ޚަބަރު
ރައީސްގެ އަބުރަށް އުނިކަން އަންނަ ގޮތަށް ދޮގު ޚަބަރު ފެތުރުމަކީ ނޫސްވެރިކަމެއް ނޫން: އިޙުސާން
އަލީ އިހުސާން-- ފޮޓޯ : ހުވަދޫ މީޑިއާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރުފުޅަށް އުނިކަން އަންނަ ގޮތަށް، ޒިނޭގެ ދޮގު ތުހުމަތުތަކެއް ފަތުރަމުންދާ މައްސަލައިގައި "އަދަދު" ނޫސް ބަލައި ފާސްކޮށް، ފުލުހުން އެ މައްސަލަ ތަޙުޤީޤު ކުރަމުންދިއުމަކީ ޤާނޫނުއަސާސީ ތަންފީޒު ކުރުން ކަމުގައި މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙުސާން ވިދާޅުވެއްޖެއެވެ.
މިކަމާ ގުޅޭގޮތުން މިނިސްޓަރު އިޙުސާން މިއަދު ކުރެއްވި ސޯޝަލް މީޑިއާ ޕޯސްޓެއްގައި ވިދާޅުވީ، ދިވެހިރާއްޖޭގައި ނޫސްވެރިކަމުގެ މިނިވަންކަން ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވީ ނަމަވެސް، އެއީ ހިތުހުރިހާ ދޮގު ވާހަކަތަކެއް ފަތުރައިގެން މީހުންގެ އަބުރު ކަތިލުމަށް ދީފައިވާ ހުއްދައެއް ނޫން ކަމަށެވެ. އަދި ކޮންމެ ފަރުދަކަށްމެ ލިބިދޭ ޙައްޤުތަކާއި މިނިވަންކަން ބޭނުންކުރަންވާނީ ޒިންމާދާރުކަމާއެކު ޤާނޫނީ އިމުގެ ތެރެއިން ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލައިގައި ޤާނޫނީ ގޮތުން ހުރި ހުރަސްތަކަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރު ވަނީ ޤާނޫނުއަސާސީގެ މުހިންމު ތިން މާއްދާއަކަށް ރިޢާޔަތް ކުރައްވާފައެވެ. އެގޮތުން ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ލިބިދޭ 27 ވަނަ މާއްދާގައި، އެ މިނިވަންކަން އޮންނަންވާނީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުނުވާ ގޮތެއްގެ މަތިންކަން ބަޔާންކޮށްފައިވާކަން މިނިސްޓަރު ހަނދާންކޮށްދެއްވިއެވެ. މީގެ އިތުރުން، ނޫސްވެރިކަމުގެ މިނިވަންކަމާ ގުޅޭ 28 ވަނަ މާއްދާއާއި، ކޮންމެ މީހެއްގެ އަބުރާއި އިއްޒަތް ހިމާޔަތްކުރުމުގެ ޙައްޤު ކަށަވަރުކޮށްދޭ 33 ވަނަ މާއްދާގެ ދަށުން، ކޮންމެ މީހަކަށްމެ އެ މީހެއްގެ އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ލިބިގެންވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލަ ހޫނުވެފައިވަނީ، މީގެ ކުރިންވެސް "ދޮން އަމާ" ވީޑިއޯ ފަދަ ތަފާތު ވީޑިއޯތައް ހަދައި، އަދި ދާދި ފަހުން ރައީސް އޮފީހުގެ މުވައްޒަފަކާ ރައީސްއާ ގުޅުވައިގެން ހަޤީޤަތާ ޚިލާފު ވީޑިއޯއެއް އާންމުކުރުމާ ގުޅިގެންނެވެ. އިއްޔެ ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައިވެސް، "އަދަދު" ނޫހުގެ ނޫސްވެރިޔާ ޝަހުޒާން ވަނީ ލައިވް ޓީވީގެ ކުރިމަތީގައި ރައީސްގެ އިސްތަށިފުޅުގައި ބަދުނާމު އެޅުވޭ ފަދަ ސުވާލުތަކެއް ތަކުރާރުކޮށް ކޮށްފައެވެ.
މިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވިދާޅުވީ، އެއީ އެއްވެސް އަސާސެއް ނެތް ދޮގު ވާހަކަތަކެއް ކަމަށާއި، އެފަދަ ކަންކަން ބަލައިދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައްވާ ކަމަށެވެ.
ރޭގެ ވަގުތެއްގައި ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން "އަދަދު" ނޫސް ހިންގާ އިދާރާއަށް ވަދެ، އެތަން ބަލައި ފާސްކޮށްފައެވެ.
މިނިސްޓަރު އިޙުސާން އިތުރަށް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ އަބުރުފުޅަށް އުނިކަން އަންނާނެހެން ބޮޑެތި އިލްޒާމްތަކެއް އެޅުވުމަކީ އެއްވެސް ހާލެއްގައި ނޫސްވެރިކަމުގެ ސިފައެއް ނޫން ކަމަށެވެ. ފުލުހުން މިހާރު ކުރިއަށްގެންދާ ތަޙުޤީޤަކީ ޤާނޫނީ ވެރިކަން ދެމެހެއްޓުމަށާއި، ރައީސުލްޖުމްހޫރިއްޔާއަށް ޤާނޫނުއަސާސީން ލިބިދޭ އަސާސީ ޙައްޤުތައް ހިމާޔަތްކުރުމަށްޓަކައި ކުރަންޖެހޭ މުހިންމު މަސައްކަތެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މިނިސްޓަރުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވީ، ކޮންމެ މިނިވަންކަމަކާއެކު ޒިންމާތަކެއް ވާކަމަށާއި، ޤާނޫނަށްވުރެ މަތީގައި އެއްވެސް މީހަކަށް ނުހުރެވޭނެ ކަމަށެވެ. އެހެންކަމުން، ދޮގު މަޢުލޫމާތު ފަތުރައިގެން މީހުންގެ އަބުރު ކަތިލާ ފަރާތްތަކުން އެކަމަށް ޤާނޫނީ ގޮތުން ޖަވާބުދާރީވާންޖެހޭނެ ކަމަށްވެސް އިހުސާން ވަނީ ވިދާޅުވެފައެވެ.