިފާޢީ އަދި ވަޠަނީ ޚިދުމަތާ ބެހޭ ވަޒީރު ޙަސަން ރަޝީދުއާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ.
މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން ވަނީ ދިފާއީ ގިނަ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ. އަދި މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ދިވެހިރާއްޖޭގެ ދިފާއީ ކަންކަން ހަރުދަނާ ކުރެއްވުމަށް ސައުދީ އަރަބިއްޔާއިން ވެދެއްވާ އެހީތެރިކަން ފާހަގަކޮށް އެކަމަށް ޝުކުރު އަދާކުރައްވާފައެވެ.
ސަޢުދީ ޢަރަބިއްޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާއި ރާއްޖޭގެ ދިފާއީ ވަޒީރު ބައްދަލުކުރެއްވުން / ފޮޓޯ: ދިފާއީ ވުޒާރާ
ދިވެހިރާއްޖެ އާއި ސައުދީ އަރަބިއްޔާއަކީ މުސްލިމް ދެ ޤައުމަށްވީއިރު، ދީނާ ގުޅޭ ދާއިރާތަކުން އެ ޤައުމުން އަންނަނީ ރާއްޖެއަށް ވަރަށް ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އޭގެތެރޭގައި ޙައްޖާއި ގުޅުންހުރި ކަންކަމުގައި އެ ޤައުމުން ރާއްޖެއަށް ދެއްވާ އަހައްމިއްޔަތުކަން ފާހަގަ ކުރެވެއެވެ.