ޚަބަރު
ނޫސްވެރިކަމުގެ މިނިވަންކަމަކީ ހެކި ނެތި ޒިނޭ އާއި ޤަޛްފުގެ ތުހުމަތު އެޅުވުމަށް ދެވޭ ލައިސަންސެއް ނޫން: ވަޒީރު ޝިޔާމް
ވަޒީރު އަހްމަދު ޝިޔާމް. ފޮޓޯ: ވުޒާރާ
ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ އިސްލާމީ ރިވެތި އިންތަކާއި މިންތައް ފަހަނައަޅައި، މީހުންގެ އަބުރު ކަތިލައި، ސާބިތު ހިފޭ ހެކި ނެތި ޒިނޭ އާއި ޤަޛްފުގެ ތުހުމަތު އެއްވެސް މީހެއްގެ ބޮލުގައި އެޅުވުމަށް ދެވޭ ލައިސަންސެއް ނޫން ކަމަށް މަސްވެރިކަމާއި ދަނޑުވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރަށް އަރައިގަނެ، 'އަދަދު' ނޫހުން ފަތުރާފައިވާ ވާހަކަތަކަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށް ބަޔަކު ސިފަކޮށް، އެކަން ދިފާޢުކުރަމުންދާ ދަނޑުވަޅެއްގައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.
ވަޒީރު ވިދާޅުވީ ޚިޔާލު ފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ޙައްޤުތަކެއް ކަމަށްވީ ނަމަވެސް، ޒާތީ ދިރިއުޅުމުގެ ޙައްޤާއި ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤަކީވެސް ހަމަ ކޮންމެ ރައްޔިތަކަށްމެ ޤާނޫނުއަސާސީން ކަށަވަރުކޮށްދޭ ޙައްޤުތަކެއް ކަމަށެވެ.
"މިޙައްޤުތައް ކަށަވަރުވުމުގައި ޤައުމުގެ ވަލިއްޔުލްއަމްރު އިސްތިސްނާވެގެންނެއް ނުވޭ. އަދި މި ޙައްޤުތަކާއި މިނިވަންކަމަކީ އިސްލާމީ ރިވެތި އިންތަކާއި މިންތައް ފަހަނައަޅައި، މީހުންގެ އަބުރު ކަތިލައި، ސާބިތު ހިފޭ ހެކި ނެތި ޒިނޭ އާއި ޤަޛްފުގެ ތުހުމަތު އެއްވެސް މީހެއްގެ ބޮލުގައި އެޅުވުމަށް ދެވޭ ލައިސަންސެއް ނޫން،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ޤަޛްފާއި ޒިނޭއަކީ އިސްލާމީ ޝަރީޢަތުގައި އެކަންކަން ސާބިތުކުރުމަށް ހެކީގެ ވަކި ޚާއްސަ މިންގަނޑެއް ކަނޑައަޅައި، ޙައްދު ކަނޑައަޅާފައިވާ ކުށްތަކެކެވެ. އަދި އަބުރު ރައްކާތެރި ކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެއް މަޤްސަދު ކަމުގައިވާއިރު، ސައްތައިން ސައްތަ މުސްލިމް މުޖުތަމައެއްގައި ނޫސްވެރިކަމުގެ ނަމުގައި ދައުލަތުގެ ވެރިޔާގެ އަބުރު ކަތިލުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަމަށް ހުރަސް އަޅާނެ ސަރުކާރެއް ނޫންކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ، ރައީސަކީ ނޫސްވެރިންނާ ވަރަށް ގާތުން މަސައްކަތްޕުޅު ކުރައްވާ ބޭފުޅެއް ކަމަށެވެ. ނަމަވެސް ނޫސްވެރިންނަކީ ފާހިޝް ކަންކަމަށް ހިތްވަރުދޭ ބަޔަކަށްވުރެ ޒިންމާދާރު ބަޔަކަށް ވާންޖެހޭނެ ކަމަށް ވަޒީރު ބާރުއެޅުއްވިއެވެ.
މި މައްސަލައިގައި ސަރުކާރުގެ ގިނަ ވަޒީރުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ 'އަދަދު' ނޫހުގެ އަމަލުތައް ކުށްވެރިކުރަމުންނެވެ. ވަޒީރު ޝިޔާމް ވަނީ މިއަދު މިފަދަ ކަންކަން ނުހުއްޓުވައިފިނަމަ، މާދަމާ މިކަމުގެ ޝިކާރައަކަށް ކޮންމެ މީހަކުވެސް ވެދާނެ ކަމުގެ އިންޒާރު ދެއްވާފައެވެ.