ޚަބަރު
އީއޭއައި ހަދައި ލިބެން ޖެހޭ ހުއްދަތައް ނުލިބި އެއްވެސް ޕްރޮޖެކްޓެއް ކުރިއަކަށް ނުދާނެ: ވަޒީރު ޢަލީ ޝަރީފް
ވަޒީރު ޢަލީ ޝަރީފް
އީއައިއޭ ހަދައި ލިބެންޖެހޭ ހުއްދަތައް ނުލިބި އެއްވެސް ޕްރޮޖެކްޓެއް ކުރިއަށް ނުދާނެ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޢަލީ ޝަރީފް ވިދާޅުވެއްޖެއެވެ.
ވަޒީރު ޢަލީ ޝަރީފް މިހެން ވިދާޅުވީ މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ބިންހިއްކުމާ ބަނދަރު ހެދުން ފަދަ ޕްރޮޖެކްޓުތައް ހިންގުމުގައި އީއައިއޭ ނުހަދާ ނުވަތަ އީއޭއައި އަށް ރިޢާޔަތް ނުކޮށް ޕްރޮޖްކްޓައް ކުރިއަށް ދާކަމަށް ނޫސްވެރިއަކު ފާހަގަކުރެއްވައި ދެއްކެވި ވާހަކައަށް ޖަވާބު ދެއްވަމުން ވަޒީރު ވިދާޅުވީ އެއްވެސް އީއޭއައި އަކަށް ރިޢާޔަތް ނުކޮށް ޕްރޮޖްކްޓުތައް ނުހިންގޭނެ ކަމަށާއި އެގޮތައް ޕްރޮޖެކްޓުތައް ހިންގާ ކަމަށް ބުނޭ ބުނުވުމަކީ ދޮގު ވާހަކައެއް ކަމަށެވެ.
ވަޒީރު ވިދާޅުވީ މަޝްރޫޢުތައް ކުރިއަށްދަނީ ހަދަން ޖެހޭ އީއޭއައި ރިޕޯޓުތައް ހަދައި ލިބެން ޖެހޭ ހުއްދަތައް ލިބިގެން ކަމަށެވެ.
“މިސާލަކަށް ބަނދަރުތައް ހިއްކުމުގަ އެއްފަރާތުން ބަނދަރެއް ހެދީމަ އަނެއް ފަރާތުން ގިރާ ގިރުން، އަޅުގަނޑަކަށް ހިއެއް ނުވޭ މިއަދަކު ފައްޓާފަހުރި މަޝްރޫޢު ތަކަކާ ގުޅިގެން އަންނަ އެެއްޗެއް ހެނެއް، ރާއްޖޭގަ މިހާތަނަށް ހަދާފަހުރި ބައިވަރު ގިނަ ކޯސްޓަލް މޮޑިފިކޭޝަންސް ތަކުގަ ތިދަންނަވާ އިޝޫއަކީ އަބަދުވެސް ދިމާވަމުން އަންނަ ކަމެެއް” ވަޒީރު ޢަލީ ޝަރީފް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ ކުރިން އީއައިއޭ ތައް ހެދުމުގައި މަސައްކަތްތައް ކުރިއަށް ދާގޮތާއި އަޅާ ބަލާއިރު މިހާރު ބޮޑު ބަދަލެއް އައިސްފައިވާ ކަމަށާއި އެ އެސަސްމެންޓްތަކަށް ބަލާ ޑިޒައިން ތަކަށް ބަދަލުވެސް ގެނެސްފައިވާކަމަށެވެ.