ޚަބަރު
ތެލުގެ ރިޒާވް އިތުރުކޮށް ފިޔުލް ސްޓޯރޭޖް ޤާއިމްކުރުމަށް ދެ ފަޅެއް ބަލަނީ: ވަޒީރު ޒަމީރު
މާލީ ވަޒީރު މޫސާ ޒަމީރު. ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ތެލުގެ ރިޒާވް އިތުރުކޮށް، ނެޝަނަލް ފިޔުލް ސްޓޯރޭޖް ޤާއިމްކުރުމަށްޓަކައި މާލެ ކައިރި ސަރަހައްދުން ދެ ފަޅެއް ބަލަމުންދާ ކަމަށް މާލީ ކަންކަމާއި ސަރުކާރު ކުންފުނިތަކާ ބެހޭ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން އެކުލަވާލާފައިވާ ކްރައިސިސް ކޮމިޓީގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ، މި މަސައްކަތަކީ އެސްޓީއޯ، ފިނޭންސް މިނިސްޓްރީ އަދި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަޝްރޫޢެއް ކަމަށެވެ.
ވަޒީރު ޒަމީރު ވިދާޅުވީ ތެލުގެ ސްޓޯރޭޖް ހެދުމަށް ބަލާއިރު، އެކި މޫސުންތަކުގައި ބޮޑެތި އުޅަނދުފަހަރު ކައިރިކުރެވޭނެ ފަސޭހަ ލޮކޭޝަނަކަށް ވާންޖެހޭނެ ކަމަށެވެ. އެގޮތުން މިހާރު މާލެ ކައިރިން ދެ ރަށެއްގެ ކައިރީގައި އޮތް ދެ ފަޅެއް ބަލަމުންދާ ކަމަށާއި، އެ ތަންތަނުގެ ސާވޭގެ މަސައްކަތް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ފެށޭނެ ކަމަށް ވަޒީރު ފާހަގަކުރެއްވިއެވެ. މި މަޝްރޫޢުގެ ފީސިބިލިޓީއާއި ޑިޒައިންގެ މަސައްކަތްތައްވެސް މިހާރު ދަނީ ކުރިއަށް ކަމަށްވެސް ވަޒީރު ޒަމީރު ވިދާޅުވިއެވެ.
މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ވަޒީރު ވިދާޅުވީ "ޓާގެޓަކީ ކުރިއަށް އޮތް ދެހަފްތާ ނިމެންވާއިރަށް ރައީސްގެ އަރިހަށް މީގެ ކޮމްޕްރެހެންސިވް ޕްލޭނެއް އެކުލަވާލާ ފީސިބިލިޓީއާ އެކުގައި އަދި އޭގެ ފައިނޭންސިން އޮޕްޝަންތަކާ އެކު ރައީސްގެ އަރިހަށް ގެންގޮސް ރައީސް ނިންމަވާ ގޮތެއްގެ މަތިން އެކަން ނިންމުން" ކަމަށެވެ.
ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް އަދިވެސް ދަށަށް ނުދިޔަ ނަމަވެސް، ރާއްޖޭގައި ތެލުގެ އަގުތައް ހިފެހެއްޓިފައިވާ ކަމަށާއި ރާއްޖެއަށް ތެޔޮ ގެނައުމުގައި އެއްވެސް ދަތިކަމެއް ނެތް ކަމަށް ސަރުކާރުން ބުނެއެވެ. ވަޒީރު ޒަމީރު އިތުރަށް ވިދާޅުވީ ތެލުގެ ރިޒާވް ޤާއިމްކުރުމުން ރާއްޖޭގެ ބޭނުންތަކަށް ތެޔޮ ރައްކާކުރުމުގެ އިތުރުން، ބާކީ ހުންނަ ބައި ކުއްޔަށް ދޫކުރުމުގެ ފުރުޞަތުވެސް އޮންނާނެ ކަމަށެވެ.
ސަރުކާރުގެ އަމާޒަކީ އެއް އަހަރު ދުވަހަށް ބޭނުންވާނެ ވަރަށް ތެޔޮ ރައްކާކުރެވޭނެ ރިޒާވްއެއް ޤާއިމްކުރުމެވެ. ފަސް އަހަރުގެ ޕްލޭންގެ ދަށުން ކުރިއަށްގެންދާ މި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލުމަކީ ސަރުކާރުގެ ބޮޑު އަމާޒެކެވެ.