Ads by Farudhun

ޚަބަރު

ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

ވަޒީރުންގެ މަޖިލީހަށް އައްޔަންކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފި

14 ވަޒީރުންނަށް ރުހުން ދިނުން -- ފޮޓޯ : ޕީއެސްއެމް

މުހައްމަދު ނާފިޒް

މުހައްމަދު ނާފިޒް

29 އޭޕްރީލު 2026، 03:02

29 އޭޕްރީލު 2026، 03:02

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީރުންގެ މަޖިލީހަށް ގެންނެވި ބޮޑެތި ބަދަލުތަކާ ގުޅިގެން އަލަށް އައްޔަންކުރެއްވި އަދި މަޤާމުގެ ބަދަލުތަކާއެކު އަލުން ހުވާކުރެއްވި 14 ވަޒީރުންނަށް ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުން ދީފިއެވެ. 

މަޖިލީހުގެ ރައީސް ޢަބްދުއްރަހީމް ޢަބްދުﷲ ރިޔާސަތު ބެލެހެއްޓެވި މިއަދުގެ ޖަލްސާގައި، ވަޒީރުންނަށް ރުހުން ދިނުމަށް ފާސްކޮށްފައިވަނީ ކޮންމެ ވަޒީރަކަށް ވަކިވަކިން ވޯޓަށް އަހައިގެންނެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ވަޒީރުން އައްޔަން ކުރެއްވުމަށްފަހު، ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން އެ ބޭފުޅުންނަށް ޤާނޫނީ ބާރުވެރިކަން ހޯއްދަވައިދެއްވުމަށްޓަކައި މަޖިލީހަށް ހުށަހެޅުއްވި މައްސަލައެކެވެ.

މި މައްސަލަ ދިރާސާކުރި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ކުރިން ނިންމާފައިވަނީ ހުރިހާ ވަޒީރުންނަށް އެކުގައި ރުހުން ދިނުމަށް ވޯޓަށް އެހުމަށެވެ. ނަމަވެސް، މަޖިލީހުގެ ތަޅުމުގައި މިއަދު ވޯޓަށް އަހާފައިވަނީ ވަކިވަކި ވަޒީރުންގެ ނަންފުޅުތަކަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވަޒީރުންގެ މަޖިލީހުގެ އޮނިގަނޑަށް ބަދަލު ގެންނެވީ މި މަހުގެ 14 އަދި 15 ވަނަ ދުވަހުއެވެ. މި ބަދަލާއެކު ވަޒީރުންގެ މަޖިލީހުގެ އަދަދު ވަނީ 20 އިން 15 އަށް މަދުކުރައްވާފައެވެ. މި ބަދަލުތަކުގެ ތެރެއިން 5 އައު ވަޒީރަކު މަޖިލީހަށް އިތުރުވެފައިވާއިރު، ކުރިން ތިއްބެވި 9 ވަޒީރަކު ވަނީ ވުޒާރާތަކަށް އައި ބަދަލާއެކު އަލުން މަޤާމުގެ ހުވާ ކުރައްވާފައެވެ.

މަޖިލީހުން ރުހުން ދިން ވަޒީރުންނާއި ވޯޓުގެ ތަފްސީލު:

މިއަދުގެ ވޯޓުގައި އެންމެ ގިނަ މެންބަރުންގެ ތާއީދާއެކު ރުހުން ލިބިވަޑައިގަތީ ދިފާޢީ ވަޒީރު ޙަސަން ރަޝީދަށާއި މާލީ ވަޒީރު މޫސާ ޒަމީރަށެވެ. އެ ދެ ބޭފުޅުންނަށްވެސް 76 މެންބަރުން ވޯޓު ދެއްވިއެވެ. އެހެނިހެން ވަޒީރުންނަށް ލިބުނު ރުހުމުގެ ވޯޓުގެ އަދަދުތަކަކީ:

ޚާރިޖީ ވަޒީރު އިރުތިޝާމް އާދަމް: 75 މެންބަރުން
ޞިއްޙީ ވަޒީރު ޤީލާ ޢަލީ: 75 މެންބަރުން
ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢު: 75 މެންބަރުން
އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު: 74 މެންބަރުން
މަސްވެރިކަމާ ބެހޭ ވަޒީރު އަޙްމަދު ޝިޔާމް: 73 މެންބަރުން
ފަތުރުވެރިކަމާ ބެހޭ ވަޒީރު މުޙައްމަދު އަމީން: 73 މެންބަރުން
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު: 72 މެންބަރުން
ދާޚިލީ ވަޒީރު ޢަލީ އިޙްސާން: 70 މެންބަރުން
ބިނާރާއި ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް: 68 މެންބަރުން
އިޤްތިޞާދީ ވަޒީރު މުޙައްމަދު ސަޢީދު: 65 މެންބަރުން
ފަންނާއި ސަގާފަތާ ބެހޭ ވަޒީރު ހީނާ ވަލީދު: 64 މެންބަރުން
ތިމާވެއްޓާ ބެހޭ ވަޒީރު ޢަލީ ޝަރީފް: 63 މެންބަރުން

މިއަދު މަޖިލީހުން މި ދިން ރުހުމާއެކު، ރައީސް މުޢިއްޒުގެ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މަސައްކަތްތަކަށް އިތުރު ފުރިހަމަކަމާއި ޤާނޫނީ ސައްޙަކަން ލިބިގެންދާނެއެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450