ޚަބަރު
މީޑިއާގެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރަށް އަރައިގަތުން ހުއްޓާލަން ޖެހޭ: ހަމްދާން ޝަކީލް
ހަމްދާން ޝަކީލު -- ފޮޓޯ : އެފްޑީސީ
ނޫސްވެރިކަމުގެ މިނިވަންކަމަކީ ކޮންމެ ޑިމޮކްރަސީއެއްގެ އެންމެ މުހިންމު އެއް ތަނބު ކަމުގައިވީ ނަމަވެސް، އެ މިނިވަންކަމުގެ ނަމުގައި މީހުންގެ އަބުރަށް އަރައިގަނެ، ހަގީގަތާ ހިލާފު ވާހަކަ ފެތުރުން ހުއްޓާލަން ޖެހޭ ކަމަށް ފަހި ދިރިއުޅުން ކޯޕްރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވެއްޖެއެވެ.
ހަމްދާން މިހެން ވިދާޅުވީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، އިޚްލާޞްތެރި ނޫސްވެރިން އެތައް އަހަރެއް ވަންދެން ކުރަމުން އައި ރަނގަޅު މަސައްކަތްތަކުގެ އަގު، ސިޔާސީ ބޭނުންތަކަށް ނޫސްވެރިކަން ބޭނުންކުރުމުގެ ސަބަބުން މިއަދު ވަނީ ވަރަށް ބޮޑަށް ވެއްޓިފައެވެ. ވަކިން ހާއްސަކޮށް ސިޔާސީ ނުފޫޒުން ހިންގާ ބައެއް ވަސީލަތްތަކުން ފަތުރާ ދޮގު މައުލޫމާތުގެ ސަބަބުން މުޅި މީޑިއާގެ އިތުބާރު ގެއްލެމުންދާ ކަމަށްބުނެ އޭނާ ވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
"މިއީ މިނިވަން އަދި ފަންނީ ނޫސްވެރިން ނުކުމެ، މިކަމާ ދެކޮޅަށް އަޑުއުފުލަންޖޭ ވަގުތު،"
ހަމްދާން ވިދާޅުވިއެވެ.
ނޫސްވެރިކަމުގެ މިނިވަންކަމުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ދިއުމަށް އިޝާރާތް ކުރައްވަމުން ހަމްދާން އިތުރަށް ވިދާޅުވީ، ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ނިމުމަކަށް އަންނަ ހިސާބަކީ އަނެކާގެ ޙައްޤުތަކަށް އަރައިގަނެވޭ ހިސާބު ކަމަށެވެ. އަދި ނޫސްވެރިކަމަކީ އާންމުންނަށް އުނދަގޫކޮށް، އެއްވެސް ހެއްކެއް ނެތް ތުހުމަތުތައްކޮށް، މީހުންގެ އަބުރު ކަތިލުމަށް ލިބިފައިވާ "އޯލް އެކްސެސް ޕާސް" އެއް ނޫން ކަމަށްވެސް އޭނާ ވަނީ ވިދާޅުވެފައެވެ.
ހަމްދާން މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައި މިވަނީ، ފަހަކަށް އައިސް މީޑިއާގެ ނަމުގައި ހިންގާ ބައެއް ވެބްސައިޓްތަކުންނާއި، މީސް މީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކުން ސަރުކާރުގެ އިސްވެރިންނަށާއި، ވަކިވަކި ފަރުދުންގެ އިތުރުން އާންމު ރައްޔިތުންނަށް އަމާޒުކޮށް، އެއްވެސް އަސާސެއް ނެތް ސީރިއަސް ތުހުމަތުތަކެއް ކުރަމުންދާ ދަނޑިވަޅެއްގައެވެ.
މިގޮތުން، އޮންލައިން ނޫސް "އަދަދު" އިން ވަނީ އެއްވެސް އަސާސެއް އަދި ހެއްކެއް ނެތް ގޮތަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރު ކަތިލެވޭ ފަދަ ވީޑިއޯއެއް އާންމުކޮށްފައެވެ. މީގެ އިތުރުން، މީގެ ކުރިން "ދޮން އަމާ" ގެ ނަމުގައިވެސް އެ ނޫހުން ވަނީ މިފަދަ ވީޑިއޯއެއް ތައްޔާރުކޮށްފައެވެ.
މި މައްސަލައާ ގުޅިގެން، ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން "އަދަދު" ނޫހުގެ އޮފީހަށް ވަދެފައެވެ. އަދި ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުން އެ ތަނުން ގެންގޮސްފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކުރެއެވެ.
މީހުންގެ އަބުރު ކަތިލުމަކީ މީޑިއާގެ ގާނޫނުގައި ކަނޑައެޅިގެން މަނާކޮށްފައިވާ ކަމަކަށް ވާއިރު، މިއީ މާތްވެގެންވާ އިސްލާމްދީނުގައިވެސް ވަރަށް ބޮޑަށް ނަހީކުރައްވާފައިވާ ފާފައެކެވެ. މިފަދަ އަމަލުތަކުގެ ސަބަބުން މުޖުތަމައުގެ މަސްލަހަތު ގެއްލި، ނޫސްވެރިކަމުގެ އަހުލާގީ މިންގަނޑުތަކާ ހިލާފުވަމުންދާތީ، ގިނަ ބައެއްގެ ފާޑުކިޔުން މިކަމަށް ވަނީ އަމާޒުވެފައެވެ.