ޚަބަރު
ގަޒްފުކުރުމަކީ މިނިވަން ނޫސްވެރިކަމެއް ނޫން، އެކަން ނޯމަލައިޒްކޮށްގެން ނުވާނެ: ޝެއިހު އަލީ ޒައިދު
ޝެއިހު އަލީ ޒައިދު -- ފޮޓޯ : އައްޑޫ ލައިވް
ހުލާސާ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރުފުޅު ކަތިލުމަށް އަމާޒުކޮށް، ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފަތުރަމުންދާ ދަނޑިވަޅެއްގައި، އެފަދަ ކަންކަމަކީ މިނިވަން ނޫސްވެރިކަމުގެ ތެރޭގައި ހިމެނޭ ކަންކަން ނޫން ކަމަށް ދީނީ އިލްމުވެރިޔާ އައްޝައިޚް އަލީ ޒައިދު ވިދާޅުވެއްޖެއެވެ.
ޝައިޚް އަލީ ޒައިދު މިހެން ވިދާޅުވީ، ރައީސް މުޢިއްޒާ ބެހޭގޮތުން މީސްމީޑިއާގައި ދޮގު ޚަބަރު ފަތުރައި، އޭއައި ބޭނުންކޮށްގެން ވީޑިއޯތައް އުފައްދައި، އެމަނިކުފާނުގެ އަބުރު ކަތިލަމުންދާ މައްސަލައާ ގުޅިގެން ކުރެއްވި ޕޯސްޓެއްގައެވެ.
"ގަޒްފު ކުރުމަކީ މިނިވަން ނޫސްވެރިކަމެއް ނޫންކަން ވަރަށް އިޙްތިރާމާއި އެކު ދަންނަވަން! ގަޒްފުކުރުން ނޯމަލައިޒް ކުރެވިގެން ނުވާނެ! ކުރަން ޖާގަދީގެންވެސް ނުވާނެ! އެއީ އެކަމަކަށްޓަކައި ޙައްދެއް ޝަރުޢުކުރެވިގެން އައިސްފައިވާ ކަމެއް!" ޝެއިހު ޒައިދު ވިދާޅުވިއެވެ.
މި މައްސަލައަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް އަމާޒުކޮށް މިދިޔަ މާރިޗު މަހުގެ ތެރޭގައި "އަދަދު" ނޫހުން ނެރުނު ޑޮކިއުމެންޓްރީއަކާ ގުޅިގެން ފެންމަތިވެފައިވާ މައްސަލައެކެވެ. ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން މިހާރު އަންނަނީ މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ތަހުގީގު ކުރަމުންނެވެ.
މި ތަހުގީގުގެ ތެރެއިން، ފުލުހުން ވަނީ "އަދަދު" ނޫހުގެ އޮފީސް ބަލައި ފާސްކޮށް، ތަހުގީގަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މީގެ އިތުރުން، މި މައްސަލައިގައި ތުހުމަތު ކުރެވޭ އެ ނޫހުގެ ސީއީއޯ ހުސައިން ފިޔާޒް މޫސާގެ ޕާސްޕޯޓު ހިފަހައްޓައި، އަންނަ ޖުލައި މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އޭނާ ރާއްޖެއިން ފުރުން ވަނީ މަނާކޮށްފައެވެ.
މި މައްސަލައާ ގުޅިގެން ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، އެ ވީޑިއޯގައި ހިމަނާފައިވަނީ ކަނޑައެޅިގެން ދޮގު މައުލޫމާތު ކަމަށެވެ. އަދި އެފަދަ އަސާސެއް ނެތް ދޮގު ވާހަކަތައް ފަތުރައި އަބުރު ކަތިލާ ފަރާތްތަކާ މެދު ގާނޫނީ ފިޔަވަޅު އަޅައި، ދައުވާކޮށްދިނުމަށް އެމަނިކުފާނު ވަނީ އެދިވަޑައިގެންފައެވެ.
ދިވެހިރާއްޖޭގެ މީޑިއާ ކައުންސިލުން (އެމްއެމްސީ) ވެސް މިހާރު އަންނަނީ "އަދަދު" ނޫހާ ގުޅޭ މި މައްސަލަ އިތުރަށް ބަލައި ދިރާސާ ކުރަމުންނެވެ. އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުތަކުގައި ވެސް މީހުންގެ އަނބުރާ ބެހުމާއި، ދޮގު އިލްޒާމް އެޅުވުމަކީ ބޮޑުވެގެންވާ ކުށެއްގެ ގޮތުގައި ވަނީ ކަނޑައަޅާފައެވެ.