ޚަބަރު
ހަގީގީ ނޫސްވެރިންނަށް ދޭންޖެހޭ އިހުތިރާމަށްޓަކާވެސް މިފަދަ މީހުންނަށް ދައުވާކޮށް އަދަބު ދޭންޖެހޭ: ޝަކީލް
ޙައްޖު ކޯޕަރޭޝަންގެ އެމްޑީ މުޙައްމަދު ޝަކީލް. ފޮޓޯ: އިސްލާމީ ވުޒާރާ
ހުލާސާ
މިއަދުގެ މުޖުތަމައުގައި ނޫސްވެރިންގެ ފާހުގެ ނިވަލުގައި ތިބެގެން ގައުމު ފަސާދަކުރަމުންދާ ބަޔަކު މަދުން ނަމަވެސް އުޅޭ ކަމަކީ ގަބޫލު ކުރަންޖެހޭ ހަގީގަތެއް ކަމަށް ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.
ޝަކީލް މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އަބުރަށް އަރައިގަނެ، 'އަދަދު' ނޫހުން ފަތުރާފައިވާ ވާހަކަތަކަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށް ބަޔަކު ސިފަކޮށް، އެކަން ދިފާޢުކުރަމުންދާ ދަނޑުވަޅެއްގައެވެ.
ޝަކީލް ވިދާޅުވީ ނޫސްވެރިކަމުގެ ނަމުގައި ގައުމުގެ ރައީސުލްޖުމްހޫރިއްޔާއާ ދެކޮޅަށް ޒާތީވަމުންގޮސް، އަމިއްލަ ނަފްސު ކޮންޓްރޯލުން ނެއްޓި މުޅި ދުނިޔެ ކުރިމަތީގައި އަމިއްލައަށް ހޭވި ހަޑިއަށްފަހު ވި އިއުތިރާފަށް ނޫސްވެރިކަމެކޭ ނުކިޔޭނެ ކަމަށެވެ.
"ހަގީގީ ނޫސްވެރިކަން ކުރާ ނޫސްވެރިންނަށް ދޭންޖެހޭ އިހުތިރާމަށްޓަކާވެސް މިފަދަ މީހުންނަށް ދައުވާ ކުރެވި ހައްގު އަދަބު ދެވެންޖެހޭ،" ޝަކީލް ވިދާޅުވިއެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އަބުރާއި ކަރާމަތަށް އަރައިގަނެ 'އަދަދު' ނޫހުން ތައްޔާރުކޮށްފައިވާ ޑޮކިއުމެންޓަރީއެއްގެ މައްސަލަ ފުލުހުން މިހާރު ދަނީ ތަހުގީގު ކުރަމުންނެވެ. މި ތަހުގީގުގެ ތެރެއިން ފުލުހުން ވަނީ އެ ނޫހުގެ އޮފީހަށް ވަދެ އެތަން ބަލައި ފާސްކޮށް، އޮފީސް ސީލްކޮށްފައެވެ. މި މައްސަލައިގައި ސަރުކާރުގެ ގިނަ ވަޒީރުންނާއި އާންމުންގެ ގިނަ ބަޔަކު ދަނީ އެ ނޫހުގެ އަމަލުތައް ކުށްވެރިކުރަމުންނެވެ.
ނަމަވެސް، އިދިކޮޅު ފަރާތްތަކުން މިކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންދެއެވެ. އިދިކޮޅު ފަރާތްތަކުން ބުނަމުންދަނީ މިއީ ނޫސްވެރިކަމުގެ މިނިވަންކަން ނަގާލުން ކަމަށާއި، މިކަމާ ދެކޮޅަށް އަޑުއުފުލަންޖެހޭ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރާއްޖޭގެ ގިނަ އިލްމުވެރިންވެސް ދަނީ ޚިޔާލު ފާޅުކުރަމުންނެވެ. އިލްމުވެރިން ވިދާޅުވާ ގޮތުގައި ގަޒްފު ކުރުމަކީ އެއްވެސް ހާލަތެއްގައި ކުރެވިގެންވާނެ ކަމެއް ނޫނެވެ. އަދި އެއީ މުޖުތަމައުގައި ފިތުނަ ފަސާދަ އުފެދޭ ކަމެއް ކަމަށާއި، އިސްލާމްދީނުގައި މީހުންގެ އަބުރު ކަތިލުމަކީ ވަރަށް ބޮޑަށް މަނާކުރައްވާފައިވާ ކަމެއްކަން އިލްމުވެރިން ފާހަގަކުރައްވައެވެ.