Ads by Farudhun

ޚަބަރު

މިދިޔަ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތުން ކުރި ވައްކަންތައް ހުއްޓުވީ މި ސަރުކާރުން: ޝުޖާއު

މިދިޔަ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތުން ކުރި ވައްކަންތައް ހުއްޓުވީ މި ސަރުކާރުން: ޝުޖާއު

އެމްޕީ ޝުޖާއު/ފޮޓޯ: ޕީއެންސީ

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

29 އޭޕްރީލު 2026، 11:02

29 އޭޕްރީލު 2026، 11:02

މިދިޔަ ސަރުކާރުން މަސްވެރިކަމުގެ ސިނާޢަތުން ކުރި ވައްކަންތައް ހުއްޓުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ  މި ސަރުކާރުންކަމަށް ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ ޕީއެންސީ މެމްބަރު އިބްރާހިމް ޝުޖާއު ވިދާޅުވެއްޖެއެވެ.

ޝުޖާއު މިފަދައިން ވިދާޅުވީ، ސަރުކާރުގެ ފަރާތުން ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު އަލްސަން އަޙްމަދު ހުށަހަޅުއްވާފައިވާ (ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމުގެ ބިލަށް ބަހުސްކުރައްވަމުންނެވެ.

މިއަދުގެ މަޖިލީހުގެ ޖަލްސާގައި މި ބިލަށް ތާޢީދުކުރައްވާ ބަހުސްކުރައްވަމުން ޝުޖާއު ވިދާޅުވީ، މަސްވެރިންނަކީ މި ވެރިކަން އައުމުގެ ކުރިން ދިވެހިރާއްޖޭގައި އެންމެ ޙާލުގައި އުޅުނު އެއް ސިނާޢަތުގެ އަހުލުވެރިން ކަމަށެވެ. ނަމަވެސް، މި ސަރުކާރުން ވެރިކަމަށް އައި ފަހުން މަސްވެރިންނަށް އުޖާލާ ދުވަސްތަކެއް ފެންނަމުންދާކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، މިދިޔަ އެމްޑީޕީ ސަރުކާރުގައި މަސްވެރިންގެ އެންމެ ބޮޑު އެއް ޝަކުވާއަކަށްވީ ނުދެވޭ ވަރުގެ އަގުތައް ސަރުކާރުން ހުށަހަޅަމުން ދިޔުން ކަމަށެވެ.

2023 ގެ ރިޔާސީ އިންތިޚާބު ބޯމަތިވެފައި އޮއްވާ ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙު އެމަނިކުފާނު ހެޔޮފުޅުކަމުން ކަމަށް ދައްކަންވެގެން މަސްވެރިންނަށް މަސްކިލޯއެއް ގަންނަ އަގު 25ރ އަށް ބޮޑުކޮށް 20ރ އިން މަތިކޮށް މިކަހަލަ ޗަރުކޭސް ކުޅެމުންދިޔައީ. އޭގެ ބޭނުމަކަށްވީ މަސްވެރިންގެ ވޯޓު ހޯދުން. ނަމަވެސް ނަތީޖާއަކަށް ވެގެންދިޔައީ ބާނާ އެއްވެސް މަހަކަށް މަސްވެރިންނަކަށް ލާރިއެއް ނުދޭ އެމްޑީޕީ ވެރިކަމުގައި.

ޝުޖާއު ވިދާޅުވިއެވެ.

މިކަމަށް އިތުރަށް އަލިއަޅުއްވާލާ ވާހަކަފުޅު ދައްކަވަމުން ޝުޖާއު ވިދާޅުވީ، މި ސަރުކާރުން ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު 900 މިލިއަނެއްހާ ރުފިޔާ މަސްވެރިންނަށް ނުދީ އޮތް ކަމަށާއި، މި ހުރިހާ ފައިސާއެއް ދިނީ ރައީސް ޑރ. މުޢިއްޒުގެ މި ސަރުކާރުން ކަމަށެވެ. ހަމަ އެހެންމެ، މިދިޔަ އެމްޑީޕީ ސަރުކާރުގައި މަސްވެރިން އެމީހުން ކުރާ މަސައްކަތަށް ޙައްޤު އުޖޫރަ ހޯދުމަށް އާދޭސްކުރަމުން ގެންދިޔައިރު، މިކަމަށް އެކަށޭނެ ޙައްލެއް ހޯއްދަވައިދެއްވީ މި ސަރުކާރުންކަން ޝުޖާއު ފާހަގަކުރެއްވިއެވެ. އެގޮތުން، ރައީސްގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް 48 ގަޑިއިރުގެ ތެރޭގައި މިހާރު ފައިސާ ލިބެމުންދާކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން، މަސްވެރިން ބާނާ މަސް ގަނެ، އެކްސްޕޯޓް ކުރުމަށް އޮތް މައި ކުންފުނި ކަމަށްވާ މިފްކޯގެ ވައްކަމުގެ ވާހަކަތައް ތަކުރާރުކޮށް އެކި ފަރާތްތަކުން ދައްކަމުން އަންނައިރު، މިދިޔަ ސަރުކާރުގައި މަސްވެރިންގެ އަތުން މިފްކޯއިން ގަންނަ ހުރިހާ މަހެއް އެކްސްޕޯޓްކުރާއިރު 3 ބައި ކޮށްފައި 2 ބައި ރިޖެކްޓްކުރަމުންދިޔަކަން ޝުޖާއު ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިފަދަ ކަންކަމުން ވެސް މިދިޔަ އެމްޑީޕީ ސަރުކާރުން ކޮށްލާ ބޮޑެތި  ވައްކަންތައް ހާމަވެގެން ގޮސްފައިވާ ކަމަށާއި، ރައީސް ޑރ. މުޢިއްޒުގެ ސަރުކާރު އައި ފަހުން އެކަންކަން ހުއްޓިފައިވާކަމަށް ޝުޖާއު ވިދާޅުވިއެވެ.

މި ދެންނެވި ވައްކަން މިއީ ރޭވިގެން ހިނގަމުންދިޔަ ވައްކަން. ހުއްޓުވީ ރައީސް މުޢިއްޒުގެ ސަރުކާރުން، މި ސަރުކާރުން، ޕީއެންސީގެ ސަރުކާރުން.

ޝުޖާއު ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން މަސްވެރިންނަށް ވެފައިވާ އިހުމާލުތަކާއި ގުޅިގެން ޝުޖާއު އިތުރަށް ވިދާޅުވީ، 2018 ވަނަ އަހަރު ސަޢުދީ ސަރުކާރުގެ އެހީގައި މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާކުރުމަށް 16 މިލިއަން ޑޮލަރު ލިބިފައިވާ ކަމަށެވެ. އެގޮތުން، ސަޢުދީން ދިން މި އެހީއަކީ ރާއްޖޭގައި މަސްވެރި ފެކްޓަރީތައް އެޅުމަށާއި، އައިސްޕްލާންޓްތައް ހެދުމަށް ދީފައިވާ އެހީއެއްކަން ފާހަގަކުރައްވަމުން ޝުޖާއު ވިދާޅުވީ، 2023 ވަނަ އަހަރު ވެރިކަން ދޫކޮށްދިޔައިރު، އެ ފައިސާއިން އެއްވެސް ކަމެއް ކޮށްފައި ނުވާ ކަމަށެވެ.

މި ދެންނެވި 16 މިލިއަން ޑޮލަރު ވެސް އޭގެ ރަނގަޅު ގޮތުގައި ސަޢުދީ ސަރުކާރުން ދެއްވީ. އެ އެހީ ބޭނުންކުރި ނަމަ ފެލިވަރު ގެ މަސް ފެކްޓަރީ ހުންނާނީ ބޮޑު ކުރެވިފައި. ބަންދުކުރެވޭ ނިސްބަތް އިތުރުވެގެންދާނެ. ނަމަވެސް ސިކުނޑީގައި ތެތްކަމެއް ނެތީމައި ކިހިނެއްތޯ މިކަންކަން ކުރާނީ؟

މެމްބަރު ޝުޖާއު ވިދާޅުވިއެވެ.

ޝުޖާއު އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ ސިޔާސަތަކީ ހެޔޮ ނިޔަތުގައި މަސްވެރި ސިނާޢަތް ހަރުދަނާކުރުން ކަމަށެވެ. އަދި މަސްވެރިކަމަކީ ރާއްޖޭގެ އިޤްތިޞާދުގެ މައި ލޭނާރުކަމުގައި ދެމެހެއްޓުމަށް މި ސަރުކާރުން މަސައްކަތްކުރައްވަމުންދާއިރު، ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޤާނޫނަށް ގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙާއެކު މިކަން އިތުރަށް ހަރުދަނާވެގެންދާނެކަމަށް ޝުޖާއު ވިދާޅުވިއެވެ. ހަމަ އެހެންމެ، މި އިޞްލާޙާއެކު ރާއްޖެ ސަރަޙައްދަށް އަންނަ އެހެން ޤައުމުތަކުގެ މަސްވެރި  ދޯނިފަހަރަށް ވެސް ލުއިފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދާނެކަމަށް ޝުޖާއު ވަނީ ވިދާޅުވެފައެވެ.

ޝުޖާއު ގެ ވާހަކަ ނިންމަވާލައްވަމުން ވަނީ، ރާއްޖޭގެ މަސްދޯނިފަހަރު ބިކަކޮށް، މަސްވެރިން ކަންނެތްކުރުވާ، މަސް ދޯނިފަހަރަށް ބިދޭސީން އެރުވުމުގެ ތާރީޚު ވެސް އޮތީ އެމްޑީޕީގައިކަން ފާހަގަކުރައްވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450