ޚަބަރު
ރައީސް ޞާލިޙާ ކުރެއްވީ ސުވާލެއް، ތުހުމަތެއް ނުކުރަން: އަޒާން
ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޒާން---
ފަރުދުން
28 އޭޕްރީލު 2026، 12:16
28 އޭޕްރީލު 2026، 12:16
ކުރީގެ ރައީސް އިބުރާހިމް މުހައްމަދު ޞާލިޙާ ކުރެއްވީ ސުވާލެއް ކަމަށާއި، ތުހުމަތެއް ކޮށްފައިނުވާނެ ކަމަށް ކުރީގެ ނޫސްވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަޙްމަދު އަޒާން ވިދާޅުވެއްޖެއެވެ،
"އަދަދު" ނޫހުން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ މައްޗަށް ގަޒުފްގެ ތުހުމަތުކޮށް ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓްރީއާ ގުޅިގެން ފުލުހުން އެ ނޫހުގެ އިދާރާއަށް ވަދެ ތަޙުޤީޤު ފަށާފައިވާ މިދަނޑިވަޅުގައެވެ.
އަޒާން މިކަމާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރެއްވީ، "ދައުރު" ނޫހުގެ އެޑިޓާއިން ޗީފް ހުސެއިން ފިޔާޒް މޫސާ ލިއުއްވާފައިވާ ރިޕޯޓަކަށް ރައްދު ދެއްވުމުގެ ގޮތުންނެވެ. ފިޔާޒްގެ ރިޕޯޓުގައި ބުނެފައިވަނީ، ނޫސްވެރިއެއްގެ ގޮތުގައި އަޒާން މަސައްކަތް ކުރެއްވިއިރު ކުރީގެ ރައީސް އިބްރާޙިމް މުޙައްމަދު ޞާލިޙާ ދެކޮޅަށް ކުރި ތުހުމަތުތަކާ ގުޅިގެން "ދިޔަރެސް" ނޫހަށް ފިޔަވަޅު ނޭޅީ މިދިޔަ ސަރުކާރުން ނޫސްވެރިކަމުގެ މިނިވަންކަމަށް ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ.
ނަމަވެސް އަޒާން ވިދާޅުވީ، އޭނާ ނުވަތަ "ދިޔަރެސް" ނޫހުން ރައީސް ޞާލިޙަށް އެއްވެސް ތުހުމަތެއް ކޮށްފައި ނުވާނެ ކަމަށެވެ. އޭނާ ކުރެއްވި ސުވާލަކީ، ރައީސް ޞާލިޙުގެ މައްޗަށް އިސްލާމްދީނުގައި ހައްދު ކަނޑައެޅިފައިވާ ފަދަ ކުށެއް (ގަޒުފް) ކުރެއްވި ކަމުގެ ތުހުމަތު ކުރީގެ ރައީސް މުޙައްމަދު ނަޝީދު ކުރެއްވުމުން، އެ މައްސަލަ ނުބަލަނީ ކީއްވެތޯ ކުރި ސުވާލެއް ކަމަށެވެ.
މީގެ އިތުރުން، އެމްޑީޕީގެ ސަރުކާރުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮތް ކަމަށް ބުނާ ވާހަކަ އަޒާން ވަނީ ހަރުކަށި އިބާރާތުން ދޮގުކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ވޭތުވެދިޔަ ސަރުކާރުގައި ނޫސްވެރިކަމުގެ މަސައްކަތުގައި އޭނާއަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނެވެ. އެގޮތުން ތިން ފަހަރެއްގެ މަތިން ފުލުހަށް ހާޒިރުކުރުމާއި، ކޯޓު އަމުރެއް ނެތި ފޯނު ކޯލުތައް އަޑުއެހުމާއި، އަދި ބޭރުގެ އެމްބަސީއަކަށް ދޭން އުޅުނު ބޮމުގެ ހަމަލާއެއްގެ ޓްވީޓަކާ ގުޅުވައި އޭނާގެ އާއިލާ ނުރައްކަލުގެ ތެރެއަށް ވައްޓާލި ކަމަށް އަޒާން ތުހުމަތު ކުރެއްވިއެވެ.
އަޒާން އިތުރަށް ފާހަގަކުރެއްވި ގޮތުގައި، އެ ދުވަސްވަރު "ދިޔަރެސް" ނޫހުގެ އެއް ހިއްސާދާރު ދައުލަތުގެ ވަޒީފާއިން ވަކިކޮށް، ނޫހަށް އެހީތެރިވަމުން ދިޔަ ކުންފުނިތަކަށް ސަރުކާރުން ބިރު ދައްކާފައިވެއެވެ. ފިޔާޒަށް ފާޑުވިދާޅުވަމުން އަޒާން ވިދާޅުވީ، އޭނާގެ ނޫސްވެރިކަމުގެ ބޮޑު ބައެއް ހޭދަކުރީ ހުދުމުހުތާރު ވެރިކަމެއްގެ މޫނުމަތި އޮމާންކުރުމަށް ކަމަށާއި، މިދިޔަ ސަރުކާރު ޒިންމާދާރުކުރުވަން އެއްވެސް މަސައްކަތެއް ކޮށްފައިނުވާ ކަމަށެވެ.
"އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓްރީއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެސް ވަނީ އެއީ ދޮގު މަޢުލޫމާތު ހިމަނައިގެން ހަދާފައިވާ އެއްޗެއް ކަމަށް ވިދާޅުވެ، އެކަން ދޮގުކުރައްވާފައެވެ. މި މައްސަލައިގައި ފުލުހުން މިހާރު ގެންދަނީ ޖިނާއީ ތަޙުޤީޤެއް ހިންގަމުންނެވެ.