ޚަބަރު
ބުލީކުރުން ހުއްޓުވޭނީ ގޭތެރެއާއި މުޖުތަމައުގެ މަސްރަހު އެކަކު އަނެކަކުދެކެ ލޯބިވާ ވެއްޓަކަށް ބަދަލުކޮށްގެން: ވަޒީރު ޝަފީޢު
ވަޒީރު އިސްމާއިލް ޝަފީޢު. ފޮޓޯ: ވުޒާރާ
ސްކޫލްތަކުގައި ދިމާވާ ބުލީކުރުމުގެ މައްސަލަތައް ހައްލުކުރެވޭނީ ގޭތެރެއާއި މުޖުތަމައުގެ މަސްރަހު އެކަކު އަނެކަކުދެކެ ލޯބިވާ އަދި އޯގާތެރި ވެއްޓަކަށް ބަދަލުކޮށްގެން ކަމަށް ތަޢުލީމާ ބެހޭ ވަޒީރު ޑރ. އިސްމާއިލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ މިއަދު ހެނދުނު އާންމު ރައްޔިތަކާއެކު ތައުލީމީ ދާއިރާގެ އެކި ކަންކަމާ ގުޅޭގޮތުން ފޯނުން ކުރެއްވި މަޝްވަރާއަކަށްފަހު، ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި މެސެޖެއްގައެވެ.
ވަޒީރު ފާހަގަކުރެއްވި ގޮތުގައި ކުދިންނަކީ ވަށައިގެންވާ މާހައުލު ނަކަލުކުރާ ބައެކެވެ. އެކަކު އަނެކަކަށް މަލާމާތްކޮށް، ދަށްކޮށްލާ ބަސްތައް ބޭނުންކުރާ މުޖުތަމައަކުން ކުއްޖާ ދަސްކުރާ ނޭދެވޭ އާދަތައް ސްކޫލް މާހައުލުގައި ތަކުރާރުވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ވަޒީރު ވިދާޅުވީ ސޯޝަލް މީޑިއާގައާއި އާންމު އެއްވުންތަކުގައި މީހުންގެ އަބުރަށް އަރައިގަތުމަކީ މިއަދު "މުނިފޫހިފިލުވުން" ކަމުގައި ވެފައިވާ ކަމަށާއި، މިއީ މުޅި މުޖުތަމައު އިސްލާހީ ފިޔަވަޅު އަޅަންޖެހިފައިވާ ކަމެއް ކަމަށެވެ.
ހެޔޮ ޖީލެއް ބިނާކުރުމަށްޓަކައި މުދައްރިސުން ކުރައްވަނީ އާދައިގެ މަސައްކަތެއް ނޫންކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، ކުދިންނަށް ފިލާވަޅުތައް އުގަންނައިދިނުމުގެ އިތުރުން މުޖުތަމައާއި ގޭތެރެއިން ފެންނަ ނޭދެވޭ އާދަތައް އިސްލާހުކުރުމަށް މުދައްރިސުން ބުރަ މަސައްކަތްތަކެއް ކުރައްވާ ކަމަށެވެ. އަދި ސްކޫލްތަކުގައި ދެވޭ ތަރުބިއްޔަތުގެ ޕްރޮގްރާމްތައް ހަރުދަނާކުރަންޖެހޭ ކަމަށާއި، އެގޮތުން މިއަހަރު ކުރިއަށްގެންދާ "ބިންގާ" ޕްރޮގްރާމަކީ މިފަދަ މުހިންމު މަސައްކަތެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
އިސްލާމީ ރިވެތި އަޚުލާގު ކުދިންނަށް އުނގަންނައިދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ވަޒީރު ވަނީ ކީރިތި ރަސޫލާ ﷺ ގެ ހަދީޘްފުޅެއް ހަނދާންކޮށްދެއްވާފައެވެ. "މުސްލިމަކީ، އެމީހެއްގެ ދުލާއި އަތުގެ ނުބައިކަމުން އެހެން މުސްލިމުން ސަލާމަތްވެގެންވާ މީހާއެވެ." މި މާނަ ދޭހަވާ ހަދީޘްފުޅު ހިއްސާކުރައްވަމުން، މީހަކަށް ދެރައެއް ދިނުމަކީ ނުވަތަ ފުރައްސާރަކުރުމަކީ ބޮޑު ފާފައެއްކަން ކުދިންނަށް ބުނެދީ، ބޮޑެތި މީހުން އެކަމުގައި ނަމޫނާ ދައްކަންޖެހޭ ކަމަށް ވިދާޅުވިއެވެ.
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، ގައުމުގެ މުސްތަގުބަލު ކަމުގައިވާ ކުދިންނަށް ހެޔޮ ނަމޫނާއެއް ނުދައްކައި، އެކަކު އަނެކަކަށް އޯގާތެރި ނުވެއްޖެނަމަ، މާދަމާގެ ޖީލު އޮންނާނީ ނަފްސާނީ ގޮތުން ބަލިކަށި، ކުލުނާއި އޯގާތެރިކަމުން މަހުރޫމުވެފައިވާ މާހައުލެއްގައި ކަމުގެ އިންޒާރު ދެއްވަމުންނެވެ. އެހެންކަމުން، ބުލީކުރުން ހުއްޓުވުމަށްޓަކައި ދޮގު ވާހަކަތައް ފެތުރުން ހުއްޓާލައި، އުފާވެރި އަދި ހިތްފަސޭހަ ވެއްޓެއް ގާއިމުކުރުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.